ވިޔަފާރި

ބޭރަށް ވިއްކި ބޮންޑާއެކު ޔޫޒަބަލް ރިޒާވް 66 ޕަސެންޓް މައްޗަށް

  • ޔޫޒަބަލް ރިޒާވްގައި ހުރީ 248 މިލިއަން ޑޮލަރު
  • މޭ މަސް ނިމުނުއިރު ހުރީ 216 މިލިއަން
  • ރަސްމީ ރިޒާވްގައި ހުރީ 600 މިލިއަން ޑޮލަރު

ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާކެޓަށް ވިއްކި ޓްރެޒަރީ ބޮންޑާއެކު ޔޫޒަބަލް ރިޒާވް 66 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނި ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި މިހާރު ހުރީ 248.8 މިލިއަން ޑޮލަރެވެ. ނަމަވެސް އެޕްރީލް މަސް ނިމުނުއިރު ހުރީ 216.2 މިލިއަން ޑޮލަރެވެ.

"އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިޔާއާއެކު ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޓް ފެސިލިޓީ އަނބުރާ ދެއްކުމާ ގުޅިގެން ޔޫޒަބަލް ރިޒާވް ދަށްވިނަމަވެސް، ބައިނަލްއަގުވާމީ މާކެޓަށް ސަރުކާރުން ޓްރެޒަރީ ބޮންޑެއް ވިއްކުމާ ގުޅިގެން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދު މަހުން މަހަށް ބަލާއިރު ވަނީ 66 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު މިއީ 15 ޕަސެންޓް އިތުރުވުމެކެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ޔޫޒަބަލް ރިޒާވްއަކީ ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެ. މިގޮތުން މިހާރު ރަސްމީ ރިޒާވްގައި 600 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި އަދަދަކީ އަހަރުން އަހަރަށް ބަލާއިރު ތިން ޕަސެންޓް ދަށް އަދަދެއް ނަމަވެސް މަހުން މަހަށް ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި މޭ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 494.6 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެޕްރީލް މަސް ނިމުނުއިރު ޖުމްލަ ރިޒާވް ވަނީ 501.2 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.