ހަބަރު

"އައިހެވަން" މަޝްރޫއެއް ނުހުއްޓޭ، މާސްޓާ ޕްލޭން މި މަހު ނިމޭނެ: ސައީދު

އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން މިމަހު ނިމި އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވީ، އައިހެވަންގެ ފީސިބިލީ ސްޓަޑީގެ މަސައްކަތް މީގެ މަސްތަކެއް ކުރިން ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މުޅި ތަނުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އައިހެވަންގެ މާސްޓާ ޕްލޭނިންގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާސްޓަ ޕްލޭން ނިމުމުން ހުރިހާ މަގުތަކާއި ބަނދަރު އޮންނާނީ ކިހިނެއް ކަމާއި އެއާޕޯޓާއި އިންޑަސްޓްރިއަލް މަސައްކަތްތައް އޮންނާނީ ކޮންކޮންތާކު ކަމާއި ކޮންކޮން ގޮތަކަށްކަން ވަރަށް ސާފުކޮށް އިނގިގެންދާނެ ކަމަށެވެ. މި މަސައްކަތަށް އެއްވެސް ބުރުމެއް ނާރައި ކުރިއަށްދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"މާސްޓާ ޕްލޭނިންގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ. ނިމުމާއެކު އެކަން މީޑިއާ އާއި ހިއްސާ ކުރާނަން. މާސްޓަ ޕްލޭން ނިމުމުން ހުރިހާ މަގުތަކާއި ބަނދަރު އޮންނާނީ ކިހިނެއް ކަމާއި އެއާޕޯޓް އޮންނާނީ ކޮންތާކުތޯ. ގްރީނަރިއަ ސްޕޭސް އޮންނާނީ ކޮންތާކުތޯ. ފްރީސްޕޭސް އޮންނާނީ ކޮންތާކުތޯ. އިންޑަސްޓްރިއަލް މަސައްކަތްތައް އޮންނާނީ ކޮންކޮންތާކުތޯ." މިނިސްޓަރު ވިދާޅުވި އެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު ހަވާލު ކުރީ ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ އެވެ. އެކަމަކު ހަތަރު މަސްދުވަހުގެ ތެރޭގައި އެ ޕްލޭން ނުނިމުނީ ކީއްވެ ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ. މާސްޓާ ޕްލޭން ހަދާނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ސަރަހައްދަކަށް އަމާޒުކޮށްގެން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެސްއީޒެޑް އިން މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ އާމްދަނީގެ ބޮޑު ބައެއް ލިބޭނެ ކަމަށާއި އެސްއީޒެޑްގެ އާމްދަނީ މަދު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސްއީޒެޑްގެ މަޝްރޫއުތައް ނުހުއްޓި ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސް އޭގެ ހެޔޮ ބަދަލުތައް އިގްތިސާދަށް ފެންނާނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިއަހަރުގެ ފެބުރުއަރީ ހަވަނަ ދުވަހު ރައީސް ވިދާޅުވީ، އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަންގެ މާސްޓާ ޕްލޭންގެ ތަފްސީލްތައް މިއަހަރުގެ އޭޕްރީލް އަށް ނިމި އިންވެސްޓްމަންޓަށް ހުޅުވާލާނެ ކަމަށެވެ.

އައިހެވަން މަޝްރޫއަކީ އިހަވަން ދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް އިންޑިއާ އަދި ސައުދީ ފަންޑުން އިންވެސްޓް ކުރަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ހޯރަފުށީ ރައްޔިތުންނާ މިދިޔަ އަހަރުގެ މޭމަހު ބައްދަލު ކުރައްވާ ވިދާޅުވެފައި ވަނީ އައިހެވަންގެ މަޝްރޫއަކީ ރާއްޖޭގެ ޗާޓް އެކީ ބަދަލުކޮށް ދުނިޔޭގައި ރާއްޖޭގެ މަގާމު ބޮޑުވެގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ފެށުމަށް ބިން ހިއްކުމަށް މަސައްކަތް ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.