ހަބަރު

ްތިލަފުށީގައި ކުނި އަންދާ މެޝިނެއް ބަހައްޓަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

ކ. ތިލަފުށީގައި ކުނި އަންދާ މެޝިން ނޫނީ، އިންސިނެރޭޓާ އެއް ބަހައްޓަން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެސްއޭޑަބްލިއު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި އެސްއޭޑަބްލިއު އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އޭޕީ ޖަޔަރަތްނާ އެވެ. ފަސް މަސް ދުވަހުގެ ތެެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2.4 މިލިއަން ޑޮލަރަށެވެ.

މިނިސްޓަރު ވިދާޅުވީ، ތިލަފުށީގައި ނުރައްކާތެރި ގޮތުގައި ކުނި އެންދުމުގެ މަސައްކަތް ހުއްޓާލުމަށް އެތަނުގައި 20 ޓަނުގެ އިންސިނެރޭޓާ އެއް ގާއިމުކޮށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ ކަމަށެވެ. ތިލަފުށީގައި ރައްކާތެރި ނޫން ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރާތާ ވަނީ އެތައް ދުވަހެއްވެ، ހައްލެއް ނުލިބިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މި މަސައްކަތްތަކުގެ ތެރޭގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ގޮންޖެހުންމަކީ ގްރޭޓާ މާލެ ރީޖަންގެ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޕްލޭންކޮށް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

"މާލޭ ސަރަޙައްދުގެ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދީގެން އެކަން ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރައްވާފައިވޭ" މިނިސްޓަރު ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށް އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ މަސައްކަތްތައް އިތުރުކޮށް މުޅި މާލެއިން ކުނި ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ގޭގެއިން ކުނި އުކާލުމަށް އެކަމަށް ހާއްސަ އުޅަނދުތައް ގެނެސް މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މާޅެއިން ތިލަފުއްޓަށް ކުނި ގެންދިޔުމުގެ މަސައްކަތް ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުން ވަކި ސަރަހައްދެއް ހާއްސަކޮށް އިންތިޒާމެއްގެ ތެރެއިން ވަނީ މަސައްކަތް ފަށައިފަ އެވެ.