ހަބަރު

މި ވެރިކަން ނިމި، މިނިވަން އިންތިހާބެއް އޮންނާނެ: ނަޝީދު

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނެސް ގުޅިފައިވާ ޕާޓީތަކުން ކެނޑިޑޭޓުން ބައިވެރިވާ މިނިވަން އިންތިހާބެއް އަނެއްކާވެސް ބާއްވާނެ ކަމަށް ރާއްޖެއިން ބޭރަށް އަމިއްލަ އަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުން ޑިމޮކްރެޓިކް ޕާޓިގެ 12 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ނަޝީދު ވިދާޅުވީ ޕާޓީތަކުގެ އިސްވެރިންނާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނިފައިވާ ކަމަށާއި ރާއްޖޭގައި އަލުން ޑިމޮކްރެޓިކް ވެރިކަމެއް އިޔާދަވެ މަޖިލީހާއި ކޯޓްތައް މުސްތަގިއްލުވެ ސިފައިންނާއި ފުލުހުންގެ ނިންމުންތަކުގައި ސިޔާސީ ކުލަ ނުޖެހޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ވައްކާމާއި ފޭރުމާއި މެރުމުގެ ބިރުވެރިކަމުން ރައްޔިތުންގެ ހިތުން ފޮހެލައި ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ މިނިވަން އިންތިހާބެއް އަނެއްކާވެސް ބާއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިކަމަށް އައި އިއްތިހާދު ރޫޅި، ކައުންސިލުން އިންތިހާބުން އިންތިހާއަށް ބަލިވެ އެންމެ ފަހުން ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ވެސް ރައީސް އަބްދުﷲ ޔާމީން އަށް ގެއްލިފައި ވުމުން ރައްޔިތުން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށާއި ރައީސް ޔާމީންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު މިދަނީ ރޫޅެމުން ކަމަށާއި މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުމުގެ މަގުތަށް ބަންދުވެފައިވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރު މިދަނީ ރޫޅެމުން، ރައީސް ޔާމީން އެބޭފުޅުންގެ އަމިއްލަ ވައިބާ ޕޭޖުން ވަނީ ރޭ އައުޓް ވެފަ، އިއްތިހާދު ރޫޅި ކައުންސިލުން އިންތިހާއަށް ބަލިވެ އެންމެ ފަހުން ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތި ގެއްލި، ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުވެސް ގެއްލިފަ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ އަވައްޓެރި ސްރީލަންކާގަ އެވެ. އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ނަޝީދު އެންމެ ފުރަތަމަ ލަންކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މީގެ އިތުރުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓާ ދިމާކޮށް މިދިޔަ މާޗް މަހުގެ ތެރޭގައި ނަޝީދު ލަންކާއަށް ވަޑައިގެން އެ ގައުމުގައި ހަފްތާއެއްހާ ދުވަހު ހުންނެވި އެވެ.