ގައުމީ ބޭންކުން އޭޓީއެމް ބަހައްޓާ އަޑު އަހަމެވެ. އެކަމަކު މިކަހަލަތަނެއްގައި އޭޓީއެމްއެއް ހުރެދާނެ ކަމަށް ހިއެއް ނުކުރަމެވެ. މިހެން ނުބުނެވޭނެ ސަބަބެއް ނެތްތާ އެވެ؟ މިހާރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ވެސް ގައުމީ ބޭންކުން އޭޓީއެމް "ބެހެއްޓީ" އެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" އަށް ދިޔަ ކޮންމެ މީހެއްގެ ހިތުގައި މި ސުވާލުތައް ޖަމާވެ އެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ހުރި ބީއެމްއެލް ސްޓޯލުގައި އޭޓީއެމް ބަހައްޓާފައި ހުރީ ކީއްވެގެން ހެއްޔެވެ؟ އެއީ އަސްލު އޭޓީއެމް ބާ އެވެ؟
"ގިނަ މީހުން ބުނޭ ތިހެން؟ މީގެން ލާރި ނެގޭނެހޭ؟ މިއީ ހަމަ އެހެން ތަންތަނުގައި ވެސް ހުންނަ ކަހަލަ އޭޓީއެމްއެއް،" ބޭންކު ސްޓޯލުގެ ކައިރީގައި ހުރި މުއައްޒަފު އަހަރެންގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ދީފި އެވެ.
އެކަމަކު މިވަރުން އެ މުވައްޒަފު ހުއްޓައިލީއެއް ނޫނެވެ. މިއީ ހަމަ ހަގީގަތުގައިވެސް ފައިސާ ނެގޭ އަދި ޖަމާ ވެސް ކުރެވޭ އޭޓީއެމްއެއްކަން ދައްކައިފި އެވެ. އަހަރެންގެ ހިތަށް އެރި އެވެ. ގައުމީ ބޭންކު ހާދަ ކުރިއަށް ޖައްސާލައިފި އެވެ. ކުރިން އެތަށް ދުވަހަކު ބެހެއްޓޭ އޭޓީއެމް މިހާރު މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ބަހައްޓާލުމުގެ ގާބިލްކަން ހޯދައިފި އެވެ. މީގެ ހެއްކަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގައާއެކު ބީއެމްއެލް އިން ވަނީ 20 އަތޮޅެއްގެ 34 ބްރާންޗެއްގައި 85 އޭޓީއެމް ބަހައްޓާފަ އެވެ. އަދި މިހާރު 27 ސެލްފް ސާވިސް އޭޓީއެމުން ހިދުމަތްދެ އެވެ. މީގެތެރޭގައި ޑޮލަރު ނެގޭ އޭޓީއެމްވެސް ހިމެނެ އެވެ.
ފައިނޭންޝަލް އެކްސްޕޯގައި ބީއެމްއެލްގެ ސްޓޯލް ވެފައި ވަނީ ކަސްޓަމަރުންނަށް ގިނަ މިކަހަލަ ފަސޭހަތަކެއް ގެނެސްދޭ ތަނަކަށެވެ. އެގޮތުން ބީއެމްއެލްގެ ސްޓޯލްއިން ގެދޮރު އިމާރާތް ކުރުމާ ގުޅޭ ލޯނުގެ ތަފްސީލްތައް އަދި ހިތުގައި އުފެދިފައި ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ އެވެ. އެޕާޓްމަންޓެއް ގަންނަން ނޫނީ ގެއެއް އިމާރާތް ކުރަން ބޭނުން ނަމަ، ބީއެމްއެލްއަށް ވެދެވޭނެ އެހީތައް އޮޅުން ފިލުވަން ބީއެމްއެލްގެ ސްޓޯލަށް އަވަހަށް ޒިޔާރަތްކޮށްލާށެވެ.