ރިޕޯޓް

މެންބަރުން "ގަނެލިއިރު" މައްސަލައަކަށް ނުވި! މިހާރު ކީއްވެ؟

  • މިއީ ޝަރުއީ ދާއިރާއިން ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުން
  • އެހެން ޕާޓީތަކުން ހޮވުނު ގިނަ މެންބަރުން ތިބީ ޕީޕީއެމްގައި
  • ޕާޓީ ބަދަލުކުރަނީ ފައިސާއަށް ކަމަށް ގިނަ މީހުން ގަބޫލުކުރޭ

ރައްޔިތުންގެ އަޑު އުފުލައި ރައްޔިތުން ބޭނުން ކަންކަން ކުރުމަށް މަގުފަހިކުރުމަށް މަންދޫބުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހޮވަނީ ރައްޔިތުންގެ ވޯޓުންނެވެ. އަގުލަބިއްޔަތު ރައްޔިތުން އެއްބަސްވާ މެންބަރަކު މެންބަރުކަމުގެ ގޮނޑީގައި އިށީންނަވަ އެވެ. އެއަށްފަހު ދެން ވަނީ ކިހިނެއް ހެއްޔެވެ؟ މެންބަރެއް ރައްޔިތުންކަށް ނުފެނެ އެވެ. މެންބަރު ޖަވާބުދާރީކުރުވާނެ ގޮތެއް ވެސް ނެތެވެ.

މިއީ މިކަން އޮންނަން ވާނެ ގޮތް ނޫން ކަމަށް ދެކޭ މީހުން ގިނަ ވާނެ އެވެ. ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވެސް މަޖިލީހަށް މަގާމުން ދުރުކުރެވެ އެވެ. ހުދު ރައިސުލްޖުމްހޫރިއްޔާ ވެސް މަގާމުން ދުރުކުރުމުގެ ބާރު އޮވެ އެވެ. ނަމަވެސް މަޖިލީހުގެ މެންބަރެއް ނަމަ ކޮންމެ ގޮތަކަށް އަމަލު ކުރެއްވި ނަމަވެސް ފަސް އަހަރަށް ގޮނޑި ޔަގީނެވެ. މިއީ ގިނަ މައްސަލަތަކެއް އުފެދެން ދިމާވާ ސަބެބެކެވެ.

އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާންޖެހޭނީ ގައުމީ މަސްލަހަތު އިސްކުރާ ބަޔަކަށެވެ. އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެ އެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން މެންބަރުންގެ އަމިއްލަ މަސްލަހަތަށް އިސްކަންދެވޭ ހާލަތްތަކަށް މަގުފަހިވެ އެވެ. އަނިލް ވިދާޅުވި ގޮތުގައި، އެއީ ރިޝްވަތާއި ނުފޫޒެވެ. މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް "ވިކެ" އެވެ. މިއީ މަޖިލީހުގެ ތެރޭގައި އާންމު ކަމެކެވެ. މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމެކެވެ. ރައްޔިތުން ވޯޓު ދިން ފިކުރާ މުޅިން ހިލާފު ފިކުރާ މެންބަރު ގުޅިވަޑައިގަންނަވަނީ ރައްޔިތުންގެ ލަފާއަކާ ނުލަ އެވެ. ތުހުމަތުކުރެވެނީ މެންބަރު ވިކުނީ ކަމަށެވެ. ނޫނީ މެންބަރަށް ނުފޫޒުތަކެއް ކުރިމަތިވީ ކަމަށެވެ.

އޭޖީ އަނިލް ވިދާޅުވީ، އެއީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުން ކަމަށެވެ. ހުރިހާ ބާރެއް ވެސް ދެމި އޮންނަނީ ރައްޔިތުންގެ އަތްމަތީ ކަމަށްވާއިރު ރައްޔިތުންގެ ހައްގުތައް ރައްކާތެރި ނުކުރެވޭފަދަ ގޮތަކަށް ގާނޫނު އަސާސީ މާނަކޮށްގެން ނުވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އިއްޔެ ސުޕްރީމް ކޯޓަށް އޭޖީ ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ އެހެންވެ އެވެ. އެކަން ހުއްޓުވުމަށެވެ. ރައްޔިތުންގެ މަޖިލިސް ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގަ އެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިންތިހާބުވާ ޕާޓީ، ދޫކޮށްލައިފިނަމަ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށެވެ. "ފްލޯ ކްރޮސް" ކޮށްފިނަމަ ގޮނޑި ގެއްލުމެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާ އެއްގޮތަށް ކަނޑައަޅައިފިނަމަ މެންބަރުންތައް ވެގެން ދާނީ ޕާޓީތަކުގެ "އަޅުން" ނަށެވެ. ރައްޔިތުން އިންތިހާބުކުރާ ބަޔަކު ތިބެންޖެހޭނީ ރައްޔިތުންގެ ހާދިމުންގެ ގޮތުގަ އެވެ. އެ މެންބަރަކާމެދު ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނެގޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގާނޫނީ ބައެއް ބޭފުޅުންދެކެ އެވެ. އެފަދަ "ރީ ކޯލް ވޯޓު"ގެ ނިޒާމަކީ ބައެއް ގައުމުތަކުން އަމަލުކުރާ ނިޒާމެކެވެ. އެކަން ވެސް ނިންމަން ވާނީ މަޖިލީހުންނެވެ. ކޯޓަކުން ނޫނެވެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އޭޖީ ހުށަހެޅުއްވީ ގާނޫނުތަކުގައި މިހާރު ނެތް އާ އުސޫލެއް ތައާރަފް ކުރާށެވެ. އެކަމަކު ސުޕްރީމް ކޯޓަކީ ގާނޫނުގައި ނެތް އާ ކަމެއް ތައާރަފް ކުރުމުގެ ބާރު އޮންނަ ބައެއް ނޫނެވެ.

އޭޖީ ހުށަހަޅާފައިވާ ގޮތުން މެންބަރަކު ޕާޓީގެ ފިކުރާ ހިލާފުވުން ނޫނީ ވިޕްލައިނަކާ ހިލާފުވިޔަސް އެ މެންބަރެއްގެ ގޮނޑި ގެއްލެ އެވެ. ހަގީގަތުގައި ވެސް މިއީ އެ މެންބަރަކު ޕާޓީގެ އަޅަކަށްވާނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީތައް ހަރުދަނާ ނުވުމެވެ. ވިޕްލައިން ނެރޭނެ އުސޫލުތަކާއި އެކަން ކުރާ ހާލަތްތައް ވެސް ރާއްޖޭގެ ޕާޓީގެ ނިޒާމުގައި އޮންނަނީ އެ އިރެއްގައި ޕާޓީގައި ނުފޫޒު ގަދަ ބަޔަކު ހިތުހުރި ގޮތަކަށެވެ. ރައްޔިތުންނަށް ކަންކަން ނިންމުމަށް ވުރެ ބޮޑަށް ޕާޓީގެ ލީޑަޝިޕަށް ފައިދާ ބޮޑުވާ ގޮތަށް ވޯޓު ދިނުމަށް ދީލައިލުމަކީ ޕާޓީތަކުން އަމަލު ކުރާ އުސޫލެވެ. އެހެން ކަމުން ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުލެއް ވިޔަސް، ގޮޑީގެ ބިރުގައި ވޯޓުލާން ޖެހެނީ ޕާޓީއަށް ޓަކަ އެވެ. އެކަމަކު މެންބަރުން ވޯޓްލާން ޖެހެނީ ޕާޓީއަށް އިހުލާސްތެރިވެގެން ކަމަށް ބުނާ މާއްދާއެއް ރާއްޖޭގެ ގާނޫނު އަސާސީ އަދި ގާނޫނުތަކުން ވެސް ފެންނާކަށް ނެތެވެ. މިފެންވަރުގައި ރާއްޖޭގެ ކަންކަން އޮއްވާ އެއީ ޑިމޮކްރަޓިކް ނިޒާމް ފުނޑޭނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ. އުމަރު ނަސީރު ވިދާޅުވީ، މިފަދަ ގޮތަކަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އެ ކޯޓުގެ އިތުބާރު ވެސް ގެއްލި، މި ސިޔާސީ އޮއިވަރު އިތުރަށް ދެމިގެންދާނެ އެވެ. މިއީ ހައްލެއް ނޫނެވެ.

މަޖިލީހުގައި ވަރުގަދަ އަގުލަބިއްޔަތެއް އޮވެ، އެ އަގުލަބިއްޔަތު ގެއްލިފައިވާ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރާ ގޮތަށް މަޖިލީސް މެންބަރުގެ ދައުރު ފުރިހަމަ ކުރުމަކީ މުޅި ސިސްޓަމުގައި އުފެދޭނެ އެންމެ ބޮޑު އިތުބާރުކަމަށް ވެގެން ދާނެ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް މެންބަރުން ވިއްކީ ރައީސް ޔާމީންގެ މެނިފެސްޓޯ ކަމަށާއި ނަމަވެސް އިންތިހާބު ވެވަޑައިގަތުމަށް ފަހު އަމިއްލަ މަންފާއަށް ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ޕާޓީގެ އުސޫލުތަކާ ހިލާފަށް ދޫކުރައްވާ ވަޑައިގެންފި ނަމަ ގޮނޑިގެއްލެން ޖެހޭނެ ކަމަށާއި އެކަމަށް ޕާޓީގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ.

ނަމަވެސް އެކަން ވިސްނުނީ މިއަދު ހެއްޔެވެ؟ ބޮޑު ވިލާގަނޑެއް ބޯމަތިވުމުން ހެއްޔެވެ؟ ތި ބޭފުޅުން އެކަން ކުރެއްވިއިރު އެކަން އެންމެ ރަނގަޅީ ހެއްޔެވެ؟ އޭރު ހަމަ ގައިމުވެސް ޕީޕީއެމްގެ މުޅި ލީޑަޝިޕް ވެސް ތިބީ އަތް ޖަހާށެވެ. ޕީޕީއެމްއަށް އައި މެންބަރުންނަކީ ބަތަލުން ކަމަށް އެބޭފުޅުން އެ ދުވަހު ސިފަކުރެއްވި އެވެ. އެކަމަކު މެންބަރުން "ގަނެލުމު"ގެ މިޝަން ފެއިލްވުމުން އެންމެ ފަހުން ޝަރުއީ ދާއިރާގެ ތެރެއިން ހައްލެއް ހޯދަން މަސައްކަތް ފެށީ އެވެ. ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައަށް ތާއީދުކޮށް ޕީޕީއެމްގެ ލީޑަޝިޕުން ދައްކާ ވާހަކަ ހަމަ ބަރާބަރެވެ. އެކަމަކު ސުވާލަކީ އެކަން ކުރަންވީ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލޭ ހިސާބުން ހެއްޔެވެ؟ އެހެން ވީމާ މިއީ ޝަރުއީ ދާއިރާއިން ނާޖާއިޒު ފައިދާތަކެއް ހޯދައިގެން ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރަން ކުރެވޭ މަސައްކަތެއް ނޫން ބާއެވެ؟

ޕީޕީއެމްގައި އެހެން ޕާޓީތަކުގެ ގިނަ މެންބަރުން!

  • ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން (ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި)
  • މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ގާދިރު (ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި)
  • ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން (ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި)
  • ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު (ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައި)
  • ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައި)
  • މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު (ހޮވިވަޑައިގަތީ އަމިއްލަ ގޮތުން)
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް (ހޮވިވަޑައިގަތީ އަމިއްލަ ގޮތުން)

ޕީޕީއެމްއިން މަޖިލީހުގެ ސުޕް މެޖޯރިޓީ ހޯދައިފައިވަނީ އެހެން ޕާޓީތަކުން މެންބަރުން ގެނެސްގެނެވެ. އެ މެންބަރުން ޕާޓީއަށް ސޮއިކުރުމަށް ބޮޑެތި ހަފުލާތައް ބޭއްވި އެވެ. ބޮޑެތި އަދަދުން ސަރުކާރުން މެންބަރުން ގަންނަނީ ކަމަށް ތުހުމަތުކުރެވެމުން ދިޔަ އެވެ. ޕީޕީއެމްއަށް ގެންދިޔަ މެންބަރުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއެކު މަޖިލީހަށް ވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. އެ މެންބަރުން ޕީޕީއެމްއަށް ގުޅިވަޑައިގެންނެވިއިރު އަބްދުލް ރަހީމަށް ވެސް އެއްވެސް މައްސަލައެއް ނެތީ ހެއްޔެވެ؟ އޭރު އޭޖީ އަނިލް ވެސް މިފަދަ މައްސަލައެއް ވެއްދުމަށް ހަނދާން ނެތީ ހެއްޔެވެ؟

އެކަމުން އޭރު ޕީޕީއެމްއަށް ވީ ފައިދާ އެވެ. މިހާރު ގެއްލުމެވެ. މާބޮޑަށް ވެސް ގެއްލުމެވެ. އޭޖީ އަނިލް މައްސަލަ ހުށަހެޅުއްވީ އެކަމުން ޕީޕީއެމްއަށް ގެއްލުންވާ ފެށުމުންނެވެ. އެހެންކަމުން އޭޖީ ވިދާޅުވި ގޮތަށް ދައުލަތުން ވެސް ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރީ ނޫން ހެއްޔެވެ؟

"އެއް ޕާޓީއަކުން 32 ނުވަތަ 33 ގައި ތިބެފައި 45 އަކަށް އަރައިގެން ދިޔައިރު ނުވޭ މައްސަލައަކަށް، މިއަދު އެ ޕާޓީއިން މެންބަރުން ދާތަން ފެންނަން ފެށީމަ ވިޕާ ހިލާފްވީމަ ނުވަތަ ޕާޓީން ވަކިވީމަ ގޮނޑި ގެއްލޭ ގޮތަށް،" އޭޖީ އަނިލްގެ މަގުސަދާމެދު ސުވާލު އުފައްދައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. ގާނޫނީ ގޮތުން ފުންނާބު އުސް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ، މި މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރަސީ ފުނޑާލަން އަނިލް ކުރައްވާ މަސައްކަތެއް ކަމަށެވެ.

މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ދުރުކުރުމަށް ޕީޕީއެމްގެ 10 މެންބަރަކު ހިމެނޭ ގޮތަށް 45 މެންބަރު ސޮއިކުރައްވާފައިވާ ދަނޑިވަޅެކެވެ. ޕީޕީއެމްއިން މަސީހުގެ ދިފާއުގައި މަސައްކަތް ކުރަމުންދާއިރު ޕީޕީއެމް އެ 10 މެންބަރުން ވޯޓު ދެއްވައިފިނަމަ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ އެވެ. އެކަން ސަރުކާރަށް ހުއްޓުވެން އޮތް ގޮތަކީ އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމެވެ. އެ މެންބަރުންނަށް ވޯޓު ނުލެވޭ ގޮތް ހެދުމެވެ. އެކަމަށް މަގުފަހިވިޔަ ނުދިނުމަށް އެ މެންބަރުން އެ ވަނީ އެންމެ ލޯބިވި ޕާޓީ ވެސް ދޫކޮށްލައްވާފަ އެވެ.

އޭޖީ އަނިލް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ އިންތިހާބުވާ ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށެވެ. އެހެން ކަނޑައަޅައިފިނަމަ ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުން މުހިންމު ނިންމުންތައް ނިންމަން ވަކި އަދަދަކަށް މެމްބަރުން ތިބެން ޖެހޭއިރު އެގޮތަށް ހަދައިފި ނަމަ މަޖިލީހުގެ މަސައްކަތްތައް ނުކުރެވޭނެ އެވެ.

މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅައިފިނަމަވެސް ދެން ސަރުކާރަށް ވާނެ ފައިދާއެއް އޮންނާނެހެން ހިއެއް ނުވެ އެވެ. ވިއްޔާ ވާނީ ގެއްލުމެވެ.

ޕީޕީއެމް މެންބަރުންތައް އެވަނީ ވަކިވެފަ އެވެ. ކޮންމެ ކަމެއް ވެސް ހިނގަން ފަށާނީ އެ ކަމެއް ކަނޑައަޅާ ހިސާބުންނެވެ. ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން ހެދޭ ގާނޫނުތަކުން އަސަރެއް ނުކުރާނެ އެވެ. އެހެން ކަމަށްވާނަމަ ޕީޕީއެމްއިން އިއްޔެ ވަކިވި 10 މެންބަރުން ޕީޕީއެމްގެ ވިލްލައިނާ ހިލާފަށް ވޯޓު ދިން ނަމަވެސް ގޮނޑި ގެއްލިގެން ނުވާނެ އެވެ. އެ ހުކުމް އައުމުގެ ކުރިން މެންބަރުން އެވަނީ ޕާޓީން ވަކިވެފަ އެވެ. އަދި އެއީވެސް ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމެއް ކުރައްވާފައި އޮތްވަ އެވެ. ސުޕްރީމް ކޯޓުގެ އެހެން ނިންމުމެއް އެކަމާ ގުޅޭ ގޮތުން ނާންނަހާ ހިނދަކު އެ ހުކުމަށް ރިޔާއަތް ކުރެވޭނެ އެވެ. އެ ހުކުމަކީ ކައުންސިލް މެންބަރެއްގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ހުކުމެކެވެ.

މިހާރު ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް އަންނާނެ ގޮތެއް ނޭނގެ އެވެ. ހުކުމް އަންނަ ގޮތަކުން އެ މެންބަރުންގެ ގޮނޑި ގެއްލުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. އަދި، މީގެކުރިން އެހެން ޕާޓީތަކުން ޕީޕީއެމްއަށް އައި މެންބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެއިތުރުން ވެސް ސުޕްރީމް ކޯޓުން އޭޖީ އަނިލް އެދިވަޑައިގަންނަވާ ގޮތަށް ކަނޑައަޅައިދެއްވައިފިނަމަ، މިވީހާ ދުވަހު ސުޕް މެޖޯރިޓީގައި، ސަރުކާރުން ފާސްކުރައްވާފައިވާ ގާނޫނުތަކާމެދު ވެސް ސުވާލު އުފެއްދިދާނެ އެވެ. އެއީ، ޕާޓީ ބަދަލުކޮށްފައިވާ މެންބަރުންނާއެކު ފާސްކޮށްފައިވާ ގާނޫނުތަކަށް ވާތީ އެވެ.