ހަބަރު

މެންބަރުން އަނިލްއަށް - އަމާޒު ތި ހުރީ މަޖިލިސް އުވާލަން

އިއްޔެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑިކިޔުން އަނިލަށް އަމާޒުވެއްޖެ އެވެ.

އޭޖީ އަނިލް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، އިންތިހާބުވާ ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް ހުށަހެޅި މައްސަލައެކެވެ.

އެކަމާ ގުޅިގެން ހިތަދޫ މެދުދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، އަނިލް އަމާޒު ހިފާފައި ހުންނެވީ ރައްޔިތުންގެ މަޖިލިސް އުވާލައްވަން ކަމަށެވެ. އެކަން ކުރައްވާނީ ސުޕްރީމް ކޯޓު ބޭނުންކޮށްގެން މަޖިލީހުގެ ތިންބައިކޮށްފަ ދެ ބައި މެންބަރުންގެ ގޮނޑި ގާނޫނު އަސާސީއާ ހިލާފަށް ގެއްލުވާލައިގެން ކަމަށެވެ.

"އެއް ޕާޓީއަކުން 32 ނުވަތަ 33 ގައި ތިބެފައި 45 އަކަށް އަރައިގެން ދިޔައިރު ނުވޭ މައްސަލައަކަށް، މިއަދު އެ ޕާޓީއިން މެންބަރުން ދާތަން ފެންނަން ފެށީމަ ވިޕާ ހިލާފްވީމަ ނުވަތަ ޕާޓީން ވަކިވީމަ ގޮނޑި ގެއްލޭ ގޮތަށް،" އޭޖީ އަނިލްގެ މަގުސަދާމެދު ސުވާލު އުފައްދައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ފުންނާބު އުސް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ، މި މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރަސީ ފުނޑާލަން އަނިލް ކުރައްވާ މަސައްކަތެއް ކަމަށެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވަ އެވެ. ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނަމަ ޑިމޮކްރަޓިކް ނިޒާމް ހަރަދުނާވުމުގެ ބަދަލުގައި ފުނޑޭނީ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ގޮނޑި ގެއްލޭނެ ކަމުގެ ބިރު ދައްކައިގެން މެންބަރުން ލައްވާ ވަކި ވިޕުލައިނަކާ އެއްގޮތަށް ވޯޓު ލެއްވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އޭޖީ އަނިލް ކުރައްވަން އުޅުއްވާ ކަމަކީ އެއީ ކަމަށެވެ. އޭޖީ އަނިލްގެ ނަން ލިޔތެވިގެން ދާނީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް އެންމެ ގެއްލުންދިން އޭޖީގެ ގޮތުގައި ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދަވަނީ، އެ އިސްލާހަކީ ގައުމަށް ވަރަށް ބޭނުން އިސްލާހެއް ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަނީ ޕީޕީއެމް ޕީޖީގެ މެންބަރުން ތިއްބެވީ ހައްގުތަކެއް ގެއްލުނު ނަމަވެސް މަޖިލިސް އިސްލާހު ކުރުމުގެ ރޫހުގައި ކަމަށާއި އެކި ކަންކަމުގައި މެންބަރުން ރިޝްވަތު ނެންގެވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަޖިލީހަށް އޮންނަ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ވެސް ޕީޕީއެމްގެ މެންބަރުން ވިދާޅުވި އެވެ.

އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާތީ، ސުޕްރީމް ކޯޓަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ހާޒިރުގަ އެވެ. މީގެކުރިން އެފަދަ މައްސަލަތައް ބެއްލެވީ ވެސް އެގޮތަށެވެ. ނަމަވެސް އިއްޔެ ހުށަހެޅުއްވި މައްސަލާގެ ބެންޗުގައި ތިއްބަވަނީ ތިން ފަނޑިޔާރުންނެވެ.