ހަބަރު

މެންބަރުން ލަންކާއަށް ދިޔައީ 2018 އަށް ކެމްޕެއިން ކުރަން: ޕީޕީއެމް

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ މަޖިލީހަށް ނިސްބަތްވާ އިސް މެންބަރުންތައް ސްރީލަންކާއަށް ވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ކަމަށް ޕީޕީއެމްގެ ސެކްޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ލަންކާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ހިމެނެނި ވަޑައިގަންނަވަނީ ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް މިއަދު ވިދާޅުވީ ޕީޕީއެމްގެ އެ މެންބަރުން ލަންކާއަށް ވަޑައިގަތީ އެ ގައުމުގައި ތިއްބަވާ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ 2018 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ މަސައްކަތެއްގައި ކަމަށެވެ.

"މި އަހަރު ކުރީ ކޮޅުވެސް އަޅުގަނޑުމެން ޕާޓީގެ ޓީމެއް ލަންކާއަށް ގޮސް ކެމްޕެއިން ކުރި. ހަމަ އެގޮތަށް މި ފަހަރުވެސް ސީނިއާ މެންބަރުންތަކެއް އެ ވަޑައިގަތީ ސަޕޯޓަރުންނާ ބައްދަލު ކުރަން،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމް ލީޑާޝިޕްގެ އެންމެ އިސް ބައެއް މެންބަރުން ކެމްޕެއިންއަށް ލަންކާއަށް ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ އޮއްވާ ވަޑައިގަތީ ކީއްވެތޯ ސުވާލު ކުރެއްވުމުން ހަލީލް ވިދާޅުވީ މަސީހުގެ މައްސަލައަކީ ޕީޕީއެމް އިން މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ މައްސަލަ ކަމަށެވެ. ނަމަވެސް ޕާޓީގެ ފޯކަސް އޮތީ އެންމެ ދިމާލައަކަށް ނޫން ކަމަށެވެ.

މަޖިލީހުން މަސީހު ބޭރު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފެށި ހިސާބުން ޕީޕީއެމްގެ ތެރެއިން 10 މެންބަރަކު ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ބުނަމުން އަންނަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނެ ކަމަށެވެ.