ދުނިޔެ

ގަތަރަށް އެޅި ފިޔަވަޅުތައް ދެމި އޮންނާނެ: ސައުދީ އިއްތިހާދު

ގަތަރާ ގުޅުން ކަނޑާލައި ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން އުޅޭ ގައުމުތަކުން އެ ގައުމަށް ހުށަހެޅި ކަންތައްތައް ނުކުރާނެ ކަމަށް އެ ގައުމުން ބުނެފައިވާތީ އެ ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރުން ހުށަހެޅި ކަންތައްތަކަށް ގަތަރުން ރަސްމީކޮށް ދިން ޖަވާބާ މެދު މަޝްވަރާ ކުރުމަށް މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ބައްދަލުވުމަށް ފަހު އެ ގައުމުތަކުން ބުނީ ގަތަރުން ދިން އިދިކީލި ޖަވާބާ މެދު ހިތާމަކުރާ ކަމަށެވެ.

ބައްދަލުވުމަށް ފަހު ސައުދީ އިއްތިހާދުގެ ގައުުމުތަކުގެ ފޮރިން މިނިސްޓަރުން ވިދާޅުވީ ހާލަތުގެ ނާޒުކުކަން ގަތަރަށް ނުވިސްނޭ ކަމަށެވެ. އަދި އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެކަށީގެންވާ ވަގުތުގައި އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ފިޔަވަޅުތައް އަޅާނީ ބައިނަލް އަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

ސައުދީ އިއްތިހާދުގެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ އެގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެފައެވެ. ގުޅުން ކަނޑައިލުމަށް ފަހު ގަތަރުން ކުރުމަށް ހުށަހެޅީ 13 ކަމެކެވެ. އެކަންތައްތަކުގެ ތެރޭގައި ގަތަރުގެ ޓީވީޗެނަލް އަލް ޖަޒީރާ ބަންދު ކުރުމާއި އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުން ހިމެނެއެވެެ.

އެކަންތައް ކުރުމަށް ދިން މުހުލަތު ފުރަތަމަ މުހުލަތު ހަމަވީ އާދީއްތަ ދުވަހު އެވެ. އެ މުހުލަތު ހަމަވާން ކައިރިވުމުން އިތުރުން 48 ގަޑި އިރުގެ މުހުލަތެއް އިއްތިހާދުން ގަތަރަށް ދިނެވެ. މުހުލަތު ހަމަވުމުގެ ކުރިން ގަތަރުން ވަނީ ރަސްމީކޮށް އިއްތިހާދަށް ޖަވާބުދާރީ ވެފައެވެ. އެގޮތުން އެގައުމުގެ އަމީރު ފޮނުއްވި ސިޓީފުޅު ރައްދު ކުރީ ކުވައިތު މެދުވެރިކޮށެވެ. އެ ސިޓީފުޅާ ބެހޭ ގޮތުން މަޝްވަރާ ކުރީ ގާހިރާގައި މިއަދު ބޭއްބި ބައްދަލުވުމުގައެވެ. -- ބީބީސީ