ދިވެހި ސިނަމާ

"ބޮސް"ގެ އާ ތަރި ޔުނާނު އެނގެނީ ކިހާވަރަކަށް؟

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތުމަތު ނަހުލާގެ މާސްޓާ ޕީސް "4426" ގެ އެންމެ ފަހު ޝޯ ބަލަން ދިޔަ މީހުން ފިލްމު ބެލުމަށްފަހު ފިލްމުގެ ރީތި ކަމާއި ފުރިހަމަ ކަމަށްވުރެ ގިނައިން ދެއްކީ ނަހުލާގެ އާ ފިލްމު "ބޮސް"ގެ ލީޑް ރޯލުން ފެނިގެންދާ ތަރި މުހައްމަދު ޔުނާނުގެ ރީތި ވާހަކަ އެވެ. އެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނަހުލާ ވަނީ ފިލްމުގެ ތަރިންނާ ފިލްމުގެ ކްރޫ އެއްކޮށް ދައްކާލާފަ އެވެ. ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވޭ ދޯ އެވެ.

ޔުނާނު ފެނިގެން ދިޔައީ މިއަހަރު ރޯދަ މަހު ގެނެސްދިން އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ ތެރެއިން އެމްޑަބްލިއުއެސްސީގެ ޑްރާމާ އިންނެވެ. ފިލްމީ ދާއިރާއަށް އޭނާގެ ހިތުގައި އޮތް ލޯބީގެ ސަބަބުން އެ ދިމާލަށް ދީލައިލީ ކަމަށް ވެދާނެ އެވެ.

ޔުނާނަކީ އެންމެ ކުޑައިރުން ފެށިގެން ފިލްމީ ދާއިރާއަށް ހާއްސަ ލޯތްބެއްް އޮތް ފަރާތެކެވެ. ފިލްމީ ތަރިންގެ ފޮޓޯތައް ކުރަހާވެސް އުޅުނެވެ. މަގުމަތިން ފިލްމީ ތަރިންނާ ދިމާވުމުން ވާހަކަ ދައްކާލާ އޭނާގެ ޝައުގުވެރިކަން ފާޅުވެސް ކުރި އެވެ. ފިލްމީ ދާއިރާއަށް ޔުނާންގެ ލޯބި ޖެހިފައި ހުރީ އާދައިގެ ވަރަކަށް ނޫނެވެ. އެހެން ނަމަވެސް ފުރުސަތެއް ނުލިބުނީ އެވެ.

ބަތަލާ އައިޝަތު ރިޝްމީގެ ލެންސަށް ޔުނާނު އެރީ "ބޮސް" އަށް ލީޑު ތަރިއެއް ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ޔުނާންގެ އެކްޓް ކުރުމުގެ ހުނަރާއި ޝައުގުވެރިކަމަށް ބަލާފައި ފިލްމުގެ ލީޑު ތަރީގެ ގޮތުގައި ޔުނާން ހަމަޖެއްސީ އެވެ.

"މި ފިލްމަސް ޔުނާން ނެގީ އޭނާގެ ހުނަރާއި ޝައުގުވެރިކަމާއި ހުރިހާ ކަމަކަށް ބަލާފައި. ލުކްސް އަށްވެސް ބަލަން ޖެހޭނެތާ. ފިލްމު ކުޅޭ ކަހަލަ ލުކް އެއް ހުންނަ ކުއްޖެއް ބޭނުންވީ. އަދި މިކަމަށް ވަގުތުވެސް ދެވޭ ޑެޑިކޭޓެޑް ކުއްޖަކު ބޭނުންވީ. ޔުނާންގެ ފަރާތުން އެ ހުނަރުވެރިކަން ފެނުނު. ބޮސްގެ ޝޫޓިން މިހާރު ފެށިގެން ދިޔައިރު އަދި ހަަމަ ވަރަށް ރަނގަޅު. އާ ކުއްޖެއްހެން ހީވެސް ނުވޭ. ސީނިއާ ތަރިންނެކޭ އެއް ފެންވަރެއްގައި އޭނައަށް ހިފާއްޓާލެވޭ،" ނަހުލާ ބުންޏެވެ.

"ވަރަށް ފިރިހެން ކެރެކްޓާއެއް ދައްކުވައިދޭ ރޯލެއް އެއީ. އާދައިގެ ކެރެކްޓާއެއް ނޫން އެއީކީ،"

ޑައިރެކްޓަރު ރިޝްމީގެ ބަހަކީވެސް ހަމަ މި އެވެ.

"ރިޝްމީމެން ހަމަ ހުރިހާ ސީން އެއްވެސް ރިހާސް ކުރުވިން. ވަރަށް މޮޅު. އެ ފެންވަރުގެ ކުއްޖަކު ބަލާފައި ފިލްމަށް ނެގީވެސް،" ރިޝްމީ ބުންޏެވެ.

ނަހުލާގެ ޕްރޮޖެކްޓަކަށް ވާތީ ޔުނާންގެ ހުނަރަށް ޝައްކު ކުރާނެ ކަމެއް ނެތެވެ. އެ ފުރުސަތެއް ނެތެވެ. ނަހުލާގެ މަސައްކަތްތައް އެހާވެސް ފުރިހަމަ ވާނެ އެވެ. ނަހޫގެ ފިލްމުތައް ބަލާ މީހުންނަށް އެއީ އޮޅޭން ކަންކަމެއް ނޫނެވެ.

ފިލްމީ ދާއިރާއަށް ޔުނާންގެ ޝައުގުވެރިކަން ދަމައިގަތީ އިއްޔެ މިއަދަކު ނޫނެވެ. ސްކޫލްގައި އުޅުނު އިރުވެސް އެވެ. އުފަން ރަށް ގދ. ހޯޑެއްދޫގައި ކިޔަވަން އުޅުނު އިރު ކިޔެވުމަށްވުރެ ސްކޫލް ޑްރާމާތަކާއި އަދަބީ ދުވަސް ދުވަހުގެ ހާއްސަ ހަރަކާތްތަކަށް ދެވުނު ސަމާލުކަން ބޮޑެވެ.

"ޔުނާނު ބޭނުންވޭ އެކްސްޕީރިއަންސްކޮށްލަން މިކަންވެސް. އެހާ ދުވަހުއްސުރެ ކުރަން ބޭނުންވެފައި ހުރި ކަމެއްވީމަ. ކުރިއަށް އޮތްތަނުގައި ފިލްމީ ދާއިރާއަށް އެއްކޮށް ހުސްވާކަށް އަދި ނުވިސްނަން. އެކަމަކު ބޮސްގައި އަޅުގަނޑަށް ދެއްކޭ ހުނަރަށް ބަލާފައި ބެލުންތެރިންގެ ސަޕޯޓާއި އަދި ނަހޫ އާ ރިޝްމީގެ ފިލްމަކަށް އެމީހުން ރިކުއެސްޓް ކޮށްފިއްޔާ ނޫނެކޭ ނުބުނާނަން. ވަރަށް ބެސްޓް ދެ މީހުން އެއީ،" މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ޔުނާން ބުންޏެވެ.

އޭނާ ވަޒީފާ އަދާކުރާ އޮފީހުންވެސް ޔުނާން ފިލްމީ ދާއިރާގައި މަސައްކަޔް ކުރަން ވަރަށް ސަޕޯޓިވް އެވެ. ފިލްމުގެ ޝޫޓިން އޮންނަ ދުވަސްތަކަށް ލުއި ގޮތްތަކެއްވެސް ވަނީ ހަދައިފީފަ އެވެ. އޮފީހުން ލިބޭ ސަޕޯޓިވް އަށް ވުރެ އާއިލާއިން ލިބޭ ސަޕޯޓުވެސް ވަކި ކުޑައެއް ނޫނެވެ. މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން މީހުންގެ ފަރާތުން އިންތިހާއަށް ސަޕޯޓު ލިބެ އެވެ. އެކަމަކު އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އޭނާގެ އަންހެނުންގެ ފަރާތުންނެވެ. އެރެއިން ފެށިގެން ޔުނާނު ހިތު އަޅައިގެން އުޅުނު އަންހެން ކުދިންނަށް މާ އުފާވެރި ހަބަރެއް ނޫނެވެ.

ޔުނާން އަކީ ހަމައެކަނި ފިލްމު ކުޅެ އެކްޓް ކުރަން ބޭނުންވާ މީހެއް ނޫނެވެ. އެއް ދުވަސްވަރެއްގައި ބޮޑުބެރު ގްރޫޕެއްގައިވެސް އުޅުނެވެ. ކުދިކުދި ޝޯތަކުގައި ނަށާލައި ހަދާލި އެވެ. ގިނައިން އުޅުނީ ނަގާ ކިއުމުގަ އެވެ. ސްކޫލް ދައުރުގައި ކޮންމެވެސް ވަރަކަށް ލަވަވެސް ކިއެވެ. މީގެ އިތުރުން އެއީ ގިޓާ ކުޅެންވެސް ޔުނާން ދަނެ އެވެ.