ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވަނީ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން "އަވަސް" އަށް ކަށަވަރުވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އެކަމަނާ މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ ހަފްތާގެ ތެރޭގަ އެވެ. އެކަން އެމްއެމްއޭގެ ސީނިއާ ބައެއް ސްޓާފުންއާ އެކަމަނާ މިހާރު ހިއްސާ ކުރައްވާފައިވާ ކަމަށްވެ އެވެ.

އެކަމާ ގުޅިގެން އެމްއެމްއޭގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު ވިދާޅުވީ، އެކަމަނާ އިސްތިއުފާދޭން އުޅޭކަން އެނގިވަޑައިގެންފައި ނުވާތީ އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެކަމަނާ އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކެއްގަ އެވެ.

ރާއްޖޭގެ ފަރާތުން އދ ގައި ހުންނަވާ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަދި ރާއްޖެއިން ކެނެޑާއަށް ކަނޑައަޅާފައި ހުންނަ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް އެކަމަނާގެ ފިރިކަލުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވަނީ މަޖިލީހުން ރުހުން ދީފަ އެވެ. ބެލެވޭ ގޮތުގައި އެކަމަނާ އިސްތިއުފާ ދެއްވަނީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ ހަމަޖެއްސީ އޭރު ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު 31 ޑިސެމްބަރު 2013 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އެވެ. އަޒީމާ އަކީ އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާލިސް ކުރެއްވުމަށް ފަހު އެމްއެމްއޭގައި ގިނަ ދުވަހު ހިދުމަތްކޮށް އެ ތަނުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބޭންކްތައް ތެރެއިން ބޮޑެތި ފައިސާގެ މުއާމަލާތްތައް ހިންގާފައިވާތީ، އެކަމުގައި އަޒީމާގެ އިހުމާލު އޮތްކަމަށް ބުނެ އެކަމަނާއަށް އިދިކޮޅު ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފާޑުކިޔާފައިވެ އެވެ. އެހެން ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އެކަމަނާ ދޮގު ކުރައްވާފައިވެ އެވެ.