ކުޅިވަރު

އޮގާވާ ފޮނުވާލުމަށް ފަހު ނިއުއަށް ލުބުނާންގެ ޑިފެންޑަރެއް

Jul 6, 2017

ނިއުރޭޑިއަންޓްގެ ޖަޕާންގެ މިޑްފީލްޑާ، ކެސޫކީ އޮގާވާގެ އެއްބަސްވުން ބާތިލުކޮށް، އޭނާ ފޮނުވާލަުމަށްފަހު، ނިއުއިން ލުބުނާންގެ ޑިފެންޑަރެއް ގެނެސްފި އެވެ.

ނިއު އިން ގެނަސްފައި ވަނީ، ލުބުނާންގެ ފުޓްބޯޅައިގެ ބާރެއް ކަމަށްވާ އަލް އަހްދަށް ކުރިން ކުޅުނު ހުސައިން އަލް ދޫރް 23، އެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ، ލުބުނާންގެ ޝަބާބް އަލް ޝެހެލް އަށެވެ.

ކުލަބު ލެވަލްގައި އޭނާ ހޯދާފައިވާ ކާމިޔަބުތަކަށް ބަލާއިރު، އަލްއަހަދު އާއެކު ލުބުނާންގެ ލީގް ދެ ވަނަ ހޯދާފައި ވެއެވެ. އައިވަރީ ކޯސްޓަށް އުފަންވި ނަމަވެސް، އަލްދޫރު އަކީ މިހާރު، ލުބުނާންގެ ރައްޔިތެކެވެ.

ނިއު އިން ވަނީ ސީޒަން ފެށުމުގެ ކުރި، ޗެލްސީގެ ޒުވާން ޓީމުތަކަށް ކުޅުނު ނައިޖިރިއާގެ ޑިފެންޑަރެއް ގެނެސްފަ އެވެ. ނަމަވެސް އަނިޔާއާ ހެދި ނިއުއަށް ޖެހުނީ އެއްވެސް މެޗެއް ނުކުޅެނީސް އޭނާގެ އެއްބަސްވުން ބާތިލު ކުރާށެވެ.

ނިއުގެ އޮފިޝަލަކު ވިދާޅުވީ އޮގާވާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ، މިވަގުތު ބިދޭސީ މިޑްފީލްޑަރަކަށް ވުރެ ބޮޑަށް، ޑިފެންޑަރެއް ޓީމަށް މުހިންމުވާތީ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އޭޝިއާގެ ސްލޮޓަށް ލުބުނާންގެ ކުޅުންތެރިޔާ މި ގެނައީ އެހެންވެ އޮގާވާ ދޫކޮށްލަން ޖެހުނީ، އަދި ކުލަބުގެ ޓެކްނިކަލް ޓީމުން ނިންމީ ނިއު އަށް މިވަގުތަށް އެންމެ މުހިންމީ ބިދޭސީ ޑިފެންޑަރެއް ކަމަށް އެހެންވެ އޮގާވާގެ އެއްބަސްވުން ބާތިލު ކުރީ." އޮފިޝަލް ވިދާޅުވި އެވެ.

އަލްދޫރު އިއްޔަ ވަނީ، މާލެ އައިސްފަ އެވެ. އަދި އޭނާ ވަނީ އިއްޔަ ހަވިރު ނިއު ޕްރެކްޓިސް އޮތްތަނަށް ގޮސްފަ އެވެ. އޭނާ އަކީ ޑިފެންސިވްގެ ހުރިހާ މަގާމަކަށްވެސް ކުޅޭ ކުޅުންތެރިޔެކެވެ.