ރިޕޯޓް

ސިޔާސީ އުދާސްތައް ބޮޑުވެ، ހޫނު ހަފުތާއެއް!

ފިތުރު އީދުގެ ޗުއްޓީއަށްފަހު ޗުއްޓީ "މޫޑް" ނުފިލައި ކަންނެތްވެފައި ތިއްބައި އެންމެން "ހޫނުކޮށްލައި" ލޯތައް ހުޅުވައިދިނީ މިދިޔަ ހޯދަ ދުވަހު އިރު އެންމެ ހޫނުވެގެން އައި ގަޑީގަ އެވެ. އެ ހޫނު އަލިފާންގަނޑު ކައިރިވަމުންދާކަމުގެ ނިޝާންތައް އޭގެ ކުރީ ދުވަހު ފެނުނެވެ.

އިދިކޮޅު ހަތަރު ލީޑަރުންނަށް ވާގިދޭ ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެންމެން އުފާކޮށްލައި ބޮޑު ހަބަރެއް އަންނަ ކަމަށެވެ. "ބަހާރު މޫސުން" ފެށެނީ ކަމަށެވެ. އެ ބުނާ "ބަހާރު މޫސުމަކީ" ދައްކާ ދަޅައެއް ކަމަށް ސަރުކާރުގެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. އެހެނަސް ރައްޔިތުންނާއި ސަރުކާރުން ސިއްސުވާލީ 45 މެންބަރުންނާއެކު، ޕީޕީއެމްގެ 10 މެންބަރުން ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާއެކު އެވެ.

މިކަމަކީ އިދިކޮޅަށް ވާނެ ކަމެއް ކަމަށް ބުނަމުން ދިޔަސް އެކަން އޮތީ ގަބޫލު ކުރެވޭ ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. ރައްޔިތުން ވެސް އަދި ސަރުކާރަށް ވެސް އެކަން ގަބޫލެއް ނުކުރެވެ އެވެ. ސަރުކާރަށް ވެސް ބޮޑު ހައިރާންކަމެއް އެކަމުން ލިބުނުކަމަށް އެއްބަސްވެފައިވެ އެވެ. ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެ ބާރުމިނުގައި ޓްވީޓެއް ވެސް ކުރައްވާފައިވެ އެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ މެންބަރު އަބްދުﷲ ސިނާން އާއި އިލްހާމް އަހުމަދު ސޮއިކުރެއްވުން ކަމަށް ވިދާޅުވެ އެވެ.

ހޯމަ ދުވަހު ސިޔާސީ މައިދާނުގައި ހިފި އަލިފާންގަނޑު ދިޔައީ ބޮޑުވަމުންނެވެ. އަދިވެސް ދަނީ ބޮޑުވަމުންނެވެ.

މަޖިލީހުގައި މައްސަލަ ވެއްދުމަށްފަހު އިދިކޮޅު އެންމެން އެއްވީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒަށެވެ. ވަރުގަދަ ބޮޑު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އިދިކޮޅު ހުރިހާ މެންބަރުން އެތަނަށް އެއްވެ ތިއްބެވެ. އާ އުއްމީދުތަކާއި ހަބަރުތައް ދިނެވެ. އެ ބައްދަލުވުން ނުނިމެ އެވެ. އަނެއް ވާހަކައެއް ފެށީ އެވެ. ޓްވީޓްތަކުންނެވެ. އެއަށްފަހު މީޑިއާތަކަށް ދައުވަތު ވެސް ނުދީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ސޮއި ފޯޖުގެ ވާހަކަތައް އިވުނެވެ. އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ، އޭނާ މައްސަލާގައި ސޮއިނުކުރާ ކަމަށެވެ. އެއީ ސައްހަ ނޫން ސޮޔެއް ކަމަށެވެ. އަނގައި އެ ބަސް އޮތްވާ އަހުމަދު ރަޝީދު، ފާރިސް މައުމޫން ކުރިމަތީ އިންނަވާ ސޮއިކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ފަސް ވަރަކަށް މެންބަރުންގެ ސޮއި ފޯޖުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއަށް ކިނބިދޫ ދާއިރާގެ މެންބަރުން އަބްދުﷲ ރިޔާޒު ދެއްވީ ރައްދަކީ "އެ އުޅެނީ ދެރަވެގެން ދައްކާނެ ވާހަކައެއް ނެތިގެން" ކަމަށެވެ.

ސޮއި ފޯޖުގެ އަޑާއެކު ސޮއި ކުރެއްވި މެންބަރުން އެ މެންބަރުންގެ ސޮއި ހާމަކުރައްވަން ފެއްޓެވި އެވެ. ފަހަރަކު މެންބަރަކު ސައްހަ ސޮއި ކަމަށް ވިދާޅުވެ ޓްވީޓްކުރެއްވި އެވެ. މީޑިއާތަކަށް އިންޓަވިއު ދެއްވި އެވެ.

ވިލިމާލެ ދާއިރާ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު މިހެން ވެސް ވިދާޅުވި އެވެ. "އެ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރަންދާނަން" ކަމަށެވެ. އެ ވިދާޅުވީ ވަގު ސޮއިތަކުގެ ވާހަކަ އެވެ. ނަމަވެސް އަދި އަދަށް ވެސް ނިހާން އޭގެ ފަހުން ވަގު ސޮއިގެ އިތުރު މައުލޫމާތެއް އާންމެއް ނުކުރައްވަ އެވެ.

ވަގު ސޮއިގެ ވާހަކަ އޮބުނީ މި ހިސާބުންނެވެ. މަސީހުގެ ވޯޓާ އެކު އުތުރިގެން އަންނަ ރިޝްވަތުގެ ވާހަކައިންނެވެ. މެންބަރު އަހުމަދު ރަޝީދު ފުލުހަށް ވަގު ސޮއިގެ މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ފުލުހަށް ވެސް ވަޑައިގަތެވެ. ކުރެއްވީ އެހެން ޝަކުވާއެކެވެ. އޭގެ އަނެއް ދުވަހު ފުލުހުން ބޭއްވީ "ނޫސްވެރިންގެ ބައްދަލުވުން"މެކެވެ. ސުވާލެއް ކޮށްނުލެވުނު އެ ބައްދަލުވުމުގައި ފުލުހުން ބުނީ މަސީހު މައްސަލައާ ގުޅޭ ރިޝްވަތުގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ސޮއި ކުރި ފަހުން އެ މައްސަލައެއް ހުށަހުޅުމުން ވަރަށް ސުވާލު ވެސް އުފެދެ އެވެ. އެކަމަކު ފުލުހުން އެ މައުލޫމާތު ނޫސްވެރިންނަށް ދިންއިރު މައްސަލާގެ ތުހުމަތަށް ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ހުރީ ހައްޔަރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅުގައި އެންމެ ހަރަކާތްތެރި މެންބަރު އަހުމަދު ފާރިސް މައުމޫނަށް "އިންޒާރެއްގެ" ގޮތުގައި ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ބުނެފަ އެވެ.

އިދިކޮޅުގެ ޖަލްސާއެއް ވެސް ބޭއްވި އެވެ. ތާރީހީ ޖަލްސާއެކެވެ. އަމިއްލަފުޅު ޕާޓީ ފޯޑިއަމް ނޫން އެހެން ފޯޑިއަމަކުން ރައީސް މައުމޫން ފެނިގެންދިޔަ ފުރަތަމަ ޖަލްސާއެވެ. އެމްޑީޕީއާއެކު އިށީންދެވަޑައިގެން ފުރަތަމަ ޖަލްސާއެވެ. އެ ޖަލްސާގައި ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެފަ އެވެ. އެ ރޭ އިދިކޮޅު ހަތަރު ލީޑަރުންގެ އުއްމީދީ މެސެޖްތަކެއް ލިބިގެން ދިޔަ އެވެ.

ދެން ހޫނުވީ ޓީވީތަކެވެ. ވަކި ޓީވީއެއް ނޫނެވެ. ޕީއެސްއެމްގެ ޓީވީއެމް ވެސް އެ ހޫނު އިހުސާސްވި އެވެ. އެތައް ޒަމާނަކަށްފަހު އިދިކޮޅު މެންބަރަކަށް ފުރުސަތު ދޭން ޖެހުނެވެ. ވަރަށް ހަނި ފުރުސަތެއް ނަމަވެސް އެ ފުރުސަތު ދިނެވެ. ޓީވީތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވުމުގައި ކޮންމެ ރެއެއް ވެސް ހޭދަވެ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމި، ގޮތް ހުސްވާނެ ކަމަށް އިދިކޮޅު މެންބަރުން ހަރު އަޑުން ވިދާޅުވެ އެވެ. ސަރުކާރު މެންބަރުން ވިދާޅުވަނީ އެ އުޅެނީ ހަޖަމުނުވެގެން ވެރިކަމާ ތޮޅެން ކަމަށެވެ.

ސަރުކާރު ދިފާއުގައި އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކަވައި، އެތައް ފާޑުކިޔުންތަކެއް ވެސް އަބަދުވެސް އަމާޒުވާ މިނިސްޓަރު ޝައިނީ ވެސް މިދިޔަ ބުދަ ދުވަހު ވަރަށް ތަފާތު ކަމެއް ކުރެއްވި އެވެ. ވަރަށް "ބްރޯ ސްޓައިލް" ކަމެކެވެ. ރައީސް ޔާމީނަށް ތާއިދު އޮތްކަން ހާމަކުރުމަށް މާލޭގެ ނަން މަޝްހޫރު އެކި ގުރޫޕްތަކުގެ ޒުވާނުން ގޮވައިގެން އެއްވި އެވެ. އެ ޒުވާނުންތަކާއެކު ހުންނަވާ ޝައިނީ ވިދާޅުވީ މަޑުން ތިއްބަސް "ގަޓް" އެބަހުރި ކަމަށެވެ.

ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް "ލީކްވާ" އެއްޗަކަށްވެފައި މި އޮންނަނީ ޕީޕީއެމް ޕީޖީ ގުރޫޕްގެ ވައިބާ ގުރޫޕެވެ. އާނ! ގުރޫޕެވެ. ޕޭޖެއް ނޫނެވެ. އެ ގުރޫޕުން ލީކްވާ އެއްޗެއްސަކީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވާ ތަކެއްޗެވެ. އިދިކޮޅުގެ ފޯޑިއަމްތަކުގައި އެވަަރަށް ހަޖޫ ވެސް ޖަހަ އެވެ. ބުދަ ދުވަހު، ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެން، އެ ގުރޫޕުން ނެރެދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ގުރޫޕުގައި މިހާރު ރައީސް ނުއިންނަވަ އެވެ. މީގެކުރިން މުޅިން ވެސް އެ ގުރޫޕުން ނެރެނީ ހިޔާލު ތަފާތުވާ މެންބަރުންނެވެ. އޭގެފަހުން ރައީސް ޔާމީންގެ އަޑެއް ވެސް ނުވި އެވެ.

ސިޔާސީ މަސްރަހު މިހާ ހޫނުވެފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ. އެ ބާރުމިނުގައި ޕީޕީއެމްގެ މެންބަރު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲއާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށް މާގިނަ އިރުތަކެއް ނުވަނީސް ޕީޕީއެމްގެ އެންމެ އިސް މެންބަރުންތައް ލަންކާއަށް ދަތުރު ފެއްޓިވެ އެވެ. ލަންކާއަށް ވަޑައިގަތީ އެ ގައުމުގައި މުހައްމަދު އަބްދުﷲގެ އިތުރުން އެހެން ވެސް ހިޔާލު ތަފާތުވެފައިވާ މެންބަރެއް ހުންނެވުމުން އެ ބޭފުޅުންނަށް ބައްދަލުކުރެއްވުމަށް ކަމަށްވެ އެވެ. ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ އެ ބޭފުޅުން ލަންކާއަށް ވަޑައިގަތީ 2018 އަށް ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ.

މި ހޫނުގަނޑު ފިނިވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. އިތުރަށް ހޫނުގަނޑު ގަދަވަމުންދާއިރު ރައްޔިތުން ތިބެންވީ ވަރަށް ސަމާލުވެ އެވެ. މި ސިޔާސީ ވެރިން ހަމަ ކޮންމެ ކަމެއް ވެސް ކުރައްވަފާނެ އެވެ. ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވާފާނެ އެވެ.