ރިޕޯޓް

އަދީބުގެ ގޮޅި މާ ރަނގަޅު!

ބޮޑެތި ޖަލު ހުކުމުތަކެއް އައިސް އެ ހުކުމްތަކުގެ ތަންފީޒީ މަރުހަލާގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޮންނަވަނީ "ހޮހަޅައެއް" ގައި ކަަމަށް މީގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެފައިވެ އެވެ. އެ ތަނަށް ވަޔާއި އަލި ނުވަންނަ ކަމަށް ވިދާޅުވި އެވެ. އެތާނގައި އަދީބު އުޅުއްވާ ހާލު ވަރަށް ދަތި ކަމަށް ވިދާޅުވެ މަހުލޫފު ވަރަށް ގިނަ ވާހަކަ ދެއްކަވާފައިވާއިރު އެ ގޮޅީގެ "ކަޑަ" ކަމުގެ އެތަކެއް ވާހަކައެއް ވަނީ އުފަންވެފަ އެވެ.

މިހާރު އަދީބު އޮންނެވީ އެ ބުނާ ހޮހަޅައިގައެއް ނޫނެވެ. ތަހުގީގު ޖަލު، ދޫނިދޫގެ ގޮޅިއެއްގަ އެވެ. އެ ރަށުގައި އަދީބު އޮންނަވާ ގޮޅީގެ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވުމަށް ފަހު ރަސްމީ މީޑިއާއަށްވެސް ވަނީ އައިސްފައެވެ. މަހުލޫފު ވަނީ އެ ފޮޓޯއިން ފެންނަނީ އަދީބު ކަމުގެ "ޔަގީންކަން" ވެސް ދެއްވައި އެއީ ނިކަމެތި ހާލެއްގެ ގޮތުގައި ވެސް ސިފަ ކުރައްވާފަ އެވެ.

އެ ފޮޓޯ މިހާރު އޮންނާނީ އެންމެންނަަށް ވެސް ފެނިފަ އެވެ. އިރެއްގައި ވަރަށް ފެންވަރުގައި އުޅުއްވި އަދީބު ކުޑަ އެނދެއްގައި އޮންނެވި މަންޒަރު އެއިން ފެންނާނެ އެވެ. ކައިރީގައި ކުޑަ މޭޒެއް ހުއްޓެވެ. ފޮތްފަދަ ތަކެތި އެ މޭޒުމަތީ ހުއްޓެވެ. އެއީ އަކީ މީހަކު ހާސްވެގެން ނޭވާ އުފުރިގެން ދާވަރުގެ ކުޑަ ގޮޅިއެއް ނޫނެވެ. ފެންނަ ފެނުމަށް އެތަނުގައި އެންމެ ފަސޭހައިން ދައުރުވާނީ ވަޔެވެ. އެތަނަށް އެންމެ ފަސޭހައިން ވަންނާނީ އައްޔެވެ. އެތަނުން އެފެންނަ ކަހަލަ މޭޒެއް އާދައިގެ ދިވެއްސެއްގެ ކުލީ ކޮޓަރީގައި ހުންނާނެ ހެނެއް ހީއެއް ނުވެއެވެ. އެއީ ނިކަމެތި ހާލެއް ހެއްޔެވެ؟

މި ގޮޅިއާ ހެދި ކުރަމުންދާ ބަހުސް ވަރަށް ދިގުވެފައި ފޯރި ގަދަ އެވެ. ސިޔާސީ ގިނަ ފަރާތްތަކުން ވަނީ އަދީބު ކަމަށް ބުނާ އެ ފޮޓޯ ފެނިގެން އިނގިލީގައި ދައިގެންފަ އެވެ. އެއީ އަދީބު އޮންނަވާންޖެހި ވަޑައިގަންނަވާ ހާލު ނޫން ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އާންމު މީހުންގެ ހިޔާލު ތަފާތެވެ. ހަމަ ވަރަށް ތަފާތެވެ.

ކޮންމެ ގޮތެއް ވިޔަސް އަދީބަކީ ކުށްވެރިއެކެވެ. ކުށްވެރިވެ އެ އޮންނެވީ ޖަލުގަ އެވެ. އުއްމީދުކުރަންވީ ކިހާ ފެންވަރެއްގެ "ގެކޮޅަކަށް" ތޯ އެވެ؟ ހިލާލީގެތޯ އެވެ. މުލިއާގެ ތޯއެވެ؟ އެހެންނަމަވެސް ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން ނައިބު ރައީސްކަން ކުރައްވާފައިވާތީ، އަދީބަށް ހާއްސަ ގޮޅިއެއް ދޭން ގާނޫނުގައި ބުނެ އެވެ. އެފަދަ ގޮޅިއެއްގައި ކުރިން އޮންނެވިވެސްމެ އެވެ. ސިޔާސީ ގިނަ ބޭފުޅުން މިހާރު ވެސް ތިއްބެވީ އެފަދަ ހާއްސަ ގޮޅިތަކުގަ އެވެ.

އާންމު މީހެއްގެ ދިރިއުޅުމަށް ބަލައިލާށެވެ. ހާއްސަކޮށް މާލޭގަ އެވެ. ކޮންމެ މީހަކީ، ގިނަ މީހުންނަކީ އަދީބު އުޅުއްވި ރެހެންދި ފްލެޓް ފެންވަރުގެ ފްލެޓެއްގައި އުޅެވޭނެ މީހެއް ނޫނެވެ. އެ ފެންވަރެއް ނެތެވެ. މާލޭގެ ގިނަ ގޭގެއަށް ބަލާށެވެ. ދިހަބާރަ މީހުނަށް ކުޑަ ކޮޓަރި ގަނޑެކެވެ. އެނދުތައް މަތި މައްޗަށް ޖަހައިގެނެވެ. ސިޓިން ރޫމެއް ހުރިއްޔާ އެތާ ވެސް މީހުން ނިދާނެވެ. ވައެއް ނުވަންނާނެ އެވެ. ނޭވާއެއް ނުލެވޭނެ އެވެ. އަދީބު އޮންނެވި ގޮޅި ކަމަށް ބުނާ ގޮޅިއަށްވުރެ އާންމު މީހުން އުޅެމުންދާ ގޮޅިތަކުގެ ހާލު މާ ގޯސް ނޫން ހެއްޔެވެ؟

ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމުގެ ކުށް ސާބިތުވެފައިވާ އަދީބު އޮންނެވި ގޮޅިއާއި އާންމުން ދިރިއުޅޭ "ގޮޅިތައް" އަޅާކިޔާލާށެވެ. އަދީބުގެ ގޮޅި ހާސްބައި ރަނގަޅެވެ. ކުށްވެރި ނުވެ ވަދެވޭ ނަމަ މާލޭގެ ގޮޅިއަށްވުރެ އަދީބު އޮންނެވި ގޮޅީގެ ތަޅުދަނޑި ލިބުން މާ ރަނގަޅެވެ.

ޖަލު ގޮޅި، ފަސް ތަރީގެ ހޮޓަލެއްގެ ކޮޓަރިއެއް ކަމަށް ހީކޮށްގެން ނުވާނެ އެވެ. ޖަލުގައި ވަރަށް ގިނަ ކުށްވެރިން އެބަތިއްބެވެ. އަދީބު އޮންނެވި ވަރުގެ ގޮޅީގައި ތިން ހަތަރު މީހުން ވެސް ތިބެ އެވެ. ވަރަށް ހާލުގައި ހުރި ގޮޅިތަކުގައި ވެސް އާންމު ކުށްވެރިން އެބަތިއްބެވެ. އެއިން ގޮޅިއެއްގެ ފޮޓޯއެއް އާންމުވެގެން ސިޔާސީ މީހަކު އެއްޗެއް ބުނާ އަޑެއް ނީވެ އެވެ. ބުނާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވެ އެވެ. އެހެންވީމާ ގޮޅިތަކުގެ ވާހަކަ ނުދެއްކިޔާ މާ ރަނގަޅުވާނެ އެވެ.