ބޭރު ކުޅިވަރު

ރޫނީ އެވަޓަންއާ ވާހަކަދައްކަނީ: ރިޕޯޓް

Jul 6, 2017

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އޭނާގެ ކުރީގެ ކްލަބް ކަމަށްވާ އެވަޓަންއާ ވާހަކަދައްކަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަންގައި ރޫނީ އަށް ވަނީ ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ހޯދަން އުނދަގޫވެފަ އެވެ. ޔުނައިޓެޑާއެކު ރޫނީ ،31، ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ދެ އަަހަރު އޮތް ނަމަވެސް، ރޫނީ ދޫކޮށްލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.

ޔުނައިޓެޑްގައި ހަފުތާއަކު 250،000 ޕައުންޑްގެ މުސާރައަކަށް ކުޅެމުންދާ ރޫނީއާ އެވަޓަން އިން މަޝްވަރާ ކުރަމުންދާއިރު، އެންމެ މުހިންމު ކަމަކަށް އޮތީ ރޫނީގެ މުސާރައެވެ. އެވަޓަން އިން ރޫނީ އަށް ހަފުތާއަކު 250،000 ޕައުންޑްގެ މުސާރައެއް ނުދެވުނު ނަމަވެސް، އެ އަދަދާ ގާތްކުރާ އަދެއް އެ ކްލަބުން ރޫނީ އަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

އެވަޓަންގައި ކެރިއަރު ފެށުމަށް ފަހު ރޫނީ ޔުނައިޓެޑަށް 2004 ވަނަ އަހަރު ބަދަލުވީ 27 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ރޫނީ އަކީ މިހާރު ޔުނައިޓެޑްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ.

ޔުނައިޓެޑް ދޫކޮށް، ޕްރިމިއާ ލީގުގައި ކުޅޭނެ ހަމައެކަނި ޓީމަކީ އެވަޓަން ކަމަށް ރޫނީ ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު ޕްރިމިއާ ލީގުގެ އެހެން ކްލަބުތަކުން ވެސް ރޫނީ އަށް ޝައުގުވެރިވާ ކަމަށްވެ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޔުނައިޓެޑުން ދަނީ ފޯވަޑެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ ގެންނަން ޔުނައިޓެޑުން ދަނީ ރެއާލްއާ މަޝްވަރާކުރަމުންނެވެ. އަދި އެވަޓަންގެ ރޮމެއޫ ލުކާކޫ ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ރޫނީ އަށް އެމެރިކާ ލީގުން ހުށަހެޅުންތަކެއް ލިބުނު ކަމަށް އަޑުއެރި ނަމަވެސް، އެމެރިކާ ލީގުން އަދި އޭނާ އަށް ފުރުސަތު ނުލިބޭ ކަމަށް އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. ޗައިނާ އަށް އިން ރޫނީ އަށް ބޮޑު ހުށަހެޅުންތަކެއް އޮތް ނަމަވެސް، ޗައިނާ އަށް އާއިލާ ބަދަލުކުރަން ރޫނީ ބޭނުންނުވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.