ޕީޕީއެމް ޕީޖީގެ ވައިބާ ގުރޫޕް ތެރޭގައި މެންބަރުން އެބޭފުޅުންގެ ޝަކުވާތައް ބަންޑުންކޮށްލުމާ އެކު، އެކަމާ މާޔޫސްވެވަޑައިގެން އެ ގްރޫޕުން ނެރެދިނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ގުރޫޕްގެ ސްކްރީން ޝޮޓްތަކުން ފެންނަ ގޮތުން ރައީސް ޔާމީން މާޔޫސްވެ ވާހަކަފުޅު ދައްކަވާފައިވަނީ މެންބަރުންތަކެއް ޝަކުވާތައް އިންތިހާއަށް ގިނަވެގެން ދިޔުމުންނެވެ. މެންބަރުން ޝަކުވާ ކޮށްފައިވަނީ، ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަމަށް އެހީތެރިވުމަށް ކޮމެޓީއެއް އުފައްދައި އެކަން މެންބަރުންނާ ހިއްސާކުރުމާ ގުޅިގެންނެވެ.
އެފަދަ ކޮމެޓީއެއްގެ ބޭނުމާއި މުހިންމުކަމާ ގުޅޭ ގޮތުން ސުވާލު އުފައްދައި މެންބަރުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވުމުން، ރައީސް ޔާމީން ވިދާޅުވެފައިވަނީ، "ހާދަ ޝަކުވާ ބޮޑޭ، ތިޔަހެން ނަހައްދަވާ" ކަމަށެވެ.
ރައީސް އެހެން ވިދާޅުވުމުން ވެސް މެންބަރުންގެ ޝަކުވާތައް ނުހުއްޓުނެވެ. ޝަކުވާތައް ފުލުފުލުގައި ބަންޑުން ކުރަން ފެށުމުން އެންމެ ފަހުން ރައީސް ޔާމީން ވިދާޅުވީ "އެއްވެސް ކަމެއް މެންބަރުންގެ ދާއިރާތަކަށް ފުއްދައިދެވިފައި" ނުވާ ކަމަށެވެ.
"އެއްވެސް އެމްޕީއަކަށް ފުއްދައިދެވުނު ކަމެއް ނެތް، ސަރުކާރުން ދާއިރާތަކުގެ ތަރައްގީއަކަށް ކުރި ކަމެއް ވެސް ނެތް،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އެހެން ވިދާޅުވުމާއެކު ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ، މެންބަރުން އެކަން ޕޮޒިޓިވްކޮށް ނެގުމަށް އާދޭސް ދަންނަވާފަ އެވެ. ނަމަވެސް އެއްވެސް މެންބަރަކު އެއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ދެން ވެސް ވާހަކަފުޅު ދެއްކެވީ، ރައީސެވެ.
"އަޅުގަނޑު މި ނިކުތީ މި ޕޭޖުން،" މާޔޫސް ވެވަޑައިގެން އެ ގުރޫޕުން ނިކުންނަވަން ބޭނުންފުޅުވާކަން ހާމަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"ފަލާހު ޕްލީޒް ރިމޫވް މީ،" އެންމެފަހުން ރައީސް ވިދާޅުވެފައިވަނީ މިހެނެވެ. ނަމަވެސް އެ ގުރޫޕުން ރައީސް ބޭރު ކުރެއްވި ކަމެއް ނޭނގެ އެވެ.
އަލަށް އުފައްދާފައިވާ މި ކޮމެޓީގައި މެންބަރުންގެ އިތުރުން މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިނިސްޓަރުންގެ ގޮތުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒެވެ. މެންބަރުންގެ ތެރެއިން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު ރަޝީދާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
ކޮމެޓީއާ ގުޅޭ ގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވެފައިވަނީ އެގޮތަށް އުފެއްދި އެއްވެސް ކޮމެޓީއަކުން އޭނާގެ ދާއިރާއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. ދާއިރާތަކުން ހޮވިފައި ތިބި މެންބަރުން މެދުވެރިކޮށް ސަރުކާރުގެ އިދާރާއަކާ ދައްކާނެ ވާހަކައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެން މަނިކު ދޮންމަނިކު ވިދާޅުވީ، ދާއިރާގެ ކަމެއްގެ ވާހަކަ އެފަދަ ކޮމެޓީއެއްގެ މެންބަރެއްގެ ގާތު ދެންނެވުމުން ޖަވާބު ދެއްވީ "އަޅުގަނޑު ކީއްތޯ ކުރަނީ" ކަމަށެވެ. ދާންދޫ ދާއިރާގެ މެންބަރު އައްސަދު ވިދާޅުވެފައިވަނީ "މެންބަރުންގެ ކައިރީ އާދޭސްކޮށްގެން ނުވިޔަސް އޯކޭ" ކަމަށެވެ.
ކޮމެޓީއަށް ތާއިދުކުރައްވާ ވާހަކަ ދައްކަވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އިބްރާހިމެވެ. ވިދާޅުވީ، "މިފަހަރު ކަންކަން ނުވެ ނުދާނެ" ކަމަށެވެ.