ރާއްޖެ ކުޅިވަރު

ލުކާކޫ ޔުނައިޓަޑަށް ދިއުމުން ޗެލްސީގެ ފޯކަސް މޮރާޓާއަށް

Jul 10, 2017

ޗެލްސީއިން، އަލުން ގެންނަން މަސައްކަތް ކުރި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ، މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވުމުން، ޗެލްސީއިން، ރެއާލް މެޑްރިޑްގެ ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ގެންނަނަް މަސައްކަތް ފަށއިފި އެވެ.

ސްޕެއިންގެ އޭއެސް އިން ބުނެފައިވަނީ، މަރޯޓާ ގެންދިއުމަށް، ޗެލްސީއިން 80 މިލިއަން ޔޫރޯ، ރެއާލްއަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. ރެއާލުން، މޮރާޓާ އެޓީމަށް އަލުން ގެނައީ، މިދިޔަ ސީޒަން ފެށުމުގެ ކުރިން ޔުވެންޓަސްގައި އޭނާ ހުއްޓަ އެވެ. ރެއާލްގައި މޮރާޓާއަށް އޮތް އެންމެ ބޮޑު މާޔޫސްކަމަކީ، ދާއިމީކޮށް އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ނުލިބުމެވެ. ރެއާލްގެ އެއް ވަނަ ސްޓައިކަރަކީ ކަރީމް ބެންޒެމާ އެވެ. ނަމަވެސް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެވެސް، މޮރާޓާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އޭއެސްއިން ބުނެފައި ވަނީ، މޮރާޓާގެ ޓްރާންސްފާ ކަންތަކުގައި، ރެއާލް އާއި ޗެލްސީއިން އެކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ވެފައި ވަނީ މޮރާޓާ އާއި ހަމޭސް ރޮޑްރިގޭޒް ދޫކޮށްލަން ބޭޏުންވި ނަމަވެސް ވަކި ގޮތަކަށް ނިމިފައި ނުވުމެވެ. ރެއާލްގެ ކުރީގެ ކޯޗް އަދި ބަޔާން މިޔުނިކްގެ މިހާރުގެ ކޯޗް ކާލޯ އަންޗެލޯޓީ ވަނީ ހަމޭސް ގެންދިއުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ، މޮރާޓާއަށް މީގެ ކުރިން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ނަމަވެސް އޭނާގެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ލުކާކޫ ގެންދިއުމަށެވެ. މިދިޔަ ސީޒަންގެ ޗެލްސީގެ އެއް ވަނަ ސްޓައިކަރަކީ، ޑިއޭގޯ ކޮސްޓާ އެވެ. ކޮންޓޭގެ އާ ޕްލޭންގައި ކޮސްޓާ ހިމަނާފައެއް ނުވެއެވެ.

މޮރާޓާ ވެސް ހުރީ، ޓީމު ބަދަލު ކުރަން ތައްޔާރު ވެގެން ކަމަށް އޭއެސްއިން ބުނެ އެވެ. އެގޮތުން ރެއާޅުން، އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީ ސީޒަން ޓްއާއަށް މަރޯޓާ ދަތުރު ނުކުރާނެ އެވެ.