ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީ 39 ޕަސެންޓް ދަށަށް!

މިދިޔަ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 39.9 ޕަސެންޓް ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ދައުލަތަށް ބަލައި ގަތީ 906.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ބަލައި ގަނެފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ގާތްގަނޑަކަށް 39 ޕަސެންޓް ދަށްވުމެކެވެ.

މީރާގެ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ބީޕީޓީގެ ގޮތުގައި 26 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. ޖީއެސްޓީގެ ގޮތުގައި 238 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 37 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ރެމިޓެންސް ޓެކުހުގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބިފައިވާއިރު ލޭންޑް އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި 47 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 193 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ޑޮލަރުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 35.4 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު 57 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.