ދީން

އިތުބާރާއެކު އަލިގަދަ ތަރީގެ ތާޖާ ހަމައަށް!

މި އަަހަރުގެ "އަލި ގަދަ ތަރި" ހާސިލްކޮށް ވިދާލި މުހައްމަދު އިސްމާއީލް އެ މަގާމް ހޯދަން ކުރި މަސައްކަތްތައް އެއީ ހިތްވަރާއެކު ކުރިމަތިލައިފިނަމަ ކަމެއް ހާސިލު ކުރަން މާ ބޮޑު ކަމަކަށް ނުވާނެ ކަން ދައްކައިދޭ ކަމެކެވެ.

ޓީޗިން ދާއިރާއިގައި އިތުރަށް ތައުލީމް ހާސިލް ކުރަމުން އަހްމަދިއްޔާގައި ކިޔަވައިދީ ބައެއް ކޯސްތަކުގައި ޤުރުއާން ކިޔަވައިދީ ޤުރުއާނުގެ ތެރޭގައި މުޅި ދުވަސް ހޭދަކުރުމުން މުހައްމަދު އިސްމާއީލްގެ ދުވަސް ނިމުނީ އެވެ. އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތް ކުރިއަށް ގެންދާތާ އަހަރުތަކެއް ވެފައިވާއިރު އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް އޭނާގެ އެއް ގޮތަަކަށް ވެސް ނެތެވެ. އާއިލާގެ މީހުނާއި ރައްޓެހިން އަދި ދަރިވަރުންވެސް އެ މުބާރާތުގައި ބައިވެރިވާން އެދެ އެވެ. މުބާރާތާމެދު ޝައުގުވެރިކަމެއް އުފެދުނީ މިދިޔަ އަހަރުގެ މުބާރާތުގައި އޭނާގެ އެކުވެރިޔާ އާދަމް ނަސީމް ވާދަކޮށް ކާމިޔާބު ހޯދި ގޮތުގައި ވާހަކަ ކިޔައިދިނުމުންނެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިވީ މާބޮޑު ތައްޔާރީތަކަކާ އެކުއެއް ނޫނެވެ. ހަމައެކނި އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ޔަގީން ކަމާ އެކުގަ އެވެ. ހިފްޒުގެ ބައި ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތެވެ.

"ހުރިހާ އެންމެންވެސް ބުނޭ މުހައްމަދަށް މިކަން ވާނޭ. ބައިވެރިވާށޭ، އެހެން ވިސްނުން އޮތަސް އެހާ ބޮޑަކަށް ނެތް. އެކަަމަކު ގިނަ ބަޔަކު އެދޭތީ ބައިވެރިވީ. ބައިވެރިވެވެން އޮތް ދަނޑިވަޅެއް ވީމަ އާއި ކިޔެވުން ބަންދުވީމަ ބައިވެރިވީ،"

މުބާރާތުގައި ބައިވެރިވާން މުހައްމަދު ނިންމީ ގުރުއާނުގެ ދާއިރާއިން ކުރިއަށްދާން އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބޮޑުބޭބެ މޫސާ އަހްމަދުގެ ލަފާ ވެސް އާ އެކުގަ އެވެ. މުބާރާތް ކާމިޔާބު ކުުރުމަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް މުހައްމަދަށް ލިބުނީ ވެސް އެ ބޮޑު ބޭބެގެ ފަރާތުންނެވެ.

"އެތާ ތިބި ބައިވެރިންގެ ކިޔެވުން އަޑުއަހާލީމަ ވަރަށް އުންމީދު ބޮޑުވި އަޅުގަނޑަށް މިކަން ކާމިޔާބު ވެދާނެ ކަމުގެ. އޭރުއްސުރެ ވަރަށް ޔަގީންކަން އޮތް. އަޅުގަނޑަށް ކާމިޔާބު ނުކުރޭނެ ސަބަބެއް ނެތް ކަމުގެ އުންމީދުވެސް އޮތް،" މުހައްމަދު ކިޔައިދިނެވެ.

އެންމެ ގިނަ ވަގުތު މުހައްމަދު ހޭދަކުރީ ހިތުދަސް ކުރުމުގެ ބައި ފަރިތަ ކުރުމުގަ އެވެ. އެކަމަކު އެއްފަހަރާ ދެ ގަޑިއިރަށްވުރެ ގިނައިރު ކިޔަވަން އިނުމަކީ މުހައްމަދަށް ކުރެވޭ ކަމެއް ނޫނެވެ. ދެ ގަޑިއިރު ފަރިތަކޮށްލުމަށްފަހު މަގުމަތީގައި ހާއްސަކޮށް ބޭރު މަގުގައި ސައިކަލް ދުއްވާލާ ބޯ ހަމަ ޖައްސާލަން ދެއެވެ. ބައެއް ފަހަރު ސައިކަލުގައި ދުއްވާފައި ދާއިރު އަޑުހަރުކޮށް ވެސް ކިޔަވަ އެވެ.

"ބައެއް ފަހަރު ރައްޓެހިންވެސް ބުނާނެ ހާދަ ބާރަކަށޭ ތި ކިޔަވަނީ ސައިކަލުގައި ދާއިރު މީހުން މަލާމަތް ކުރާނެއް ނޫންނޭ. އަޅުގަނޑު ބުނަން މީހުން ލަވަ ޖަހައިގެން މަގުމަތީގައި ވެސް ދަނީއެއް ނޫންހޭ. އެއީ މަލާމަތް ކުރާ ކަމެއް ނޫނޭ. އެހެންވީމަ އަޅުގަނޑު ﷲ ގެ ކަލާމްފުޅު ކިޔަވަމުންދާއިރު އަޅުގަނޑު ލަދެއް ނުގަނެއޭ،"

އަލިގަދަ ތަރި ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ވަގުތެއް ހޭދަ ކުރަން ޖެހެ އެވެ. ނިދިން ވެސް ބައެއް ފަހަރު މަހްރޫމްވާން ޖެހެ އެވެ. އެހުރިހާ ގުރުބަނީއެއްގެ ނިމުނު އިރު ކިތަންމެހާ ވެސް ފޮންޏެވެ.

އެންމެ އަލިގަދަ ތަރި ކާމިޔާބުކޮށް މުބާރާތުގެ ތާޖު އެޅި ނަމަވެސް މުހައްމަދަކީ މުޅިން ކިޔަވައިދިނުމުގެ ދާއިރާއަށް ހުސްވާން ވިސްނައިގެން ހުރި މީހެއް ނޫނެެވެ. އެކަމަކު ބޭނުންވީ ޤުރުއާނުގެ ދާއިރާއަކުން ކުރިއަށް ދާށެވެ.

ސްކޫލް ނިންމާފައި ރަށު ސްކޫލްގައި ވަޒީފާގައި އުޅުމަށްފަހު މާލެ އައިސް މުހައްމަދު ޤާރީ ކޯސް ހެދި އެވެ. ކިޔަވައިދިނުމުގެ ހިޔާލު އައިސް އެ ދިމާލަށް މުހައްމަދު ބާރަށް ހިނގައިގަތީ ޤުރުއާނާއި ސައިންސް ކިޔެވުމަށް ލީބިޔާގައި ހުއްޓާ އެ ގައުމުގައި ހިނގި ދާހިލީ ހަނގުރާމަ ވަރުގަދަވެ އެގައުމުގައި ކިޔަވަން ތިބި ހުރިހާ ދިވެހިން މާލެ ގެނައުމުން ކޯސް މެދުކެނޑުމުންނެވެ.

"އެދުވަސްކޮޅު ރާއްޖެ އައިސް ހުސްކޮށް ހުންނަން ބޭނުން ނުވާތީ ހަދަން ފެށީ ޑިޕްލޮމާ އިން ޓީޗިން. ޤުރުއާންގެ ދާއިރާއިން. އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ އަނެއްކާ ކޯސް ނިންމަން ލީބިޔާއަށް އަށް ދާން. އެކަމަކު އޭރުވެސް ހަނގުރާމަ މައިތިރިއެއް ނުވޭ. އޭގެ ދޮޅު އަހަރު ފަހުން އެކޮޅުން ފުރުސަތު ލިބުނީ. އެކަމަކު އޭރު ޑިޕްލޮމާ ކޯސް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި އިނީ. އެހެންވެ ވަރަށް ވިސްނާފައި މަޑުކުރީ،" ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވުނު ގޮތް ކިޔައިދެމުން މުހައްމަދު ބުންޏެވެ.

"އެ ކޯހަށްފަހު ސެޓްފިކެޓް ލިބެންވެސް މަސް ދުވަސް ނަގާތީ ވަގުތު ބޭކާރު ނުކޮށް ކިޔެވި އެއްޗެއް އަމަލީކޮށް ތަޖުރިބާކޮށްލަން ރަށުގައި ހުރި ޤުރުއާނު މަރުކަޒުން ލިބުނު ފުރުސަތުގައި ކިޔަވައިދޭން ފެށީ."

އެންމެ ބޮޑު ހިތްވަރެއް އަދި ކުރިއަށްދާން އެންމެ އެހީތެރިކަން މުހައްމަދަށް ލިބުނީ ބޮޑުބޭބެގެ ފަރާތުންނެވެ. އާއިލާ އަދި ރައްޓެހިންނާއި، އުސްތާޒުން އަދި މުހައްމަދު އުފަން ފ. ނިލަންދޫގެ ކުދިބޮޑު އެންމެންގެ ފަރާތުން އެތައް އެތައް ހިތްވަރަކާއި ސަޕޯޓެއް މުހައްމަދަށް ލިބުނެވެ. އެހާ ހިސާބަށް އޭނަ އަށް އާދެވުމުގެ ފަހަތުގައި އޮތީ އެ ޓީމެވެ.

"އަޅުގަނޑުގެ މެސެޖަކީ އިލްމީ ގޮތުން ތަޖުވީދަކީ ޤުުރުއާން ކިޔެވުމުގައި އަމަލީ ގޮތުން ބޭނުންކުރާ އެއްޗެކޭ. އެހެންވީމަ ތަޖުވީދު ހަމައެކަނި އިލްމީ ގޮތުން ބޭނުން ނުކޮށް އަމަލީ ގޮތުންވެސް ބޭނުންކުރާ އެއްޗަކަށް ހަދާށޭ. އެއީ މީގަ އެންމެ މުހިންމު އެއްޗަކީ. ދަސްކުރި އެއްޗަކާ އެއް ގޮތަށް ކިޔަވަން އަމަލުކުރާށޭ،" އޭނާ ބުންޏެވެ. "ދާއިރާއާ ދުރުގައި އުޅޭ ފަރާތްތަކަށް ދޭން އޮތް މެސެޖަކީ ކޮންމެ ދާއިރާއެއްގައި އުޅުނަސް ޤުރުއާނަކީ ދޫކޮށްލަން ވާވަރުގެ އެއްޗެއް ނޫނެ. އެއީ ކޮންމެ މީހަކަށްވެސް އެނގޭ ފަަަދައިން ﷲގެ ކަލާމްފުޅު. އެހެން ދާއިރާއެއްގައި އުޅުނު ނަމަވެސް ޤުރުއާނުގެ ތެރޭގައި އުޅެން އެބަޖެހެ އޭ. ޤުރުއާނާ ނުލާ އަޅުގަނޑުމެންނަށް ދެ ދުނިޔެ ބާއްޖަވެރި ކުރެވޭކަށް ނެތޭ. ހާއްސަކޮށް އުހުރަވީ ހަޔާތް ކާމިޔާބު ކުރަން އެދޭނަމަ ޤުރުއާން ކިޔަވާށޭ. ޤުރުއާން ކިޔެވުމަކީ އެ ކިޔަވާފައި އޭގައިވާ ގޮތަށް އަމަލު ކުރުން. އެއީ ދޭން ބޭނުންވާ މެސެޖަކީ،"