ހަބަރު

އިދިކޮޅުން އެއްވެސް މެންބަރަކު ވަތްކެއް ނުވާނެ: ނަޝީދު

އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި ކުރިއަރަމުން އަންނަ ކަމަށާއި އެއްވެސް މަޖިލީސް މެންބަރަކު ވަކިނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގް ޕީޕީއެމްއާ ގުޅެން ނިންމާފައިވާ ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެނެވެ. ރައީސް ނަޝީދު ވިދާޅުވީ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުވުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށްދާ ކަމަށާއި އެއްވެސް މެންބަރަކު ސަރުކާރާ ނުގުޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ތެރޭގައި ދައުރުވަމުންދާ ސިޓީ، ނާޒިމް އާއި މަރުޒޫގު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި ސަރުކާރާ ގުޅެން ނޫޅޭ ކަމަށާއި އެފަދަ ވާހަކަތައް ފަތުރަނީ ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ކަމަށް އެ މެންބަރުން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ މެންބަރުން ސަރުކާރާ ގުޅެން އުޅޭ ކަމުގެ ސިޓީ ފެތުރިފައިވަނީ ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމްގެ 10 މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ފަށާފައި ވަނިކޮށެވެ.