ދުނިޔެ

"ޖީ20"ގެ ވެރިންނާ ދެކޮޅަށް ކުރި މުޒާހަރާތައް ފުލުހުން މައިތިރިކޮށްފި

އެންމެ ބޮޑެތި އިގުތިސާދު ތައް އޮންނަ 20 ގައުމު ( ޖީ ޓްވެންޓީ) ގެ ވެރިންނާ ދެކޮޅަށް ޖަރުމަނުގެ ހަމްބާގްގައި ކުރި ހަމަ ނުޖެހުން ބޮޑު މުޒާހަރާތައް ޖަރުމަނު ފުލުހުން މިއަދު ހެނދުނު ކޮންޓްރޯލް ކޮށްފިއެވެ.

ޖީ ޓްވެންޓީ ސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަމްބާގްގެ މަގުތަކަށް ނެރެފައިވާ 15000 ފުލުހުންގެ މައްޗަށް ގަދަވެ ގަންނަން މަސައްކަތް ކުރި މުޒާހަރާކުރާ މީހުން ކޮންޓްރޯލް ކުރެވުނީ އޭގެ ތެރެއިން 19 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްގެންނެވެ. ރޮއިޓާސް ބުނީ ޖަރުމަނުގެ ހަތިޔާރު އެޅި ފުލުހުންނާއި ކޮމާންޑޯއިން މުޒާހަރާގެ ބައިވެރިވިންގެ ތެރެއަށް ވަދެ ގަތް އިރު އެމީހުން ވަނީ ތަންތަން ލޫޓުވުމާއި ހުޅުޖެހުމުގެ ގިނަ އަމަލުތަކެއް ހިންގާފައި ކަމަށެވެ. ބޭންކަތަކާއިި ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި ވެހިކަލްތަކުގައި ހުޅުޖަހަމުން ދަނިކޮށް އެމީހުންނާ ކުރިމަތި ލުމުން ފުލުހުންގެ 197 މީހަކަށް އަނިޔާވިއެވެ.

ޖީ20 ސަމިޓްގައި ބައިވެރިވި ބައެއް މީހުން ރޮއިޓާސްއަށް ބުނެފައި ވަނީ އެފަދަ ސަމިޓެއް ބާއްވަމުން ދިޔަ ތަނަކާ އެހާ ކައިރީގައި މުޒާހަރާ ކުރަނިކޮށް މީގެ ކުރިން ދެކެފައި ނުވާ ކަމަށެވެ. ކެޕިޓަލިޒަމާ ދެކޮޅު، މުޒާހަރާތައް ހޫނުކުރާ މީހުން ގިނަ ހަމްބާގްގައި ސަމިޓް ބާއްވަން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ނިންމެވީ ޖަރުމަނަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް ޖާގަ ދިނުމުގައި ދުނިޔޭގެ ލީޑަރެއް ކަން ދެއްކެވުމަށް ކަމަށް ބެލެވެއެވެ. މާކެލްގެ މަގާމު ދިފާއު ކުރައްވަން ޖެހިވަޑައިގަންނަވާ އިންތިހާބު ބާއްވަން ދެން އޮތީ ދެމަހެއްހާ ދުވަހެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ މެދު ޖީ20ގެ ގައުމުތަކުގެ ވެރިންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް މާބޮޑު ހައްލެއް ނުލިބިވާއިރު ސަމިޓް ނިންމަން ހަމަޖެހިފައި ވަނީ މިއަދު އެވެ.