ހަބަރު

އިމްރާންގެ އިނާޔަތްތައް ކަނޑާލީ އިންޓަވިއު ދިނުމުން: ހޯމް މިނިސްޓަރު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ދީފައިވާ ހާއްސަ އިނާޔަތްތައް ކަނޑާލީ، ގޭބަންދުގައި ހުންނަވާ މީޑިއާއަށް އިންޓަވިއު ދެއްވުމުން ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ހާއްސަ އިނާޔަތެއްގެ ދަށުން އިމްރާން މި ނިމިދިޔަ ރޯދަ މަހު ހުންނެވީ ގޭބަންދުގަ އެވެ. ނަމަވެސް ގޭބަންދުން އަނބުރާ ޖަލަށް ގެންދެވި ދުވަހު އިމްރާން ވަނީ ރާއްޖެޓީވީއަށް ހާއްސަ އިންޓަވިއުއެއް ދެއްވާފަ އެވެ. އަދި ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އިދިކޮޅު ފަރާތްތަކުގެ މަސައްކަތަށް ހިތްވަރު ދެއްވާފަ އެވެ.

ސަން ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، އިމްރާން ގެއަށް ބަދަލުކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އޭގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އެއްބަސްވުމާ ހިލާފުވެއްޖެނަމަ ދީފައިވާ އިނާޔަތްތައް ކަނޑާލެވޭނެ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ ލުއި ފަސޭހަ ގޮތްތައް ހޯދައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިމްރާން ގެއަށް ރާއްޖެޓީވީގެ ރިޕޯޓަރު ވައްދައި، އިންޓަވިއު ދެއްވުމުން ހިތާމަކުރައްވާ ކަމަށެވެ.

އިމްރާން ގޭބަންދަށް ބަދަލުކުރުމުގެ ކުރީގައި ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އަލުން ޖަލަށް ގެންގޮސް ބަހައްޓާފައިވަނީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

އިމްރާންއާ މެދު އަމަލު ކުރަމުންދަނީ އަނިޔާވެރިކޮށް ކަމަށް އޭނާގެ އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.