ރިޕޯޓް

ކަރީމް އަބްދުލް ޖައްބާރު: އަހަރެން އިސްލާމް ވީ ކީއްވެ؟

Apr 13, 2015
4

އެމެރިކާގައި މުސްލިމެއްގެ ގޮތުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ކަރީމް އަބްދުލް ޖައްބާރު ބުންޏެވެ. ނަމަވެސް، އިސްލާމް ވުމުގެ ކުރިން ލޫ އަލްސިންޑޯގެ ނަން ލިބިފައިވާ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބުނީ އޭނާ "ހިޔާރު ކުރީ ރޫހާނީ ދިރިއުޅުމެއް" ކަމަށެވެ.

އިސްލާމް ދީނަށް ބަދަލުވުމަކީ މިއުޒިކްގެ ދުނިޔޭގައި ބައެއް ލަވަކިޔުންތެރިން ނަން ބަދަލު ކުރާހެން ވާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"މިއީ ހިތާއި ސިކުނޑިއާއި ފުރާނައަށް އަންނަ ބަދަލެއް،" އޭނާ ކިޔައިދިނެވެ.

"ލޫ އަލްސިންޑޯގެ ގޮތުގައި އަހަރެން ހުރިއިރު އެއީ އެމެރިކާގެ ދޮން މީހުން ބޭނުންވި ގޮތް. މިހާރު ކަރީމް އަބްދުލް ޖައްބާރު އަށް އަހަރެން ބަދަލު ވުމުން މިއީ ހަގީގަތުގައި އަހަރެންގެ އެފްރިކާގެ ފެށުމާއި ތާރީހާއި ސަގާފަތާ އަދި ގަބޫލު ކުރާ ވިސްނުންތައް ދައްކުވައިދޭ ގޮތް،" ކަރީމް ބުންޏެވެ.

އެމެރިކާގައި ގައުމީ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅެ މަޝްހޫރުކަން ހޯދާފައިވާ އެންމެ ދަންނަ މީހަކަށް ދީން ބަދަލު ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ލޮސް އެންޖަލިސް ލޭކާސް އަށާއި މިލްވައުކީ ބަކްސް އަށް އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެން.ބީ.އޭ) ގައި 20 އަހަރު ކުޅުނު ކަރީމް ބުނީ އޭނާ އިސްލާމް ވުން ވެގެން ދިޔައީ އާއްމުންގެ މެދުގައި ބަހުސް ކުރެވުނު "ބޮޑު ކަންތައްގަނޑެއް" ކަމަށެވެ.

އެމެރިކާގެ އެތައް ބަޔަކު ނުދަންނަ އަދި ނުރުހޭ ދީނެއް ކަމަށްވާ އިސްލާމް ދީނަށް ވަނުމުން އޭނާގެ ވިސްނުންތެރިކަމާއި ގައުމީ ލޯތްބާ މެދު ޝައްކާއި ވަހުމް އުފައްދައި، އޭނާ އަކީ ސިކުނޑި ހަމަޖެހޭ މީހެއް ތޯ ވެސް ބައެއް މީހުން ސުވާލު ކުރަން ފެށި ކަމަށް ކަރީމް ބުންޏެވެ.

"އަހަރެން އިސްލާމް ވީ މީގެ 40 އަހަރު ކުރިން ކަމަށް ވިޔަސް، އަދިވެސް އަހަރެންނަށް ޖެހިފައިވަނީ އަހަރެންގެ މި ނިންމުން ދިފާއު ކުރަން،" މިދިޔަ މާޗް މަހު އަލް ޖަޒީރާ އަށް ދިން ބަސްދީގަތުމެއްގައި ކަރީމް ބުންޏެވެ.

ކަރީމް އަށް އިސްލާމް ދީން ތައާރަފު ވީ އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖަލިސް ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރުއެވެ. އެއިރު ވެސް ބާސްކެޓްބޯޅައިގެ ދާއިރާއިން އޭނާ ކޮންމެވެސް ވަރަކަށް ގައުމީ ފެންވަރުގައި މަޝްހޫރެވެ.

"އަހަރެން އެއިރު ވަރަށް ޅަ. މިހެންވެ ޒާތީ ހަޔާތް ވީހާ ވެސް ސިއްރު ކުރެވޭތޯ ބެލީ. މިހާރު ފަހުމް ވޭ އެއިރު އަހަރެން އެހާ ލަދުން އުޅުނީ ކީއްވެކަން،" ކަރީމް ބުންޏެވެ.

"އަހަރެންނަށް އެއިރު އިހުސާސް ކުރެވުނީ އެމެރިކާގެ އާއްމުންގެ މެދުގައި އަހަރެން މަޝްހޫރަސް އެ މީހުންނަށް އަހަރެންގެ އަސްލެއް ނޭނގޭކަން. އޭގެ އިތުރުން އެއީ އެމެރިކާގެ ތާރީޚުގައި ކަޅު މީހުންނާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ހާދިސާތަކެއް ހިނގި ދުވަސްތަކެއް. އެއީ 1966 އަދި 1967. މިސިސިޕީގެ ހިނގާލުމެއްގެ ތެރެއިން ޖޭމްސް މެރެޑިތް ވަނީ ވަގަށް ނަގާފައި. ބްލެކް ޕެންތާ ޕާޓީ ވެސް ގާއިމު ކުރި. އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރި ފުރަތަމަ ކަޅު މީހާ ކަމަށް ތާގުޑް މާޝަލް ވެވަޑައިގަތް. ޑިޓްރޮއިޓްގެ މުޒާހަރާއެއްގައި 43 މަރުވެ، 1،189 މީހުން ޒަހަމްވެ އަދި 2،000 އިމާރާތް ހަލާކު ކޮށްލި،" އެ ޒަމާނުގެ ބިރުވެރިކަން ކަރީމް އަލުން ހަނދާން ކުރިއެވެ.

އޭނާ ބުނީ ބައެއް މީހުން ދެކޭ ގޮތުގައި އެމެރިކާގައި ކަޅު މީހުންގެ ކުރިއެރުމަށް އެ މީހުން އަބަދު ވެސް އެހީ ހޯދަން މަޖުބޫރު ވެފައި ވަނީ ދޮން މީހުންގެ ކިބައިން ކަމަށެވެ. ހުދު ކަރީމް އަށް ވެސް ބާސްކެޓް ބޯޅާގައި ފުރުސަތު ލިބުނީ ޓެލެންޓަށް ވުރެ ގުދުރަތީ ގޮތުން އޭނާ އަށް ލިބިފައިވާ ދިގު އިސްކޮޅު ކަމަށް އޭނާ އެއްބަސްވިއެވެ. އަނެއްކޮޅުން އޭނާގެ ބައްޕަ އަކީ ފުލުހަކަށް ވެފައި އޭނާ ފުރަތަމަ ދިޔައީ ނަސޯރާ ދީނުގެ މަޒުހަބެއް ކަމަށް ވާ ރޯމަން ކެތޮލިކް ކިޔަވައިދޭ ސްކޫލަކަށް ކަމަށް ވެފައި، އަދި ބާސްކެޓްބޯޅާގައި ވެސް ކޯޗުން ވެސް އަބަދު "ބަސް އަހަން" ބުނާތީ، "ކޮންމެވެސް ބަދަލެއް ހަޔާތަށް ގެންނަން ބޭނުންވާކަން އަބަދުވެސް އިހުސާސް ކުރެވެމުންދިޔަ" ކަމަށް ކަރީމް ކިޔައިދިނެވެ.

ކަރީމް ބުނީ މާޓިން ލޫދާ ކިންގް ޖޫނިއާ އާއި މެލްކޮމް އެކްސްގެ ހަޔާތް އޭނާ ދިރާސާ ކުރި ކަމަށެވެ. އަދި މެލްކޮމްގެ ހަޔާތުން އޭނާ އަށް ލިބުނު ފިލާވަޅަކީ މެލްކޮމް ޖަލަށް ލުމުގެ ކުރިން ވެސް މުޖުތަމައުން ވަނީ އޭނާ ދޮން މީހުންގެ "އިޖުތިމާއީ ޖަލެއްގައި ބަންދު ކޮށްލާފައި" ކަމަށެވެ.

މެލްކޮމް ވެސް ފުރަތަމަ ކުރި ކަމަކީ އޭނާ އުޅެބޮޑުވި ނަސޯރާ މަޒުހަބެއް ކަމަށްވާ ބެޕްޓިސްޓް ފައްޅި އެއްކިބާކޮށް، އިސްލާމްވެ، ދޮން މީހުންގެ "ނަފުސާނީ އަޅުވެތިކަމުން" ސަލާމަތްވުން ކަމަށް ކަރީމް ސިފަ ކުރިއެވެ.

"ނަސޯރާ ދީނަކީ ދޮން މީހުންގެ ސަގާފަތުގެ ބިންގާ. ކަޅު މީހުން އަޅުވެތިކޮށް، މުޖުތަމައުގައި ނަސްލީ އިމްތިޔާޒް ފެތުރުމުގެ އަސްލު. މެލްކޮމް އިސްލާމް ވުމުން ނަސޯރާ ދީނުން ކުރި ފެޅި ކޫ ކްލަކްސް ކްލޭން ސިއްރު ޖަމާއަތުން މެލްކޮމްގެ އާއިލާ އަށް ހަމަލަ ދިން. އަދި އެ ޖަމާއަތުގެ ގޮތްޕެއް ކަމަށްވާ ބްލެކް ލީޖަން އިން އެ އާއިލާގެ ގެ އަންދާލި،" ކަރީމް ބުންޏެވެ.

އޭނާ ބުނީ މުޖުރިމަކުން ސިޔާސީ ލީޑަރަކަށް މެލްކޮމް ބަދަލު ވެވަޑައިގަތުން ހުދު ކަރީމް އަށް އޭނާގެ އަމިއްލަ ނަފުސާ މެދު ވެސް ފުންކޮށް ވިސްނެން ފެށި ކަމަށެވެ. އިސްލާމް ދީނުގެ ސަބަބުން މެލްކޮމްއަށް ދޮން މީހުންނާ ދެކޮޅަށް ތެދުވެ، އިޖުތިމާއީ އިންސާފަށް މަސައްކަތް ކުރަން ހިތްވަރު ލިބުމުން ކަރީމް ވެސް ކީރިތި ގުރުއާން ދަސްކުރަން ފެށީ ކަމަށެވެ.

 ހައްމަސް އަބްދުލް ހާލިސް އާ ތައާރަފުވެވި 1971 ގައި އުމުރުން އެންމެ 24 އަހަރުގައި ކަރީމް އިސްލާމް ވިއެވެ.

އެމެރިކާގެ ސަގާފަތާ ނުގުޅޭ ދީނެއް ހިޔާރު ކުރުމުން ބައެއް މީހުން ސުވާލު ކުރި ކަމަށާއި ނަމަވެސް ކަރީމްގެ އެފްރިކާ ނަސްލުގެ ކަޅު ސަގާފަތާ އިސްލާމް ދީނާ ވަރަށް ބޮޑު ގުޅުމެއް ހުރި ކަމަށް ކަރީމް ބުންޏެވެ. އެ ގޮތުން އެފްރިކާއިން އެމެރިކާއަށް ގެނައި ކަޅު އަޅުންގެ ތެރެއިން 15 އާއި 30 ޕަސެންޓާ ދެމެދުގެ މީހުންނަކީ މުސްލިމުންނެވެ.

ނޭޝަން އޮފް އިސްލާމް ޖަމާއަތް މެލްކޮމް ގާއިމު ކުރި ނަމަވެސް ކަރީމް އެ ޖަމާއަތުގައި ބައިވެރި ނުވީ ސިޔާސީ ކަންތައްތަކަށް ވުރެ ރޫހާނީ ކަންތައްތައްތަކުގައި މަސްއޫލު ވެގެން އުޅުމަށް ކަމަށް ކަރީމް ބުންޏެވެ. (މެލްކޮމް އަވަހާރަ ކޮށްލީ އެ ޖަމާއަތުން މެލްކޮމް ވަކި ވުމުން އެ ޖަމާއަތުގެ ތިން މެންބަރުންނެވެ.)

ކަރީމްގެ މައިންބަފައިންނަކި އެހާ ދީންވެރި ބައެއް ކަމަށް ނުވިޔަސް ނަސޯރާ ދީނަކީ ހަގީގަތް ކަމަށް ކަރީމް އަށް އެ ދެ މައިން ދަސްކޮށްދީފައިވާތީ ކަރީމް އިސްލާމް ވުމުން އެ ދެ މައިން ހިތްހަމަ ނުޖެހުނެވެ.

"ނަމަވެސް ނަސޯރާ ދީނުގެ ތާރީހު އަހަރެން ދިރާސާ ކުރި ވަރަކަށް އަހަރެންނަށް ހާމަ ވަމުން އައި ހަގީގަތަކީ ކަޅު މީހުން އަޅުވެތި ކުރުމުގައި ނަސޯރާ ދީން ވަރަށް ބޮޑު ދައުރެއް އަދާ ކޮށްފައިވާކަން. ދެވަނަ ވެޓިކަން ކައުންސިލުން 1965 ގައި އަޅުވެތި ކަމަކީ ޖަރީމާއެއް ކަމަށް ބުންޏަސް، އެ ގޮތަށް އެ މީހުން އެ ބުނީ މާ ފަހުން. އެއިރު މާ ލަސްވެއްޖެ. ނަސޯރާ ދީނުގެ ނުފޫޒު ބޭނުންކޮށްގެން އަޅުވެތިކަން ނިމުމަކަށް ނުގެނައުމުން ނަސޯރާ ދީނާ މެދު އަހަރެންގެ ހިތުގައި ރުޅިވެރިކަން އުފެދުނު. ނަމަވެސް އަހަރެން ފާހަގަ ކުރަން އަޅުވެތިކަމާ ދެކޮޅަށް ވަރަށް ގިނަ ނަސޯރާއިން ފަރުދީ ގޮތުން މަސައްކަތް ކުރިކަން،" ކަރީމް ބުންޏެވެ.

އޭނާ ބުނީ އިސްލާމް ވުމަށް ފަހު އޭނާގެ ނަން ބަދަލު ކުރުމުގައި ވަރަށް މުހިންމު ސަބަބެއްވާ ކަމަށެވެ. އަލްސިންޑޯ އަކީ ކަރީމްގެ ކާބަފައިން އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ވެސްޓް އިންޑީޒްގައި އަޅުވެތި ކޮށްގެން ގެންގުޅުނު ފަރަންސޭސި ދަނޑުވެރިއެއް ކަމަށާއި އެހެންކަމުން އެ ނަން ދަމަހައްޓައިފި ނަމަ އޭނާގެ އާއިލާ އަޅުވެތި ކޮށްގެން ގެންގުޅުނު މީހާ އަށް ނުހައްގު ޝަރަފެއް ދެވެނީ ކަމަށެވެ.

ކަރީމް ބުނީ އެހެން އަންހެން ކުއްޖަކަށް ވަރަށް ބޮޑަށް ހިތް ކިޔާފައި އޮތް ނަމަވެސް ހައްމަސްގެ ހިޔާލާ އެއްގޮތަށް އޭނާ ދެއްކި އަންހެން ކުއްޖަކާ ކައިވެނި ކުރި ކަމަށާއި އަދި ހައްމަސްގެ އެދުމުގެ މަތިން ކަރީމްގެ މައިންބަފައިންނަށް ކަރީމްގެ ކައިވެންޏަށް ދައުވަތު ނުދޭ ކަމަށެވެ. ނަމަވެސް މިކަން ވީ ރަނގަޅު ނޫން ނަސޭހަތަކަށް ކަމަށާއި މައިންބަފައިންނާ އަލުން ގުޅުން ރަނގަޅު ކުރަން 10 ވަރަކަށް އަހަރު ނެގި ކަމަށް ކަރީމް ބުންޏެވެ.

ހައްމަސްގެ ބައެއް އިރުޝާދުތައް ރަނގަޅު ނޫން ކަމަށް ފެނިގެން، އަދި ހަމައެކަނި އެކަކުގެ ނަސޭހަތް އަޑު އެހުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ވިސްނިގެން، ހައްމަސް އަށް އަލްވަދާއު ކިޔުމަށް ފަހު 1973 ގައި ކަރީމް ލީބިއާ އަށާއި ސައޫދީ އަރަބިއްޔާ އަށް ދަތުރުކޮށް، ކީރިތި ގުރުއާނާއި އެ ފޮތުގެ އިލްމް އަމިއްލަ އަށް ލިބިގަނެވޭ ވަރަށް ކަރީމް އަރަބި ބަސް ދަސްކުރިއެވެ.

"މި ހައްޖުން އަހަރެންގެ އީމާންތެރިކަން ސާފުވެ އިތުރަށް ހަރުދަނާ ވެގެން ދިޔަ. އެ އަހަރަށް ފަހު އަހަރެންނަށް ޔަގީންކަން ލިބުނު އަހަރެން އިސްލާމް ވުމަކީ އަހަރެންނަށް ހެދުނު ގޯހެއް ނޫންކަން. ނަމަވެސް އަހަރެން މިހާރު ހިތަށް އަރަނީ އެއިރު އަހަރެން ސިއްރުން އިސްލާމް ވި ނަމަ އެ ޒަމާނުގައި ކަންތައްތައް ހުރި ގޮތުން އަހަރެންގެ ހަޔާތަށް އެއިރު ކަންތައްތައް ތަންކޮޅެއް ފަސޭހަވީހޭ،" ކަރީމް ބުންޏެވެ. އެ ގޮތުން ކަޅު މީހުންގެ އަޅުވެތިކަމާއި އެކަމާ އެއްކޮޅަށް ނަސޯރާ ދީން ކޮށްފައިވާ ކަންތައްތަކާ ދެކޮޅަށް އޭނާ އަޑު އުފުލުމުން، އޭނާގެ އިސްލާމް ވުން "ޒާތީ ކަމަކުން ސިޔާސީ ކަމަކަށް ބަދަލުވި" ކަމަށް ކަރީމް ބުންޏެވެ.

އޭނާ ބުނީ ގިނަ މީހުންނަކީ އެ މީހުންގެ ދީނަށް އުފަންވި މީހުން ކަމަށާއި މިހެންވެ އެ މީހުންނަށް އެ މީހުންގެ ދީނަކީ އެ މީހުންނަށް ވާރުތަވެފައިވާ ތަރިކައަކާއި ފަސޭހައެއް ކަމަށެވެ.

"އެ މީހުންގެ އާއިލާ އާއި ސަގާފަތުން އެ މީހުންގެ ދީން ގަބޫލު ކުރާތީ އެހެން ދީނަކަށް މީހަކު ބަދަލު ވުމަކީ ވަރުގަދަ ސާބިތުކަމަކާއެކު ވަރަށް ބޮޑު ހަނގުރާމައެއް ކުރަން ޖެހޭ ކަމެއް. ސަބަބަކީ ދީން ބަދަލު ކޮށްފި ނަމަ، އާއިލާ އާއި ރަހުމަތްތެރިންނާއި މުޖުތަމައުގެ ތާއީދު ގެއްލޭނެތީ،" ކަރީމް ކިޔައިދިނެވެ.

އޭނާ ބުނީ އިސްލާމް ދީނަކީ "އީމާންތެރި ކަމާއި ވިސްނުންތެރިކަމުގެ" މައްޗަށް ބިނާ ވެފައިވާ ދީނެއް ކަމަށް ވާތީ މި ފަދަ ޖިހާދެއް އޭނާގެ ނަސޯރާ މުޖުތަމައާ ދެކޮޅަށް ކުރަން ހިތްވަރު ލިބުނު ކަމަށެވެ. 

ކަރީމް ބުނީ އޭނާގެ ބައެއް ފޭނުން އަދިވެސް އޭނާއާ މުހާތަބް ކުރަނީ ލޫގެ ނަމުން ކަމަށާއި ނަމަވެސް އެ ނަމަށް އޭނާ ޖަވާބު ނުދޭ ކަމަށާއި ސަބަބަކީ އިސްލާމް ވުމަށް އޭނާ ނިންމި ނިންމުމަށް އެ ފަދަ ފޭނުން އިހުތިރާމް ނުކުރާތީ އެ ކަމާ ނުރުހޭތީ ކަމަށެވެ.

"އެ މީހުން ބޭނުންވާ ކަހަލަ އެ މީހުންގެ ފަސޭހައަކަށް އެ މީހުންގެ ދުނިޔޭގައި އެ މީހުން ބޭނުންވާ ކަހަލަ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި އަހަރެން އަދިވެސް ހުރުން،" ކަރީމް ބުންޏެވެ.

އިސްލާމް ދީނަކީ މިއަދު އެމެރިކާގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން އުޅޭ ދީން ކަމަށް ވިޔަސް، ޕިއު ރިސާޗް ސެންޓަރުން ކުރި ހިޔާލު ހޯދުމުގެ ދިރާސާއަކުން ދެއްކި ގޮތުގައި މުސްލިމުންނަކީ އެމެރިކާ މީހުން އަދިވެސް އެންމެ އިހުތިރާމް ނުކުރާ މީހުންނެވެ. އެ ގޮތުން ކަލަކު ވޮޑިގެން ނުވާ ކަމަށް ދެކޭ "އޭތީސްޓު"ންނާ މެދު ވެސް މުސްލިމުންނަށް ވުރެ ބޮޑަށް އެމެރިކާ މީހުން އިހުތިރާމް ކުރާކަން މި ދިރާސާއިން ހާމަވެގެންދިޔައެވެ.

ބައެއް މުސްލިމުން ދުނިޔޭގައި ހިންގާފައިވާ ޓެރަރިޒަމްގެ ޖަރީމާތަކުގެ ސަބަބުން އެމެރިކާގެ ގިނަ ބަޔަކު ވަނީ އިސްލާމް ދީނާއި މުސްލިމުން ދެކެ ބިރުގެންފައި ކަމަށް ކަރީމް ބުންޏެވެ. މިހެންވެ، ދުނިޔޭގެ 1.6 ބިލިއަން މުސްލިމުންނަކީ ސުލްހަވެރި އަހުލާގު ރަނގަޅު ބައެއް ކަމަށް ވިޔަސް، އެމެރިކާގެ ގިނަ ރައްޔިތުން މުސްލިމުން ދެކެނީ ނުރަނގަޅު މިސާލުތަކެއްގެ ގޮތުގައި ކަމަށް އޭނާ ކިޔައިދިނެވެ.

"އަހަރެން އިސްލާމް ވުމުގެ އެއް މަގުސަދުގެ ތެރޭގައި، އެ ދީނަށް އެހެން މީހުން ނުވެއްދިޔަސް އެ ދީނާ މެދު މީހުން ހޭލުންތެރިކުރުން ހިމެނޭ. އެއް ދުނިޔެއެއްގައި އެއް ދީނަކަށް އެންމެން ނޫޅުނަސް، ސުލްހަވެރިކަމާއެކު އެންމެން އުޅުމަކީ ރަނގަޅު އެއް ގޮތް،" ކަރީމް ބުންޏެވެ.

އެން.ބީ.އޭގެ ތާރީހުގައި ކަރީމް އަކީ މިހާތަނަށް އެންމެ ގިނަ ސްކޯ ކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 6 ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެންމެ އަގުހުރި ކުޅުންތެރިޔާގެ މަގާމު 6 ފަހަރު ހޯދައިފައެވެ. ނަމަވެސް އޭނާ މިހާރު ގަބޫލު ކުރާ ގޮތުގައި އިސްލާމް ދީނުގެ ތެދުމަގުގެ ނޫރު ލިބުމަށް ވުރެ މޮޅު ސްކޯއެއް ހަޔާތުގައި އެއްވެސް މީހަކަށް ނުކުރެވޭނެއެވެ.