ބޭރު ކުޅިވަރު

ޗެލްސީގެ ސަމާލުކަން ބެލޮޓީ އާއި މޮރާޓާ އަށް

Jul 9, 2017

އެވަޓަންގެ ފޯވަޑް ރޮމެއޫ ލުކާކޫ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ޓޮރީނޯގެ އަންދްރެއާ ބެލޮޓީ އާއި ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ އަށް ޗެލްސީން ސަމާލުކަން ދޭން ފަށައިފި އެވެ.

ސެންޓަ ފޯވަޑެއް ހޯދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތުގައި އެ ކްލަބުން އެވަޓަން ރޮމެއޫ ލުކާކޫ ގެންނަން މަސައްކަތްކުރި ނަމަވެސް، އެވަޓަން އިން ވަނީ ލުކާކޫ ޔުނައިޓެޑަށް ވިއްކާލުމަށް އެއްބަސްވެފަ އެވެ. އެހެންކަމުން، ޗެލްސީ އަށް ވަނީ އެހެން ސެންޓަ ފޯވަޑަކަށް ސަމާލުކަން ދިނުމަށް މަޖުބޫރުވެފަ އެވެ.

މިދިޔަ ސީޒަންގައި 32 ލަނޑު ޖެހި ބެލޮޓީ އަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ކަމުދާ ކުޅުންތެރިޔެކެވެ. އެކަމަކު ޓޮރީނޯ އިން ބެލޮޓީ ދޫކޮށްލާކަށް ބޭނުމެއްނުވެ އެވެ. ޗެލްސީން ބެލޮޓީ ގެންދަން ބޭނުން ނަމަ، ގާތްގަނޑަކަށް 90 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ރެއާލް އިން ލިބޭ ފުރުސަތުތައް މަދުވުމުން، ރެއާލް ދޫކޮށްލަން މޮރާޓާ ބޭނުންވެ އެވެ. މޮރާޓާ ގެންނަން ޔުނައިޓެޑުން މަޝްވަރާ ކުރި ނަމަވެސް، ލުކާކޫގެ ޓްރާންސްފާ ކާމިޔާބުވުމުން ޔުނައިޓެޑުން ވަނީ މޮރާޓާ ހޯދުމުގެ މަސަައްކަތް ނިންމާލައިފަ އެވެ.

ޗެލްސީން އާ ސެންޓަ ފޯވަޑެއް ހޯދަނީ މި ސީޒަންގައި ކޮންޓޭގެ ޕްލޭންގައި ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާ ނުހިމެނޭތީ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ކޮންޓޭ ބޭނުންވީ ކޮސްޓާގެ ބަދަލުގައި ލުކާކޫ އެ ޓީމަށް ގެންނާށެވެ. އެކަމަކު ލުކާކޫގެ ޓްރާންސްފާގައި ޔުނައިޓެޑުން ކާމިޔާބު ހޯދުމުން، ކޮންޓޭ އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.