ދުނިޔެ

މޯދީގެ ބަޔާނުގައި ފަލަސްތީނުގެ ދައުލަތުގެ ވާހަކައެއް ނެތް

އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމަށް ވަޑައިގެންނެވުމުގެ ކުރިން ނަރެންދުރާ މޯދީ ވިދާޅުވެފައި ވަނީ ސުލްހަ ގާއިމް ކުރެވޭނީ އިޒްރޭލާ އެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ވެސް އޮންނަ ގޮތަށް ސުލްހަ ގެނައުމަށް ( ޓޫ ސްޓޭޓް ސޮލިއުޝަން) އިން ކަމަށެވެ. ނަމަވެސް އިޒްރޭލަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ފަހު ބުދަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި އެވާހަކަ ވަނީ ނުހިމަނުއްވާ ދޫކޮށްލާފައެވެ.

ނަމަވެސް އެބަޔާނުގައި ބުނެފައި ވަނީ " އިޒްރޭލް- ފަލަސްތީނު ސުލްހައިގެ ކަންތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި" ކަމަށެވެ. އިޒްރޭލުގެ ޖެރޫސަލަމް ޕޯސްޓް ނޫހުން ބުނީ މޯދީ އިޒްރޭލަށް ކުރެއްވި 49 ގަޑި އިރުގެ ދަތުރުފުޅުގެ ދޮޅު ދުވަސް ނިމިގެން ދިޔަ އިރު ދެއްކެވި އެއްވެސް ވާހަކަފުޅެއްގައި ފަލަސްތީނު މައްސަލައިގެ ވާހަކަ ނުހިމެނޭ ކަމަށެވެ.

މޯދީ އަމަލު ކުރެއްވި ގޮތާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވި އިންޑިއާގެ އޮފިޝަލަކު ޖެރޫސަލަމް ޕޯސްޓަށް ވިދާޅުވެފައި ވަނީ އެހެން ގައުމުތަކަށް ގޮސް، އެގައުމުތަކުން ކުރަންވީ ކަންތައްތަކާ ބެހޭ ގޮތުން ނަސޭހަތްދިނުމަކީ އިންޑިއާގެ ސްޓައިލް ނޫން ކަމަށެވެ. އޮފިޝަލް ވިދާޅުވެފައި ވަނީ އިންޑިއާއިން އެކަމަށް ނުރުހެނީ އެހެން ގައުމުތަކުން އިންޑިއާއަށް އައިސް ޕާކިސްތާނާ ބެހޭ ގޮތުން ނަސޭހަތްދިނުމަށް ނުރުހޭ ފަދައިން ކަމަށެވެ.

މޯދީ އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ވަނީ އެގައުމާ އެކު ގިނަ އެއްބަސްވުންތަކެއް ގާއިމް ކުރައްވާ އެދެ ގައުމަކީ ' ސްޓްރެެޓެޖިކް ބައިވެރިން' ކަަމަށް އިއުލާން ކުރައްވާފައެވެ. އިންޑިއާއާ އިޒްރޭލާ ދެމެދު ވީ އެއް އެއްބަސްވުމަކީ އާ އުފެއްދުންތައް އުފެއްދުމަށް ޓަކައި ދިރާސާ ކުުރުމަށް 40 މިލިޔަން ޑޮލަރުގެ ގުޅިފައިވާ ފަންޑެއް ގާއިމް ކުރުމެވެ.

މޯދީ އިޒްރޭލަށް ކުރައްވާ ދަތުރުފުޅުގައި ފަލަސްތީނު މީހުންގެ ސަރަހައްދަށް ވަޑައި ނުގަންނަވާނެ ކަަމަށް އެދަތުރުފުޅު ފެއްޓެވުމުގެ ކުރިން ހޯމަ ދުވަހު އެގައުމުގެ ސަރުކާރުން ބުންޏެވެ.

ގިނަ ގައުމުތަކުގެ ވެރިން އިޒްރޭލަށް ކުރައްވާ ދަތުރުފުޅުތަކުގައި އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ވަޑައިގެން އެމީހުންގެ ލީޑަރުންނާ ބައްދަލުކުރައްވައެވެ. އިންޑިއާގެ ބައެއް އިސްވެރިން ވެސް ކުރިން އަމަލުކުރައްވާފައި ވަނީ އެގޮތަށެވެ. އެގޮތުން އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީއާއި ކުރީގެ އެކްސްޓާނަލް މިނިސްޓަރުން ކަމަށްވާ ޖަޝްވަންތު ސިން( 2000) އާއި އެސްއެމް ކްރިޝްނާ( 2012) ވެސް އަމަލުކުރެއްވީ އެގޮތަށެވެ. އަދި އެގައުމުގެ މިހާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ވެސް މެއެވެ.

މޯދީގެ ދަތުރުފުޅުގައި ފަލަސްތީނުގެ ލީޑަރުންނާ ބަދަލުނުކުރައްވާ ސަބަބާ ބެހޭ ގޮތުންް އޭނާގެ ޑިޕްލޮމެޓިކް އެޑްވައިޒަރު ޑރ. މަޖުދީ އަލް ޚަލްދީ ދަ ހިންދޫ ނޫހަށް ވިދާޅުވެފައި ވަނީ ފަލަސްތީނުމީހުންނާ ގުޅުން ބަދަހިކުރަން އިންޑިއާއިން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމުގައި އިސްރާއީލާ އޮންނަ ވަރުގަދަ ގުޅުމަކީ ފަލަސްތީނާ އޮންނަ ގުޅުމަށް އެކަމުން އަސަރުކުރުވާ ކަމަކަށް ވާން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ސަރަހައްދުގައިން އިންޑިއާގެ ސިޔާސަތު ހަމަހަމަ ވާން ޖެހޭ ކަމަށެވެ. އެގޮތުން މޯދީގެ މިދަތުރުފުޅުގައި ފަލަސްތީނުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމުގެ ބަދަލުގައި އިންޑިއާއިން ވަަނީ މިދިޔަ މޭ މަހު ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސްއާ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބައްދަލުކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަލް ޚަލްދީ ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން މޯދީ އިޒްރޭލަށް ކުރައްވާ ދަތުރުފުޅުގައި އުޅުއްވާނީ ތެލްއަވީވާއި ގުދުސްގައި ކަމަށެވެ. ތެލް އަވީވަކީ އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒީ ރަށެވެ. އަދި ގުދުސަކީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ޚިލާފަށް އިޒްރޭލުން ވެރިރަށް ކަމަށް އަނޑައިގެން އުޅޭ ރަށެވެ.