ލައިފްސްޓައިލް

ބަނޑުދިޔާވުމުން ކާން ނުވާ ތަކެތި ހުރޭ!

Apr 13, 2015

ޑައިރިއާ (ބޭރަށްހިންގުން)، ފުޑް ޕޮއިޒަނިން ނުވަތަ ކާނާ ވިހަވުން، އެލާޖީއެއް، ވައިރަހެއް ނުވަތަ ސްޓްރެސް އަދި މި ނޫން ވެސް ސަބަބުތަކާ ހުރެ ތިމާގެ ބަނޑުދިޔާވެފައި ހުންނަ ދުވަސްވަރާއި އަދި ރަނގަޅު ވުމަށް ފަހު ވެސް ބަނޑު މުޅިން ހަމަޖެހިލަންދެން ދުވަސްކޮޅެއް ވަންދެން ކެއުން ރަނގަޅު ނޫން ކާބޯތަކެއްޗާ ދުރުގައި ހުރުމަކީ މުހިންމު ކަމެކެވެ.

އެ ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހަކުރު ހަށިގަނޑަށް ވަންނަ މިންވަރު އިތުރު ވެއްޖެ ނަމަ ބަނޑު އިތުރަށް ސަކަރާތް ވާ ކަމެވެ. މިސާލަކަށް، ސައި ތައްޓެއްގައި އޭގެ ތިން ޕަސެންޓަށް ވުރެ އިތުރަށް ހަކުރު ހުރުމެވެ.

ބަނޑުދިޔާވުމުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ފައިބައިގެން ދާތީ ހަށިގަނޑު އަލުން "ރީހައިޑްރޭޓް" ކުރުމަށް އެންމެ ރަނގަޅީ އަހަރެމެން ދިވެހިން ކުރީ ޒަމާނުގައި ކިޔާ "ލޮނު ގުޅަ"އެވެ. މިއީ "ރިހައިޑްރޭޝަން ސޯލްޓް"އެވެ. ކޮންމެ ބޭސް  ފިހާރައެއްގެ ކައުންޓަރު މަތިން ފަސޭހައިން އަދި އަގުހެޔޮކޮށް ލިބޭ މި ޕެކެޓް ފެނަށް އަޅައިގެން ބުއިން މުހިންމެވެ. މިއިން ކޮންމެ ޕެކެޓެއްގައި ލޮނާ މަސްހުނިކޮށްފައި ހަކުރު ހުންނަނީ ބަނޑު އިތުރަށް ދިޔާ ނުވާނެ މިންވަރަށެވެ. އޭގައި ހަކުރު ހުންނަނީ ހަށިގަނޑަށް ހަމައެކަނި ބޭނުންވާ މިންވަރަށެވެ.

ގޭގައި ރީހައިޑްރޭޓް ކުރާ ފެން ތައްޔާރު ކުރާ ނަމަ 1 ގެލަން ފެނަށް، މާނައަކީ 4 ޖޯޑުގެ ފެނަށް އަޅަން ވާނީ 1 މޭޒުމަތީ ސަމްސަލުގެ ލޮނާއި 8 މޭޒުމަތީ ސަމުސަލުގެ ހަކުރެވެ.

 

ދޮންކޭލުގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުން ބޭރުކޮށްލާ އިލެކްޓްރޯލައިޓްސް އަލުން ލިއްބައިދެއެވެ. އަދި ދޮންކޭލުގައި ހުންނަ ޕެކްޓިން މާއްދާ އަކީ ގޮހޮރުގައި ފެން ހިފަހައްޓާ، ބޮޑުކަމުދިޔުމަށް ފަސޭހަ ކޮށްދޭ ފައިބަރެކެވެ. މީގެ އިތުރުން ދޮންކޭލުގައި ހުންނަ އިނުލިން އަކީ ގޮހޮރަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ އުފައްދައިދޭ ފައިބަރެކެވެ.

ބަތް ކާން ވާނީ "ޕްލެއިން ރައިސް" ނުވަތަ އެއަށް އިތުރު ގޮތެއް ނުހަދައި "ހުދު ބަތު"ގެ ގޮތުގައެވެ. ފްރައިޑް ރައިސް ފަދަ ކެއުންތަކާ ދުރުވާށެވެ. އަދި މާޝްޑް ޕޮޓޭޓޯ ކެއުމުގެ ބަދަލުގައި އަލުއި އަށް ވެސް އިތުރު އެއްޗެއް ނާޅާ ނުވަތަ އިތުރު ގޮތެއް ނުހަދާ ކާށެވެ. ސަބަބަކީ ހަޖަމު ކުރަން ފަސޭހަ ވާނީ އެއިރުންނެވެ.

ތާޒާ އާފަލު ކެއުމުގެ ބަދަލުގައި އާފަލު ކައްކައިގެން ކާށެވެ. އޭގައި ހުންނަ ޕެކްޓިން އާއި ހަކުރާއި އެހެނިހެން މާއްދާތައް ހަޖަމު ކުރަން ފަސޭހަ ކުރުމަށެވެ.

ބޭރަށްހިންގުން އާދަޔާހިލާފަށް ގޯސް ނަމަ، ޑައެރީ ކާބޯތަކެތި ނުވަތަ ކިރުގެ ބާވަތްތައް އެކުލެވޭ އެއްޗެހި ނުކާށެވެ. ނަމަވެސް މި ކަމުން އިސްތިސްނާ ވަނީ ޔޯގަޓެވެ.

ކުކުޅު ކާ ނަމަ، ސްޓީމް ކޮށްގެން ކާށެވެ. އެއިރުން އޭގައި ހުންނަ ޕްރޮޓީން ހަޖަމު ކުރަން ފަސޭހަ ވާނެއެވެ. ބަޓަރާއި ފެޓުގައި ތެއްލައި ނުވަތަ ފްރައި ކޮށްފައިވާ ކުކުޅު ނުކާށެވެ. ބަނޑުދިޔާވުމުން ނާޒުކުވެފައިވާ ހަޖަމު ކުރުމުގެ ނިޒާމަށް އެކަން ބަރުދާސްތު ނުކުރެވޭނެތީއެވެ.

ހިއްކާފައި ހުންނަ ބްލޫބެރީ ސްވިޑްންގައި ވަރަށް ކުރިން ވެސް އަންނަނީ ޑައެރިއާއަށް ބޭހެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. އެ ތަކެތި ސަޔަށް އަޅައިގެން 10 މިނެޓު ވަންދެން ކެއްކުމަށް ފަހު އެ ސައި ބޯށެވެ. ޕެކްޓިންގެ އިތުރުން ޓެނިން އާއި ނުރަނގަޅު ޖަރާސީމާ ހަނގުރާމަ ކުރާ އެންތޮސަޔޮނަސައިޑް އާއި ހަށިގަނޑަށް ވަންނަ ކެންސަރު ޖައްސާ "ފްރީ ރެޑިކަލް"ތަކާ ހަނގުރާމަ ކުރާ އެންޓިއޮކްސިޑެންޓް މާއްދާތައް ބްލޫބެރީގައި ހުރެއެވެ.

 

ޕެޕަމިންޓް ފަތް ސަޔަށް އަޅައިގެން ބުއިމަކީ ވެސް ބަނޑުދިޔާވުމަށް އޮތް ހައްލެކެވެ. ޕެޕަމިންޓްގައި ހުންނަ މާއްދާތަކުން ގޮހޮރުގެ މަސްތަކަށް އަރާމު ގެނުވައިދެއެވެ. އަދި ބަނޑުގައި ގޭސް އުފެދުމަށް ހުރަސްއަޅައެވެ.