ފަލަސްތީނުގެ މިނިވަން ދައުލަަތެއް އޮންނަތަން ދެކެން އިންޑިއާއިން އުއްމީދު ކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ. މޯދީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންގެ ވެރިކަމެއް އޮންނަ ރާމަﷲ އަށް ވަޑައިގެން ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ރައީސް މަހުމޫދު އައްބާހާ ވާހަކަފުކު ދެއްކެވުމަށް ފަހުގަ އެވެ.
މޯދީ ރާމަﷲ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެރަށަށް ވަޑައިގެން އައްބާހާ ބައްދަލު ކުރެއްވުމުގެ ކުރިން ޕީއޭގެ ބޮޑުވަޒީރު ރާމީ ހަމްދުﷲ އާ ބައްދަލު ކުރެއްވި އެވެ. އަދި ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތުގެ މަގުބަރާގައި މާބޮނޑިއެއް ބޭއްވެވިއެވެ. ދަތުރުފުޅާ ގުޅިގެން މޯދީ ވެވަޑައިގެންފައި ވަނީ ރާމަﷲ އަށް މިހައިތަނަށް ޒިޔާރަތް ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަށެވެ.
ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވެފައި ވަނީ ފަލަސްތީނު މީހުންނަށާއި ފަލަސްތީނުގެ ތަރައްގިއަށް އިންޑިއާއިން ކުރާ ތާއީދު އަލުން ތަކުރާރު ކުރައްވާނެ ކަމަށެވެ.
ޕީއޭގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ބުނީ ފަލަސްތީނު މީހުންނާއި އިންޑިއާ އާ ދެމެދު އޮންނަަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހު ކުރުމާ މެދު މޯދީއާއި އައްބާސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޑިޕްލޮމެޓިކް ގުޅުންތައް ދިރާސާ ކުރައްވާ މުހައްލިލުން ވިދާޅުވަނީ މޯދީގެ ދަތުރުފުޅުގެ ބޭނުމަކީ މެދު އިރުމަތީގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ތިލަފަތް ހަމަ ކުރުން ކަމަށެވެ. އެހެނީ ފަލަސްތީނު މީހުންގެ ބާރު އޮންނަ ސަރަހައްދަށް މޯދީ ވަޑައިގެންފައި މިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ހަދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
އިންޑިއާއަކީ ވަރަށް ކުރިން ފެށިގެން ފަލަސްތީނުމީހުންނަށް ތާއީދު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމަކީ ފަލަސްތީނު ދެބައިކޮށް އިޒްރޭލު އުފައްދަން އދ. ގައި ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ވޯޓު ދިން ގައުމެވެ.