މިއުޒިކް

އުފާވެރި ހަބަރުތަކަކާއެކު މާއިޝް އެނބުރި އަންނަނީ

Jul 6, 2017

މޯލްޑިވިއަން އައިޑޮލްގެ ދަތުރު ނިންމާލާފައި ނުކުމެގެން ދާން ޖެހުނު ނަމަވެސް ގިނަ ބައެއްގެ ލޮލުގައި މާއިޝް އަޅައިގަތެވެ. ގަދަ 16 ގައި މާއިޝް ދެއްކި ޕާފޯމަންސް އިން ގަދަ 12 އަށް ނުދެވުނު ނަމަވެސް އެ އަޑު އިނީ ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ރައްކާކުރެވިފަ އެވެ. އެކަމަކު އޭގެ ފަހުން މާއިޝްގެ އަޑެއް ބަޑެއް ނީވެ އެވެ.

ވަރަށް އުފާވެރި ހަދިޔާ އަކާ އެކީގައި މަހެއް ނުވަތަ ދެމަހެއް ތެރޭ މާއިޝް އަންނާނެ އެވެ. މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ އޯޑިއޯ އަދި ބައެއް ލަވަތަކުގެ ވީޑިއޯ ލަވަވެސް ހިމެނޭ އަލްބަމެއްގެ މަސައްކަތެވެ. އޭގެ ކުރިން އަމިއްލަ އޯޑިއޯ ލަވައަކާއި ބައެއް ކަވާ ލަވަތައްވެސް ނެރޭނެ އެވެ. މާއިޝްގެ ސަޕޯޓަރުން ދެން އުފާކޮށްލާށެވެ.

އަމިއްލަ ރާގުގެ ލަވަތަކުގެ އެ ހުރިހާ މަސައްކަތެއް ކުރަނީ މާއިޝް އެވެ. ލަވަތަކުގެ ޅެމާއި މިއުޒިކް އަދި ރާގު ވެސް ހަދަނީ މާއިޝް އެެވެ.

މިހުރިހާ ދުވަހުވެސް މާއިޝް ހުރި މިއުޒިކާ ދުރަކު ނޫނެވެ. އޭނާގެ އަޑު ނީވުނަސް އޭނަ ދިޔައީ މިއުޒިކް ދާއިރާގަިއ ހަރަކާތްތެރިވަމުންނެވެ. ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ގެ ޑިވައިން ބޭންޑުގެ ކީބޯޑިސްޓަކީ މާއިޝް އެވެ. ކޮންމެވެސް ވަރަކަށް ރިސޯޓްތަކުގައި މާއިޝް ޕާފޯމްކުރި އެވެ. އެހެންވީމަ މާއިޝް ނުގެއްލެ އެއް ނޫން ހެއްޔެވެ؟

މާއިޝް މިހާރުދަނީ އިތުރު ބޭންޑެއް އުފައްދާ ޝޯތައް ދިނުމަށްވެސް ތައްޔާރުވަމުންނެވެ. މާއިޝް އަށް ހާއްސަކޮށް ހަދާ އަމިއްލަ ބޭންޑެކެވެ. މަޝްހޫރު ބޮޑުބެރު ގްރޫޕް 1438ގެ ހިޔަލުގެ ދަށުން އުފައްދާ ބޭންޑެކެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ. އެ ބޭންޑާއެކީގައި މާއިޝް ނުކުތް ނަމަވެސް ޑިވައިން ބޭންޑުގެ ކީބޯޑިސްޓެއްގެ ގޮތުގައިވެސް މާއިޝް ފެންނާނެ އެވެ.