ހަބަރު

ސޮއިކުރި މެންބަރުން އަނބުރާލަން ރިޝްވަތު ދޭ ކަމުގެ ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ދުރުކުރުމަށް މައްސަލަ ވައްދަން ސޮއިކުރި ޕީޕީއެމްގެ މެންބަރުން އަނެއް ކޮޅަށް އަނބުރާލުމަށް ރިޝްވަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރޭ ތުހުމަތު ކުރައްވައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މައްސަލާގައި ޕީޕީއެމްގެ ފަރާތުން ސޮއި ކުރެއްވި މެންބަރުންގެ ތާއިދު އަލުން މަސީހަށް ހޯދައި އެބޭފުޅުންގެ ސޮއި އަނބުރާ ގެންދިޔުމަށް ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ބެހުމަށް ބަޔަކު ނެރެފައިވާ ކަމަށެވެ.

"ޕީޕީއެމްގެ ޕީޖީ ލީޑަރު އެވިދާޅުވާ ގޭމް ޕްލޭން އެނގިއްޖެ، އެ ޕްލޭނަކީ ފަސް މިލިއަން ޑޮލަރު ހޯދައިގެން މެންބަރުން ހޯދުން،" ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ ރިޔާޒު ރޭ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ފައިސާ ދީގެން މެންބަރުންގެ ތާއިދު އަލުން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ޕީޕީއެމްގެ އެ މެންބަރުން ސޮއި ކުރައްވާފައިވަނީ ސަރުކާރުގެ އަމަލުތައް ގޯސްވެގެން ކަމަށެވެ. އެއީ އެ މެންބަރުން ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއް ކަމަށް ދެކޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ސޮއި ކުރެއްވި މެންބަރުންނަށް ހުދު ރައީސް ޔާމީން ގުޅުއްވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެ މެންބަރުން ރައީސް ޔާމީންގެ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި މެންބަރުންގެ އެއްބާރުލުމަށް އެ މެންބަރުންގެ އަރިހުގައި އާދޭސް ދެންނެވި ނަމަވެސް މެންބަރުންނަށް ރައީސް ޔާމީން ރިޝްވަތު ނުދެއްވާނެ ކަމަށެވެ. މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މީގެކުރިން ވެސް ރިޝްވަތުގެ ވާހަކަތައް ފެންމަތިވި އެވެ. އިއްޔެ ފުލުހުން ވެސް ބުނެފައިވަނީ އެފަދަ ރިޝްވަތުގެ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ނެގި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދެއްވި ކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށްކޮށް ވަނީ ދައުވާކޮށްފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް އެ ތުހުމަތު ވަނީ ކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ފާރިސް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ފަހުން ހުށަހެޅި މައްސަލައާ ގުޅިގެން ރިޝްވަތުގެ ތުހުމަތެއްގައި ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން އިންކާރު ކުރެ އެވެ.