ލައިފްސްޓައިލް

ބޭނުންނުވެގެން އެއްލައިލި ކުދިން މިއަދު ވަރަށް ހުނަރުވެރި

އެދުވަހު އެއްވެސް މީހަކު އެކުދިން ބޭނުންނުކޮށް ހަވާލުނުވީ އެއީ މުޖުތަމައުގައި ބޭނުންތެރި މީހަކަށް ނުވެދާނެތީ އެވެ. މައިންބަފައިން އެކުދިން އެއްލައިލުމުން އާއިލާއިންވެސް ހަވާލުނުވި އެވެ. އެދުވަހުން ފެށިގެން އުޅެމުން އައީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އުފަން އާއިލާ އާ ދުުރުވެ އެކުދިން ކަހަލަ އެހެން ކުދިން ތަކަކާއެކު "ގުޅުން ނެތް" އާއިލާއެއްގަ އެވެ. އާންމުކޮށް އެ އުމުރުގެ ކުދިން ބޭނުންކުރާ ކަހަލަ އަގުބޮޑު އެއްޗެހި ނުލިބި ވަރަށް އާދައިގެ ދިރިއުޅުމެކެވެ.

އެމްއެންޑީއެފުން ހިންގާ މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިން ކޯހުގައި ގިނަ ކުދިންތަކެއް ބައިވެރިވިއިރު ގިނަ ކުދިންނަކީ ދުވަހަކުވެސް ކޮމްޕިއުޓަރެއްގައި އަތްލާ ކުޅެލުމުގެ ފުރުސަތުވެސް ނުލިބޭ ކުދިންނެވެ. އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަކުގައި ކުދިންނަށެވެ. އެހެން ނަމަވެސް ފުރަތަމަ ސެމިސްޓާ ނިމުނުއިރު އެކުދިންނަކީ ކުޅަދާނަ އަދި ހުނަރުވެރި ކުދިންތަކެއްކަން މިވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.

ފުރަތަމަ ސެމިސްޓާ ނިންމާލައި ކޮރަލްޑްރޯ ބޭނުންކޮށްގެން ކުދިން ކުރަހާލާފައިވާ ބައެެއް ކުރެހުންތައް މިވަނީ ދައްކާލާފަ އެވެ. އާންމުކޮށް ކުދިން ކުރަހާފައި ހުރީ އިމާރާތާއި، ކާތަކެތި އަދި ފޯނު ކަހަލަ ތަކެއްޗެވެ. ބާވީސް ކުއްޖެއްގެ ކުރެހުން ވަނީ ދައްކާލާފަ އެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެ ކޯހަކީ ތިން މަސް ދުވަހުގެ ކޯހެކެވެ. އެ ކޯހުގައި ފޮޓޯޝޮޕް އަދި ވެބްޑިޒައިނިން ވެސް ކިޔަވައިދޭނެ އެވެ. ކޯހުގެ ފުރަތަމަ ސެމިސްޓާ ނިމުނު އިރު ކުދިން ކުރަހާފައިވާ އެއްޗެއްސަށް ބަލައި، ކޯސް އެއްކޮށް ނިމޭއިރު އެކުދިންނަކީ އެ ދާއިރާއިން ކުރިއަށް ދެވޭނެ ކުދިންކަން ދެނެގަނެވެ އެވެ. އެކުދިން އެހާވެސް ހުނަރުވެރި އެވެ.

ބޭނުންނެތިގެން އެއްލައިލަން ހެޔޮ ނުވާނެ އެވެ. ކޮންމެ ކުއްޖަކީވެސް އެހާ ހުނަރުވެރި ކުއްޖެކެވެ. އެކުއްޖާގެ ހުނަރަކީ ކޮބައިކަން ދެނެގަނެ ކުރިއަށްދާން މުޖުތަމައުގެ އެއްބާރުލުން ބޭނުންވާނެ އެވެ.