ވިޔަފާރި

ބޭންކް އޮފް ސިލޯނުގެ ފުރަތަމަ ހައުސިން ލޯނު ނެރެފި

ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ހައުސިން ލޯނެއް ނެރެފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރި އަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި ނެރުނު އެ ހައުސިން ލޯން ތައާރަފު ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އާއި ބީއޯސީގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ބީކޭ ގުރުސިންހަ އެވެ.

ބީއޯސީގެ ރާއްޖެއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގެދޮރު އިމާރާތް ކުރުމުގެ މި ލޯނު ދޫކުރަނީ 11 އާއި 12 ޕަސެންޓް އިންޓްރެސްޓްގަ އެވެ. ފަސް އަހަރުން ލޯނު ދައްކާނަމަ 11 ޕަސެންޓުގައި ދޫކުރެ އެވެ. އަދި އެއަށްވުރެ ގިނަ ދުވަހުން ދައްކާނަމަ ދޫކުރަނީ 12 ޕަސެންޓުގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ގްރޭސް ޕީޑިއަޑްގެ ގޮތުގައި ދެ އަހަރު ލިބޭނެ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ބީއޯސީގެ ރާއްޖޭގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މި ލޯނު ފްލެޓު ގަތުމާއި ގެދޮރު އެޅުމަށް ވެސް ދޫކުރާނެ ކަމަށެވެ.

ބީއޯސީއަކީ ރާއްޖޭގައި އެންމެ ކުރިން ފެށި އެއް ބޭންކެވެ. މި ބޭންކުގެ ކަސްޓަމަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.