ދުނިޔެ

ސައުދީގެ ބަދަލު، އާއިލީ ބަޣާވާތެއް؟

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒުގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން އެގައުމުގެ ވަލީ އަހުދު ކަމުގެ މަގާމަށް އިސްކުރީ ފާއިތުވި ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ.

ސައުދީ ތަހުތާ އެންމެ ކައިރި މަގާމަށް މުޙައްމަދު ވަޑައިގެންނެވި އިރުވެސް އޭނާ ހުންނެވީ އެގައުމުގެ ޑިފެންސް މިނިސްޓަރު ކަމުގައެވެ. އުމުރުފުޅުން އެންމެ 31 އަހަރުގެ މުޙައްމަދު އެމަގާމަށް ވަޑައިގެން އެޅުއްވި ބައެއް ފިޔަވަޅު ތަކަކީ ސައުދީ އެގައުމަށް ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ހުރި ފިޔަވަޅުތަކެއް ކަމަށް މަަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޔަމަނުގެ ހޫސީން ބަލިކުރުމަށް ކަމަށް ވިދާޅުވެ، ފެއްޓެވި ހަނގުރާމައަކީ އެފަދަ މިސާލެކެވެ. އެހަނގުރާމައަށް އެތައް މިލިޔަން ޑޮލަރެއް ހޭދަ ވެފައިވާއިރު ހޫސީން ބައްޔެއް ނުކުރެވުނެވެ. ވީހާ ވެސް ކަމަކީ އަރަބި ޖަޒީރާގައި އޮތް އެންމެ ފަގީރު ގައުމުގެ މުޅި އޮނިގަނޑު ހަލާކުވެ، އެތައް ހާސް އާއްމުންނެެއް މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުމެވެ.

މުޙައްމަދު ސައުދީ ތަހުތާ ގާތަށް ވަޑައިގެންނެވި ވަޑައިގެންނެވުން ސަރަހައްދުގެ ބައެއް ގައުމުތަކުން ސިފަކޮށްފައި ވަނީ " ބަޣާވާތެއް"ގެ ގޮތުގައެވެ. އޭނާ އެމަގާމަށް ވަޑައިގަންނަވާނެކަމަށް ބައެއް މީޑިއާތަކުން އޮތީ މާކުރިއްސުރެ ލަފާކޮށްފައެވެ. މެދު އިރުމަތީގެ މަޝްރަހު ދިރާކޮށް ރިޕޯޓްތައް ލިޔާ ' މިޑުލް އީސްޓް އައި' އިން މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ވަނީ އެފަދަ ވަރަށް ތަފުސީލު ރިޕޯޓެއް ޝާއިރުކޮށްފައެވެ. މުޙައްމަދަށް ވަލީ އަހުދުކަން ލިބިވަޑައިގެންނެވުމުން ޖޫންމަހުގެ 21 ވަނަ ދުވަހު އެ ރިޕޯޓް އަލުން ޝާއިއު ކުރިއެވެ.

" ސައުދީ ޕެލަސް ކޫ، ދަ ސީކުއެލް" މި ސުރުހީގެ ދަށުން ލިޔެފައިވާ އެ ލިއުމުގައިވާ ކަންތައްތައް ފެންނަމުން ދާތީ އެއީ ހަގީގަތްތަކެއް އެނގިގެން ލިޔެފައިވާ ލިއުމެއް ކަމަށް ގަބޫލުކުރެވެއެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޙައްމަދުގެ މަގާމު މަތިކުރަން ރޭވުންތެރިކަމާ އެކު އެއާއިލާއިން މައިގަނޑު ހަތަރު ފިޔަވަޅެއް އެޅިއެވެ.

ފިޔަވަޅު އެކެއް: މަގާމުތައް ހުސްކުރުންް

ސަލްމާން ރަސްގެފާނު ފުރަތަމަ ކުރެއްވި ކަމަކީ މުހިއްމު ހުރިހާ މަގާމުތަކަކުން ކުރިން ހުންނެވި ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުުލް ޢަޒީޒާ ގުޅުން އޮތް ހުރިހާ ބޭފުން ދުރުކޮށް ހުސްކުރެއްވުމެވެ. އެގޮތުން ޝާހީ ދަރުބާރުގެ ބަނޑޭރިއަކަށް ޢަބުދުﷲ ބަހައްޓަވާފައި ހުންނެވި ޚާލިދު ތުވައިޖްރީ ވެސް ވަކިކުރެއްވިއެވެ. އެމަގާމުވެސް ދެއްވީ ދަރިކަލުން މުޙައްމަދަށެވެ. މަގާމުތަކުން ވަކިކުރެއްވި ބޭފުޅުންގެ ތެރެއިން ތުވައިޖްރީގެ ވާހަކަ ހާއްސަކޮށް ފާހަގަ ކޮށްފައި ވަނީ އޭނާއަށް މަގާމު ގެއްލިވަޑައިގެންނެވުމަކީ އަވަށްޓެރި ޔޫއޭއީ އަށް ވެސް ބޮޑު މައްސަލައަކަށް ވީމައެވެ. އެހެނީ މިސްރުގައި އޮތް މުސްލިމްް ބްރަދަހުޑްގެ ވެރިކަންް ބަޣާވާތަކުން ވައްޓައިލުމަށް ހަރަދު ކުރުމުގެ އިސްދައުރެއް އަދާކުރެއްވީ ޔޫއޭއިގެ ސިފައިންގެ ވެރިޔާ އަދި އަބޫދާބީގެ ވަލީ އަހުދު މުޙައްމަދު ބިން ޒާއިދާއި ތުވައިޖްރީ ގުޅިވަޑައިގެެންނެވެ.

ވަލީ އަހުދަކަށް ރަސްގެފާނު ސަލްމާން ފުރަތަމަ ހަމަ ޖެއްސެވީ ކޮށްްކޯފުޅު މުގުރިންއެވެ. ނަމަވެސް އޭނާ ވަކިކުރައްވައި އެމަގާމު ދެން ދެއްވީ ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ބިން ނާއިފަށެވެ. އޭނާއާ ޔޫއޭއީގެ މުޙައްމަދު ބިން ޒާއިދާ ދެމެދު ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އޮވެއެވެ. އެއީ ބިން ނާއިފްގެ ބައްޕާފުޅާ ރާމާ މަކުނަކާ އެއްފަދަ ކުރައްވައިގެެން ބިން ޒާއިދު އެއް ފަހަރަކު ވާހަކަފުޅު ދައްކަވާފައި ވާތީއެވެ.

ދެވަނަ ފިޔަވަޅު: ދަރިދަރިކަލުން ކުރިއަށް ނެރުއްވުން

މުޙައްމަދު ބިން ނާއިފް އަށް ވަލީ އަހުދުކަން ދެއްވި ދުވަހު މުޙައްމަދު ބިން ސަލްމާން އޭނާގެ އަތްޕުޅުގައި ބޮސްދެއްވިއެވެ. ނަމަވެސް ހަމަ އެއަތްޕުޅުގައި ދަތް އެޅުއްވީ ވަރަށް އަވަހަށެވެ. ބައްޕާފުޅު ލައްވައި ބިން ނާއިފްގެ މަގާމުގެ ދައުރު ވަރަށް އަވަަހަށް ހަނިކޮށްލެއްވިއެވެ. ރަސްގެފާން ސަލްމާން ކުރެއްވި ކަމަކީ ވަލި އަހުދުގެ ދަރުބާރު އުވައިލެއްވުމެވެ. އެހެން ވުމުން ބިން ނާއިފްގެ ނުފޫޒު ހިނގާ ހަމަ އެކަނި ތަނެއްގެ ގޮތުގައި ދެން އޮތީ އިންްޓީރިއާ މިނިސްޓްރީއެވެ. އޭނާ އަކީ އެ މިނިސްޓްރީގެ މިނިސްޓަރެވެ.

މުޙައްމަދު ބިން ނާއިފް ވަލީ އަހުދުކަމަށް ވަޑައިގެންނެވުމުން ސައުުދީ ރަސްކަމުގެ ތެރެއަށް އަތްޕުޅު ބޭނުއްވުން ޔޫއޭއީގެ މުޙައްމަދު ބިން ޒާއިދަށް އޮތީ ދަތިފުޅު ކަމަކަށް ވެފައެވެ. ބިން ނާއިފްއާ އަދާވާތްތެރި ބޭފުޅެއް ހުރިކަމާ އެއީ މުޙައްމަދު ބިން ސަލްމާން ކަން އޭނާއަށް ވަރަށް އަވަހަށް ވިސްނިވަޑައިގެންނެވިއެވެ.

ނަމަވެެސް ބިން ނާއިފް ވަލީ އަހުދު ކަމުންނާއި އިންޓީރިއާ މިނިސްޓަރުކަމުންް ދުރުކުރުމަކީ އުނދަގޫ ކަމެކެވެ. އެހެނީ ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ މަގާމުތައް އަބަދުވެސް ލިބިވަޑައިގަންނަވަނީ އެމެރިކާ ރުހޭ ބޭފުޅަކަށެވެ. ސައުދީގެ ބާނީ އަދި ރަސްގެފާނު ސަލްމާން ގެ ބައްޕާފުޅު ޢަބުދުލް ޢަޒީޒު އަލް ސަޢުދު 1945 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ފްރެންކްލިން ޑީ ރޫޒްވެލްޓާ ބައްދަަލުކުރެއްވި ދުވަހުންް ފެށިގެން އެކަން އޮތީ އެހެންނެވެ.

މުޙައްމަދު ބިން ސަލްމާނަކީ އެމެރިކާ ރުހޭ ބޭފުޅަކަށް ހެއްދެވުމަށް ބިން ޒާއިދު އެހިސާބުން މަސައްކަތް ފެށްޓެވިއެވެ.

އޭރު މުޙައްމަދު ބިންް ސަލްމާން ހުންނެވީ އެެމެރިކާ ސަރުކާރުން މާ ރުހިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގެންނެވުމާއި އެކު ފެއްޓެވި ޔަމަނު ހަނގުރާމައާ މެދު އޭރު ދައުރު ހަމަވަމުން ދިޔަ ބަރަކް އޮބާމާގެ ސަރުކާރުން ނުރުހުނެވެ. އެކަމާ ވާހަކަ ދައްކަވަން އޭރުގެ ޑިފެންސް ސެކްރެޓަރީ އެޝްޓަން ކާޓާ އެތަައް ދުވަހެއް ވަންދެން މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މުޙައްމަދު އޭރު ވަޑައިގެން ހުންނެވީ ދިވެހިރާއްޖޭގައެވެ.

އެމެރިކާއާ ގުޅުން އުފެއްދުމަށް މުއާމަލާތް ކުރާނެ ޗެނަލެއް ގާއިމްކޮށްދެއްވާނެ ކަމަށް ބިން ޒާއިދު މުހައްމަދު ބިން ޒާއިދުު ވައުދު ވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަަމަށް ޓަކައި މުޙައްމަދު ވެސް އަވަސް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ވިދާޅުވިކަަމަށް ވަނީ " ވައްހާބީ ވެރިކަން ނިމުމަކަށް ގެނެސް، އިޒްރޭލަށް ފަހި، ތަނަކަށް ސައުދީ ބަދަލުވާން ޖެހޭ " ކަމަށެވެ.

މުހައްމަދު އެފިޔަވަޅު އެޅުއްވިއެވެ. ސައުދީ ދީނީ ފުލުހުންގެ ދައުރު މުޅިންހެން ނައްތައިލިއެވެ. މުނުފޫހިފިލުވުމާ ބެހޭ އިދާރާއަކަސް ވެސް އެއަށް ވުރެ ބޮޑެތި ބާރުތައް ދެއްވިއެވެ.

ތިން ވަނަ ފިޔަވަޅު: އެކަހެރި ކޮށްލުމުގެ ގަރާރުތައް

ރަސްގެފާނު ސަލްމާން ދެން އެޅުއްވި ފިޔަވަޅަކީ އެއް ދުވަހެއްގައި 40 ޝާހީ ގަރާރު ނެރުއްވުމެވެ. އެ ގަރާރުތަކުން ކުރެއްވި ކަމަކީ ވަލީ އަހުދު މުޙައްމަދު ބިން ނާއިފްގެ މަގާމާ ގުޅުން ހުރި ހުރިމާ މަގާމުތަކަކަށް އޭނާއާ ގުޅުންް ބޮޑު ބޭފުޅުންގެ ބަދަލުގައި ދަރިކަލުން މުޙައްމަދު ރުހިވަޑައިގަންނަވާ ބޭފުޅުން ހަމަޖެެއްސެވުމެވެ. އެގޮތުން މުޙައްމަދު ބިން ނާއިފްގެ ނުފޫޒުވަރަށް ބޮޑު ތަނުން ކުޑަ ކުރައްވައި އޭނާ އެކަހެރިކޮށްލެއްވިއެވެ. އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ބިން ނާއިފްއާ އެގައުމާ ދެމެދަށް ލެއްވީ ދަރިކަލުން ޚާލިދު ބިން ސަލްމާނެވެ. ވައިގެ ސިފައިންގެ މަތިންދާބޯޓެއް ދުއްވުން ނޫން އެހެން ތަޖުރިބާއެއް ނެތް ޚާލިދަށް އެމަގާމު ދެއްވީ ދަރިކަލުން މުޙައްމަދާއި އެމެރިކާއާ ދެމެދު ގުޅުން ރަނގަޅު ކުރުމަށާއި ބިން ނާއިފްގެ މުހިއްމުކަން އެމެރިކާއަށް ކުޑަ ކުރެއްވުމަށް ކަމަށް ބެލެެވެއެވެ.

ފިޔަވަޅު ހަތަރެއް: ؟

ހަތަރުވަނަ ފިޔަވަޅެއް ކަަމަށް އޭރުވެސް ލަފާކޮށްފަައި އޮތީ މުޙައްމަދު ބިން ނާއިފް ހުންނެވި މަގާމުތަކުން ދުރުކުރުމެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ސަރުކާރުން ބިން ނާއިފްއަށް ސަމާލުކަން ނުދިނުމާއި ސަލާމަތީ ކަންކަމާ ބެހޭ މުހިއްމު ބައްދަލުވުންތައް އޭނާއާ ނުލައި ބޭއްވުން ފަދަ ކަންތައްތައް ހިނގާކަން ފާހަގަކޮށް، ސުވާލު އުފައްދާފައި ވަނީ ބިން ނާއިފް އަށް ވާނެ ގޮތަކާ މެދުގައެެވެ. އާޚިރުގައި ކަން ވީ ވެސް އެހެންނެވެ.