ހަބަރު

"ލީޑަރުން ޖަލަށްލައިގެން ހިފަހައްޓާނެ ގޮނޑިއެއް ނުހުންނާނެ"

Jul 12, 2017
1
  • ޕީޕީއެމުން ދޭ ދައުވަތު ގަބޫލެއް ނުކުރެވޭނެ
  • ޕީޕީއެމަށް ހިދުމަތް ކުރުމަށްވުރެ ރަނގަޅީ ސަލާންޖެހުން
  • އެ ލީޑަޝިޕަށް އިހުލާސްތެރި ކަމުގެ އަގެއް ނޭނގޭ

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ނޫން ވެސް ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ހިފަހައްޓަން ޖެހޭނެ ގޮނޑިއެއް އަދި ދަމަހައްޓަންޖެހޭ ސަރުކާރެއް ނޯންނާނެ ކަމަށް ޕީޕީއެމްގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފެށުނީއްސުރެ ރައީސް ޔާމީނާ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސިނާން ވިދާޅުވީ މި ވަގުތުން ކަންކަން ބައްޓަން ވެފައިވާ ގޮތުން ސަރުކާރު ހިންގާ ޕީޕީއެމަށް ހިދުމަތް ކުރުމަށްވުރެ މަގުމަތީގައި ސަލާން ޖެހުން ވެސް ރަނގަޅު ކަމަށާއި އެ މާ ހައުލަކީ ބިރެއް ނެތް މާހައުލެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ލީޑަރުންނާއި ބޭފުޅުން ޖަލުތަކުގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ސިޔާސީ ފަރާތްތަކާމެދު އިންސާފުން ކަންކަން ކުރެވޭ މާހައުލެއް އޮތްކަން ޔަގީންވާން ޖެހޭ ކަމަށެވެ.

"ޕީޕީއެމުން ދެއްވާ ދައުވަތެއް ގަބޫލެއް ނުކުރަން، މިވަގުތު ޕީޕީއެމްގައި އޮތް ލީޑަޝިޕަށް ހިދުމަތް ކުރުމަށްވުމަށްވުރެ ސަލާން ޖަހަން މަގުމަތީގައި ހުރުން ވެސް ރަނގަޅު، މިހާރު އޮތް ލީޑަޝިޕަކީ އިހުލާސްތެރިކަމާއި ތެދުވެރި ކަމުގެ އަގު ވަޒަން ކުރަން އެނގިވަޑައިގަންނަވާ ލީޑަޝިޕެއް ނޫން،" ސިނާން ވިދާޅުވި އެވެ.

ރާއްޖޭގައި ކަންކަން ހުރި ގޮތުން ގިނަ ތުހުމަތުތަކެއް ކުރެވޭ ޝަރުއީ ދާއިރާއަށް އިޝާރާތް ކުރައްވާ ސިނާން ވިދާޅުވީ ގާނޫނީ ދުސްތޫރީ ހަމަތަކުގެ ތެރެއިން އެންމެނަށް އިންސާފު ލިބޭ ގޮތަށް ކޯޓްތަކާއި ފަނޑިޔާރުންގެ މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށާއި އިންސާފުގެ ދާއިރާގައި ތިއްބެވި ފަރާތްތަކުން އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ސިނާނު ޕީޕީއެމުން ދޫކޮށްލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދި ގަރާރުގައި ޕީޕީއެމްގެ ތެރެއިން ސޮއި ކުރެއްވި 10 މެންބަރުގެ ތެރޭގައި ހިމެނި ވަޑައިގެންނެވުމަށް ފަހު މީގެ ދެ ދުވަސް ކުރިންނެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ އޭނާ ވިސްނުން ދެން ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.