ވިޔަފާރި

އެންސިސް ދަޅު މަސް ބަންދުކުރާ ކާރުހާނާގެ ބޮޑު ބައެއް ނިމިއްޖެ

  • އަންނަ އަހަރުގެ ކުރީ ކޮޅު ހުޅުވާނެ
  • މަޝްރޫއުގެ އަގު 15 މިލިއަން ޑޮލަރު
  • ދުވާލަކު 25 މެޓްރިކް ޓަނު ބަންދު ކުރާނެ

ރާއްޖޭގައި ދަޅު މަސް ބަންދު ކުރުމުގެ މަސައްކަތް ފަށަން، އެންސިސް ފިޝަރީޒުން ހުޅުމާލޭގައި އަޅާ ކާރުހާނާގެ ބޮޑުބައެއްގެ މަސައްކަތް ނިމިއްޖެ އެވެ.

އެންސިސް ފިޝަރީޒްގެ އެއް ހިއްސާދާރު ކަމަށްވާ އަބްދުލް ވާހިދު ތައުފީގު "އަވަސް" އަށް ވިދާޅުވީ ފެކްޓަރީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެކްޓްރީ ހުޅުވޭ ވަރުވާނެ ކަމަށެވެ.

"މިހާރު ކުރަމުން ދަނީ އިންޓީރިއާގެ ބައެއް މަސައްކަތްތައް،" ވާހިދު ވިދާޅުވި އެވެ.

އެންސިސް ފިޝަރީޒުން 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ މި ކާރުހާނާގެ 40 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މި ކާރުހާނާ ހަދަނީ ކޮންކްރީޓް ސްޓްރަކްޗާ ހެދުމަށްފަހު، ސްޓީލް ފްރީފެބް ބައިތައް ބޭރުން ގެނެސްގެން ރާވާލާ ގޮތަށެވެ.

ކުރިން ވާހަކަ ދެއްކެވި، ވާހިދު ވިދާޅުވީ ފެކްޓްރީގެ ސަބަބުން ރާއްޖެއަށް ދެ ފައިދާއެއް ލިބޭނެ ކަމަށެވެ.

"އެއް ފައިދާއަކީ ރާއްޖޭން ރޯމަހުގެ ގޮތުގައި ބޭރުކުރާ މަހުގެ އަދަދު މަދުކޮށް އުފެއްދުންތައް ރާއްޖޭގައި ތައްޔާރު ކުރުން. މިހާރު ޔޫރަޕުގެ ގިނަ ބަޔަރުން ބޭނުންވޭ ރާއްޖޭގައި ދަޅުމަސް ބަންދު ކުރަން ފަށަން. އެއީ ތައިލެންޑަށް މިހާރު މަސް ބޭރުކުރަނީ އެ ގައުމުގައި އުޅޭ ލޭބަރުންގެ މައްސަލަތައް. ނަމަވެސް ރާއްޖޭގައި މިކަން މި އޮންނަނީ ވަރަށް ރަނގަޅަށް ރެގިއުލޭޓް ކުރެވިފަ. އެހެންވެ މީގެ ޔަގީންކަން ބޮޑުވޭ،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެކްޓަރީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ.

"ފެކްޓަރީން 250 ވަޒީފާ އުފެދޭނެ. މިއީ ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ،" ވާހިދު ވިދާޅުވި އެވެ.

އެންސިސް ހުޅުމާލެ ދަޅު މަސް ބަންދުކުރާ ކާރުހާނާއަކީ ދަޅު މަހާއި ޕައުޗް ބަންދުކުރެވޭ ގޮތަށެވެ. މިތަނުގައި އެއް ފަހަރާ 1،500 މަސް ރައްކާކުރެވޭނެ ކާރުހާނާއެއް ހުރެ އެވެ. އަދި މި ކާރުހާނާގައި ދުވާލަކު 25 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރެވޭނެ އެވެ.

އެންސިސް ކުންފުންޏަކީ 2002 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެވެ. ކުންފުނި އުފެދުނުތާ 15 އަހަރު ވެގެން ގޮސްފައިވާއިރު މިހާރު އެންސިސްއަކީ ރާއްޖޭން ޔޫރަޕަށް މަސް ބޭރުކުރަން އެންމެ ބޮޑު ކުންފުންޏެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު "ފްރެންޑްސް އޮފް ދަ ސީ" ސެޓްފިކެޓް ވެސް ލިބިފައިވެ އެވެ.