ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ހިމެނި ވަޑައިގަންނަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވެއްދި ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ނަމުގައިވާ ސޮޔަކީ އޭނާގެ ސައްހަ ސޮއި ކަމަށް ސިނާން ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަސައްކަތް ކުރި ފަހަރުތަކުގައި މަސީހު ދީފާއު ކުރައްވައި އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވި ސިނާން މިއަދު ވިދާޅުވީ މަސީހުގެ އިތުބާރު މައްސަލާގައި 45 މެންބަރަކު ސޮއި ކުރައްވާ ވައްދާފައިވާ ގަރާރުގައި އޭނާގެ ނަމުގައި އޮތް ސޮޔަކީ އޭނާ ކުރައްވާފައިވާ ސައްހަ ސޮއެއް ކަމަށާއި އެ ސޮޔާ މެދު އެއްވެސް ފަރާތަކުން ސުވާލެއް އުފައްދަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ހުންނެވީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކާއެކު ކުރިޔަށް ވަޑައިގަތުމުގައި ކަމަށާއި ރާއްޖޭގެ ގާނޫނީ ދާއިރާ އާއި ޝަރުއީ ދާއިރާއަށް ބޭނުންވާނެ އިސްލާހީ ބައްދަލުތައް ގެނައުމުގައި އޭނާގެ އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމުގެ މަގަށް ރޫޖޫއަވުމަށް ރާއްޖޭގެ އެފަދަ ޒިންމާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް އޭނާ އިލްތިމާސް ކުރައްވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް 43 ވޯޓުން ވަޑައިގެންނެވި މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ 45 މެންބަރުން ސޮއި ކުރައްވާ ގަރާރު ވެއްދި އިރު އޭގެ ތެރޭގައި ސިނާން ހިމެނި ވަޑައިގަންނަވާ ގޮތަށް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ 10 މެންބަރަކު ސޮއި ކުރައްވާފައި ވެއެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނި ވަޑައިގަނަވާ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބުރާހިމް ވަނީ އޭނާގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް ވިދާޅުވެ އިންކާރު ކުރައްވާފަ އެވެ.
މީގެ ކުރިން "މަސީހަށް ވުރެ ވެސް އަޅުގަނޑުގެ ވޯޓް މަސީހަށް ޔަގީންވާނެ" ކަމަށް ވިދާޅުވެފައިވާ ސިނާނަކީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން، އަދި ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. މެޑަމް އިސްވެ ހިންގަވާ ސަދަގާތު ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނަރަލްއަކީ ވެސް ސިނާނެވެ. އެހެންވެ އެ ގަރާރުގައި ސިނާން ސޮއި ކުރެއްވުން ވެގެން ދިޔައީ ސަރުކާރަށް ވެސް އަދި އާންމުންނަށް ވެސް ލިބުނު ވަރަށް ބޮޑު ކުއްލި ހައިރާން ކަމަކަށެވެ.
އެ ބަދަލާ ގުޅިގެން ސިނާނު ވިދާޅުވީ އެކަމާ ގުޅިގެން އަދި އެއްވެސް ވާހަކައެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި އެފަދަ ހިނދެއް މެދުވެރިވެއްޖެނަމަ އެ ބަދަލުގެ ތަފުސީލެއް ދެއްވިދާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ "މިހާރު ނިންމަވާފައިވާ އެއްވެސް ނިންމުމެއް ބަދަލު ނުވާނެ ކަމަށާއި ބަދަލު ނުވެސް ކުރެވޭނެ" ކަމަށެވެ.
ސިނާންގެ ސޮޔަކީ ސައްހަ ސޮއެއް ކަމަށް އޭނާ ވިދާޅުވި އިރު އެ ގަރާރުގައި ސޮއި ކުރެއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ އެ ބޭފުޅުންގެ ސޮޔަކީ ސައްހަ ސޮއި ކަމަށް ވިދާޅުވެފަ އެވެ.