ކުޅިވަރު

ހަތަރު އަހަރު ތެރޭ ޔުނައިޓަޑުން ކުރި ހަރަދު ފާގަސަންގެ 27 އަހަރަށް ވުރެ ބޮޑު

Jul 11, 2017
1

މެންޗެސްޓާ އަށް ނިސްބަތްވާ މެންޗެސްޓާ ސިޓީ މަޝްހޫރު ވެފައި ވަނީ ކުޅުންތެރިން ގެނައުމުގައި ހަރަދު ބޮޑު ކުލަބެއްގެ ގޮތުގަ އެވެ. ނަމަވެސް، 75 މިލިއަން ޕައުންޑް (1.486 ބިލިއަން ދިވެހި ރުފިޔާ އަށްވުރެ ބޮޑު) އަގެއްގައި، ރޮމެލޫ ލުކާކޫ މި ހަފުތާގައި މެންޗެސްޓާ ޔުނައިޓަޑަށް ސޮއި ކުރުމުން، ޔުނައިޓަޑް ވެފައި ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ކުޅުންތެރިންނަށް ކުރާ ބޮޑު ހޭދައިގެ މަންމަ ކުލަބު ކަމުގަ އެވެ.

އެވަރުގެ ބޮޑު ހޭދައެއް ޔުނައިޓަޑުން ކުރުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ. ސަބަބު މިއޮތީ އެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ފަހުގެ ތާރީހްގައި އެކުލަބު ދުށް، އަދި އިނގިރޭސި ފުޓްބޯޅަ ދެކުނު އެންމެ ކާމިޔާބު ކޯޗަކީ، ސްކޮޓްލޭންޑްގެ އެލެކްސް ފާގަސަން އެވެ. ޔުނައިޓަޑުން މަސައްކަތް ކުރަމުންދާނީ، ފާގަސަންގެ ދައުރުގައި، އެކުލަބު ދެކެފައިވާ، ރަން ޒަމާން އަލުން ގެނައުމަށެވެ. ކުޅުންތެރިން ގެނައުމަށް މިހާ ބޮޑު ހޭދައެއް ކުރަނީ ކާމިޔާބާ ހަމަޔަށް ގެނެސް އެ ދުވަސްތައް އަލުން ގެނައުމަށެވެ.

ފާގަސަންގެ ދައުރުގައި ތަޖުރިބާ ކުރި ރަންޒަމާން އަލުން ގެނައުމަށް ޔުނައިޓަޑުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރު، 587.6 މިލިއަން ޕައުންޑް (11.649 ބިލިއަން ދިވެހި ރުފިޔާ އަށްވުރެ ބޮޑު) ގެ ހޭދައެއް ކޮށްފަ އެވެ. މިއީ 1986 އިން 2013 ވަނަ އަހަރާ ހަމަޔަށް، ހިނގާދިޔަ ފާގަސަންގެ 27 އަހަރުގައި ނުކުރާ ވަރުގެ ބޮޑު ހޭދަ އެކެވެ.

ފާގަސަންގެ ދައުރުގައި، އޭނާ ވަނީ 99 ކުޅުންތެރިޔަކު، ޔުނައިޓަޑަށް ސޮއި ކުރުވާފަ އެވެ. އެކަމަށް ހޭދަ ކޮށްފައިވަނީ 546.5 މިލިއަން ޕައުންޑް (10.836 ބިލިއަން ދިވެހި ރުފިޔާ އަށް ވުރެ ބޮޑު) ގެ ހޭދަ އެކެވެ. މިދިޔަ ހަތަރު އަހަރު ތެރޭ ޔުނައިޓަޑުން ގެނައީ 19 ކުޅުންތެރިން ނެވެ.

ފާގަސަންގެ ރަން ޒަމާން ފެށުނު ފަހުން، އޭނާ ވަނީ ކޮންމެ ސީޒަނެއްގައި ތާވަލުގެ އެއް ވަނަ އާ ވާދަ ކޮށްފަ އެވެ. ނަމަވެސް އޭގެފަހުން ޑޭވިޑް މޮއިސް އާއި ލުއިސް ވެންހާލް އާއި ހޯސޭ މޮރީނިއޯގެ ދައުރުގައި އެކަން އޮތީ ވަރަށް ފަހަތުގަ އެވެ. ލުކާކޫ ގެނައުމަށް ޔުނައިޓަޑުން ހޭދަ ކުރުމުން، އެ ކުލަބު ވެފައި ވަނީ މިދިޔަ ހަތަރު އަހަރު ތެރޭ، އިނގިރޭސި ފުޓްބޯޅައިގައި ފެނުނު އެންމެ ބޮޑު ތިން ޓްރާންސްފާގެ ޑީލް ހެދި ކުލަބު ކަމުގަ އެވެ.