ހަބަރު

ކ އަތޮޅުގައި އެކަނި 1500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

  • އިންވެސްޓްމަންޓްގެ އަމާޒަށް ވާސިލްވެވޭ
  • 500 މިލިއަން ޑޮލަރަށް ވުރެ ގިނަ މަޝްރޫއު އަންނާނެ
  • 50،000 އެނދު އިތުރުވާނެ

މާލެ އަތޮޅުގައި މިހާރު ވެސް 1550 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓްގެ ބިޔަ ދެ މަޝްރޫއު ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފޮރިންއިންވެސްޓްމަންޓްގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށާއި މާލެ އަތޮޅުގައި އެކަނިވެސް ގިނަ މަޝްރޫތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން މާލެއާ ދުރުނޫން ދެ ހިސާބެއް ކަމަށްވާ އެނބޫދޫ ފަޅުތެރޭގަޔާއި ތުލުސްދޫކައިރިގައި ކުރިއަށްދާ މަޝްރޫއުގެ ޖުމްލަ އަގު 1500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެނބޫދޫ ފަޅުގައި ހިންގާ ފޮރިން އިންވެސްޓްމަންޓަކީ 750 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި މާލެ އަތޮޅު ތުލުސްދޫކައިރިގައިވެސް 800 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ތަކެއް ހިނގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެ އަތޮޅުގައި ގިނަ ސަރަހައްދު ތަކެއްގައި ގިނަ ފޮރިން އިންވެސްޓްމަންޓްގެ މަސައްކަތްތަކެއް ކުުރިއަށް އެބަދޭ. އެނބޫދޫ ފަޅުގައި ޑިވެލޮޕްވަމުން އަންނަ ފޮރިން އިންވެސްޓްމަންޓަކީ 750 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް. އަޅުގަނޑު ބުނި އަދަދު އެންމެ ޕްރޮޖެކްޓަކުން ވެސް ބީޓް ވެފައި އެވަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވަނީ މިއަހަރު އެކަނިވެސް 500 މިލިއަން ޑޮލަރަށްވުރެ ބޮޑެތި ބިޔަ މަޝްރޫއުތަށް ރާއްޖެ އަންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށާއި އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން 50،000 އެނދު ރާއްޖެއަށް އިތުރުވާނެ ކަމަށެވެ.

"މި ސަރުކާރުން މަސައްކަތް ކުރަނީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް. އެހެން ކަމުން ކުރިއަށް އޮތްތަކުގައިވެސް ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާނެ. އަދި އިތުރު ޕްރޮޖެކްޓްތައް ގެނައުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރަމުން އެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.