ބޭރު ކުޅިވަރު

ނޭމާ ބޭނުންވަނީ ޕައުލީނިއޯ ބާސާއަށް ކުޅެން

Jul 9, 2017

ބްރެޒިލްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޕައުލީނިއޯ އަކީ ބާސެލޯނާ އަށް އެކަށީގެންވާ ކުޅުންތެރިއެއް ކަމަށާއި ބާސާ އަށް ޕައުލީނިއޯ ކުޅެން ބޭނުންވާ ކަމަށް ނޭމާ ބުނެފި އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ޕައުލީނިއޯ ،28، މިހާރު ކުޅެމުންދަނީ ޗައިނާ ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ގުއަންޒޯ އެވަގްރާންޑޭއަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ބާސާ އިން ޕައުލީނިއޯ އަށް ބިޑްކުރި އެވެ. އެކަމަކު ބާސާ އިން ކުރި 20 މިލިއަން ޔޫރޯގެ ބިޑަށް ގުއަންޒޯ އެވަގްރާންޑޭ އިން ފުރަގަސްދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ނޭމާ ބުނީ ޕައުލީނިއޯ އަކީ ޕައުލީނިއޯ އަކީ ބާސާ އަށް ބޭނުންވާ ކަހަލަ ކުޅުންތެރިޔެއް ކަމަށާއި ޕައުލީނިއޯ ބާސާ ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.

"ޕައުލީނިއޯ އަކީ އަހަަރެންގެ ވަރަށް ގާތް ރަހުމަތްތެރިޔެއް. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ އަކީ ބާސާއާ ވަރަށް ގުޅޭ ކުޅުންތެރިޔެއް. ޕައުލީނިއޯގެ ފަރާތުން ބާސާ އަށް ކުރިއެރުން ލިބޭނެ،" ނެމާ ބުންޏެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ޓޮޓެންހަމަށް ޕައުލީނިއޯ ބަދަލުވީ 2013 ވަނަ އަހަރެވެ. އެކަމަކު އެ ކްލަބުގައި ހޭދަކުރި ތިން ސީޒަންގައި ޕައުލީނިއޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. އެހެންވެ ޓޮޓެންހަމް އިން ވަނީ 2015 ވަނަ އަހަރު 14 މިލިއަން ޔޫރޯ އަށް ޕައުލީނިއޯ ގުއަންޒޯ އެވަގްރާންޑޭ އަށް ވިއްކާލައިފަ އެވެ.

ފަހަކަށް އައިސް ބްރެޒިލްގެ ގައުމީ ޓީމުގެ މެޗުތަކުގައި ޕައުލީނިއޯގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސަބަބުން ޔޫރަޕްގެ ކްލަބުތަކުގެ ސަމާލުކަން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ. ޕައުލީނިއޯ އަކީ މިހާރު ބްރެޒިލްގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.