ވިޔަފާރި

ފައިނޭންޝަލް އެކްސްޕޯ: މިއަށްވުރެ މުހިންމު ކަމެއް ކޮބާ؟

ގައުމެއް ތަރައްގީ ވުމަށް ބޭނުންވާ މައިގަނޑު ބަހާއަކީ އިގްތިސާދީ ބާރުވެރިކަމެވެ. އެކަން ކުރުމަށް ހަމައެކަނި ބޭނުންވަނީ ބޮޑެތި މަޝްރޫއުތައް އެކަންޏެއްވެސް ނޫނެވެ. އިގްތިސާދީ ގޮތުން މީހުން ހޭލުންތެރި ވާން ޖެހެ އެވެ. އެ މަގުސަދުގައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަރުބާރުގޭގައި "ފައިނޭންޝަލް އެކްސްޕޯ" ގެ ނަމުގައި ވަނީ ހާއްސަ ފެއާއެއް ފަށާފަ އެވެ. ސުވާލަކީ މިހާރުގެ ހާލަތައް ބަލާއިރު މިއަށް ވުރެ މުހިންމުކަމެއް ކޮބައި ހެއްޔެވެ؟

އިވެންޓް އޮގައިޒް ކުރާ ކުންފުނި 'ބްލަކް' އިން ރާވާލާފައިވާ ފުރިހަމަ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ އެމްއެމްއޭގެ ރަސްމީ އެގްޒިބިޝަންގައި 30 ސްޓޯލެއް ބަހައްޓާފައިވެ އެވެ. މީގެ ތެރޭގައި ދެ އިންޝުއަރެންސް ކުންފުންޏާއި އެއް ވިޔަފާރި ބޭންކް އަދި ތިން ރިއަލްއެސްޓޭޓް ޑިވޮލޮޕަރުންގެ އިތުރުން ހަތަރު އާކިޓެކްޗާ އަދި އިންޓީރިއާ ޑިޒައިންރުން ބައިވެރިވެ އެވެ.

"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" އާ ބެހޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ މި ފެއާގެ އެންމެ ބޮޑު މަގުސަދަކީ މާލީ ދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.

"މި އެގްޒިބީޝަން ބޭއްވުމުގެ މަގުސަދަދެއް މީހުން ހޭލުންތެރި ކުރުވައި، ދާއިރާގެ އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވާނެ މަގު މަގު ތަނަވަސް ކުރުން،" އަޒީމާ ވިދާޅުވި އެވެ.

ގެދޮރު ގަތުމާ ބޭހޭ މައުލޫމާތު

ފައިނޭންޝަލް އެކްސްޕޯގެ މި އަހަރުގެ ތީމްއަކީ "ހައުސިން ފައިނޭންސް" އެވެ. އެހެންވެ މުޅި އެކްސްޕޯގެ ފޯކަސް ހުރީ ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމާއި ގެދޮރާ ބެހޭ މައުލޫމާތުގެ މައްޗަށެވެ. މިގޮތުން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ލޯނެއް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ގިނަ މައުލޫމާތު ތަކެއް ދީފަ އެވެ.

މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ރާއްޖޭގެ ހުރިހާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ އިތުރުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި މީރާ ވެސް ބައިވެރިވާނެ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިރޭގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ.