ހަބަރު

ހުޅުދޫ-މީދޫގައި ނަރުދަމާގެ ހިދުމަތަށް އެދެން ހުޅުވާލައިފި

Jul 5, 2017

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުދޫ - މީދޫގައި ނަރުދަމާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އެ މުއްދަތުގައި ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގޭގެއަށް ޕްރޮޖެކްޓްގެ ދަށުން ހިލޭ ހޮޅި ގުޅައިދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަކަށް، ގޭގެއަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ އެރަށެއްގައި އެހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކުންފުނިން އެކަމަށް ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެ އެވެ.

އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން އަދި ސިއެރާ ކޮންސްޓްރަކްޝަން ހުޅުމީދޫ ސައިޓް އޮފީހުން ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.