ލައިފްސްޓައިލް

33 ސިކުންތު: ރާއްޖޭގެ ރޫބިކްސް ކިންގު!

ދުވަހަކުވެސް ރޫބިކްސް ކިއުބެއް ހައްލުކުރަން މަސައްކަތް ކުރިން ހެއްޔެވެ؟ އެހެންވެެއްޖެނަމަ އޭގެ އުނދަގޫކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ރޫބިކްސް ކިއުބް އެއް ހައްލު ކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ސައުވީސް ގަޑިއިރު ވަންދެން އެ ހިފައިގެން އިނަސް ކޮންމެ ކޮންމެ މީހަކަށް އެކަމެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް އުނގޫފާރު ސްކޫލްގައި ކިޔަަވަމުންދާ އަހްމަދު ގިލްމަންއަށް އެއީ ހަމަ ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެކެވެ. މިދިޔަ އަހަރު އުފަން ދުވަހުގެ ހަދިޔާއަކަށް ލިބުުނު ރޫބިކްސް ކިއުބު އެހެން ހުރިހާ އެއްޗަކަށްވުރެ އޭނާއަށް ޝައުގުވެރިވި އެވެ. ރޫބިކްސް ކިއުބެއް ހައްލު ކުރަން ލިބުނު ފުރަތަމަ ފަހަރަކީވެސް އެއީ އެވެ.

"އުފަން ދުވަހު ހަދިޔާއަކަށް ބޭބެ ގެނެސްދިނީ ރޫބިކްސް ކިއުބެއް. އެއީ ނޮވެމްބަރު މަހުގެ 29. ދެން ޑިސެމްބަރު މަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅުނިން އެ ހައްލުކުރަން. ބޭބެ ކިޔައިދިން ފްރެންޗް މެތޮޑްގެ އެއްބައި. އަނެއްބައި އަމިއްލަ އަށް ދަސްކުރީ،" އަވަސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި ގިލްމަން ކިޔައިދިނެވެ.

އެންމެ ފުރަތަމަ ރޫބިކްސް ކިއުބު އެއްކޮށް ހައްލުކުރަން ގިލްމަން އަށް ހޭދަވީ ހީކުރާވަރަށް ވުރެ މަދު ވަގުތު ކޮޅެކެވެ. ދެ މިނެޓާ 30 ވަރަކަށް ސިކުންތެވެ. އެފަހުން ޕްރެކްޓިސް ކުރަމުން ކުރަމުން ގޮސް މިހާރު ނިކަން އަވަހެވެ.

އުނގޫފާރު ސްކޫލްގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައިވާ ވީޑިއޯގައި ގިލްމަން ރޫބިކްސް ކިއުބު އެއްކޮށް ހައްލުކޮށްލާ ނިންމާލަނީ 45 ސިކުންތު ތެރޭގަ އެވެ. އެއީ އަދި އޭނާގެ އެންމެ ފާސްޓް ސްޕީޑެއް ނޫނެވެ. ތިރީސް ތިން ސިކުންތުން ވެސް ގިލްމަން ރޫބިކްސް ކިއުބު ހައްލުކޮށް ނިންމާލި އެވެ.

"ކުދިންނަށް ދަސް ވެސް ކޮށްދެން ހައްލުކުރަން. މިހާރު އެހާ ބޮޑަށް ނޫޅެވޭ އެކަމަކާ. އެކަމަކު ބައެއް ފަހަރު ރައްޓި ކުއްޖަކާ ދެ މީހުން ފޫހިވެގެން އެހެން އުޅޭއިރު ބަލައިލަން ކާކަށްތޯ ކުރިން ނިންމެނީ،" ގިލްމަން ބުންޏެވެ.

ގިލަމްނަ އަކީ އުނގޫފާރު ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އާންމުކޮށް އެވްރެޖައި ގިލްމަންގެ ނަތީޖާ ހުރި ނަމަވެސް އެއީ ހިސާބުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރެކެވެ. ކޮމާސް ސްޓްރީމްގައި ގިލްމަން ކިޔަވާއިރު ކުރިއަށް ދާނެ ދާއިރާ އަދި ކަނޑައެއް ނާޅަ އެވެ.

ރޫބިކްސް ކިއުބު ހައްލުކުުރުމުގެ ރިކޯޑް މިހާރު އޮތީ އިންޑޮނޭޝިޔާގަ އެވެ. އެއީ 4.9 ސިކުންތުން ހައްލުކޮށްގެންނެވެ.