ހަބަރު

ވެމްކޯގައި ރަޖިސްޓްރީވާން އޮންލައިން ޕްލެޓްފޯމެއް!

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން އަމަލުކުރަން ފަށާ އާ ގަވައިދު ނަންބަރު 2013/R-58 ދަށުން ގަވައިދާ ހިލާފަށް ކުނިއުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ. އެ ދުވަހުން ފެށިގެން ކުނި އުކާ ފަރާތްތައް މޮނީޓާ ކުރަމުން ގެންދާނެ އެވެ. ފުލުހުން އެމަސައްކަތުގައި މަގުތަކުގައި ހަރަކާތްތެރިވަމުންދާނެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން ވެމްކޯ އިން މާލޭގެ ގެތަކުން ކުނި އުކައިދޭން ފެށި ނަމަވެސް އަދިވެސް އަމިއްލައަށް ނުވަތަ ބިދޭސީން ލައްވާ ކުނި އުކާ މީހުންގެ އަދަދު މަދެއް ނޫނެވެ. އަމިއްލަ ގޮތުން ކުނި އުކަން ބޭނުންވާ ފަރާތްތަކުންވެސް ވެމްކޯގައި ރަޖިސްޓްރީވާން ޖެހެ އެވެ. އަމިއްލަ އަށް ކުނި އުކަން ރަޖިސްޓްރީވާ މީހުންނަށް ދުވާލަކު އެއް ފަހަރު ހިލޭ ކުނި އުކާލެވޭނެ އެވެ.

އަންނަ މަހުން ފެށިގެން ވެމްކޯގައި ރަޖިސްޓްރީ ވެގެން ނޫނީ ކުނި އުކާ ނުލެވޭއިރު އަދިވެސް އެކުންފުނީގައި ރަޖިސްޓްރީ ނުވާ މީހުންގެ އަދަދު އެވެ. ރަޖިސްޓްރީގެ ކަންކަން އާންމުންނަށް ފަސޭހަކޮށްދޭން ޑޯ ޓު ޑޯ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ފަހުންވެސް ވެމްކޯގެ އޮފީހުން ދަނީ ރަޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދަމުންނެވެ. އަދި މިހާރު ވަނީ އޮންލައިންކޮށް ރަޖިސްޓްރީކުރެވޭނެ ފަސޭހަ ގޮތްވެސް އިންތިޒާމްކޮށްފަ އެވެ.

އޮންލައިންކޮށް ރަޖިސްޓާ ވުމަށް ވެމްކޯގެ ވެބްސައިޓަށް ޒިޔާރަތްކޮށްލާށެވެ.

ދެން ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރާއި، އީމެއިލް އެޑްރެސް، ގުޅޭނެ ނަންބަރެއް އަދި ގޭގެ އެޑްރެސް އާއެކު އައިޑީ ކާޑުގެ ކޮޕީއެއް އެޓޭޗްކޮށްފައި ފޮނުވާލާށެވެ. އެއާ އެކު ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑް އެކަމަށް ހާއްސަ ކުރެވިފައިވާ ގޮޅީގައި ޖެހުމުން ރަޖިސްޓްރީ ވެވުނީ އެވެ.

މީގެ އިތުރުން ވެމްކޯގެ ހޮޓްލައިން ނަމްބަރު 1666 އަށް ގުޅައިގެން ވެމްކޯ އިން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ލިބޭނެ އެވެ.

ވެމްކޯ އިން މާލޭގެ ކުނި އުކައިދެނީ 10 ޒޯނަކަށް ބަހާލައިގެންނެވެ. ކުނި އުކައިދޭން ވެމްކޯއިން މިހާރު ވެސް މާލޭގައި ތަފާތު ސައިޒްގެ 40 އަށްވުރެ ގިނަ އުޅަނދު ގެންގުޅެ އެވެ. މ ިހިދުމަތް ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އާންމުކޮށް މީހުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކަށެވެ.

ވެމްކޯއިން ކުނި އުކައިދޭ ފީ އަކީ 150 ރ. އެވެ. އަދި މުޅި އިމާރާތް އެއްކޮށް ރަޖިސްޓާ ކުރުމަަށް ފަހު ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ ކޮންމެ އެޕާޓްމަންޓަކުން 100 ރ. ގެ ފީއެއް ނަގާނެ އެވެ. އެ ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯގެ އޮފީހަށެވެ.