ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ބަލިވުމުން މިިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވި ގޮތުގައި އިންތިހާބުން ރައީސް މައުމޫން ބަލިވާން ޖެހުނު މައިގަނޑު އެއް ސަބަބަކީ އިދިކޮޅު ފަރާތްތަކުން ދައްކައި ފަތުރަމުން ދިޔަ ވާހަކަތަކަށް މައުމޫންގެ ސަރުކާރުގެ ތެރެއިން ވަށައި ޖެހޭ ގޮތަށް އެކަށީގެންވާ ރައްދު ނުދެވުމެވެ. ރައީސް ޔާމީނަށް އެކަން އެގޮތަށް ގަބޫލުފުޅު ކުރެއްވޭއިރު މިހާރުވެސް މި ފެންނަނީ އެ މަންޒަރެވެ. މި ސަރުކާބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރުގެ ތެރެއަކުން އެކަށީގެންވާ ރައްދެއް ނުދެވެ އެވެ. ދޭކަށް ނުވެސް އުޅެ އެވެ.
ކަންކަމަށް ރައްދު ދީ، އެކަންކަން ސާފުކޮށް ނުދެވި އެ މަތިމައްޗަށް އެތައް ކަމެއް ފުށު އަރައި މުޅި ސަރުކާރު ކޮށި އަރާފައި ވަނިކޮށް ރައީސް ޔާމީން އަންގާރަ ދުވަހުގެ ރޭ ވަނީ ކުއްލި ގޮތަކަށް ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެން ނޫސްވެރިން ބޭނުންވި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާ ސާބިތުކަން ދައްކަވާފަ އެވެ.
އެ މަނިކުފާނު ދެއްވި ވާހަކަފުޅުތައް އެނަލައިޒް ކޮށްލައިގެން އިިދިކޮޅު ފަރާތްތަކަށް އެއްޗެއް ހާސިލު ނުވާނެ އެކޭއެއް ނޫނެވެ. އެކަމަކު އެ ރޭ ފެނިގެން ދިޔައީ "ސަޅިކޮށް" އެންމެން ސިއްސުވާލައި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވެއްވައި މުޅި ރާއްޖެ ފޮޓޯގަނޑެއްހެން ހުއްޓުވައިލި މަންޒަރެވެ.
ރައީސް ޔާމީނަށް ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބައެއް ބޭފުޅުން ވެސް އެ ޕްރެސް ކޮންފަރެންސަށް ފަހު ވިދާޅުވެފައި ވަނީ "ރައީސް ޔާމީނުގެ ގަޓު އެބަހުރިކަން ހިތުގެ އަޑިން ގަބޫލު ކޮށްފީމޭ" އެވެ. އިދިކޮޅު އެހެން ބައެއް ކްރިޓިކުން ވެސް މިފަދަ އިބްރާތްތައް ދޫކޮށްލި އެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެ ނާޒުކު ފައްތަރެއްގައި އޮއްވާ ރައީސް ޔާމީންގެ ދެއްކެވި ސާބިތުކަމުން މީހުން ހައިރާން ކޮށްލާފައިވާއިރު އެމަނިކުފާނަށް މަރުހާބާ ވިދާޅުވެ ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ ބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކްޓިވިސްޓުން އުތުރި އަރައިގަތް އިރު ހީވީ ދެން ހުރިހާ ކަމަކުން މިންޖުވީހެނެވެ.
އެއްބައި މީހުން އެހީ މިވަރުގެ "ކޫލް" ރައީސެއް ދުނިޔޭ ތާކުން ދުށީން ހެއްޔޭ އެވެ؟ އަނެއް ބަޔަކު ބުނީ މިއީ "ގަޓް ހުރި" ރައީސެކޭ އެވެ. އަނެއް ބަޔަކު އެމީހަކަށް ކުރެވުނުހާ ތައުރީފެއް ކޮށްފައި ފޮޓޯ ހަދައިގެން އެކި ތަންތަނަށް ކޮއްޕީ އެވެ. ލަފާވާ ގޮތުން ޖެހިގެން އައި ދުވަހު ޝުކުރު ތަހާނީއާ ހުރެ ރައީސްގެ ފޯނަށް ވަރަށް ބާރު ބޮޑުވާނެ އެވެ.
މިފަދަ ދަނޑިވަޅެއްގައި ރައީސް ނުކުންނަވައި ވާހަކަފުޅު ދެއްކެވުމުން "ދެން އަތް ޖަހާ، ދެން އަތްޖާ، ދެން އަތްޖަހަ އެންމެން އަތްޖަހާ" އޭ ކިޔައިގެން ދުއްވައިގަތް އިރު ރައީސް ޔާމީންގެ ސަރުކާރަށް މިހާވަރު ވެގެން ދިޔައިރު އެންމެން ކޮބައި ހެއްޔެވެ؟
ސިޔާސީ ޕާޓީގެ ނިޒާމެއްގައި އިދިކޮޅެއްގެ އެ މީހުންގެ ސުންނަތް އަދާ ކުރަން ޖެހޭ ކަންކަން ހުއްޓާ ނުލައި ކުރާނެ އެވެ. ނުކުރަންޏާ އެއީ އަނެއް މައްސަލަ އެވެ. އެކަންކަން ނިއުޅާލައި ބުނެދޭން މި ސަރުކާރުގެ ސިޔާސީ މީހުން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟
ހަގީގަތުގައި މިދިއަ އަންގާރަ ދުވަހުގެ ރެއަކީ ސަރުކާރުގެ ތެރޭގައި ތިބި ސިޔާސީ ވަރަށް ގިނަ ބަޔަކު ލަދު ގަންނާންޖެހޭނެ ރެއެކެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާގައި އިސްވެ ތިބި ފަރާތްތަކެވެ. އެކަމެއްގެ އަހުލުވެރީން ނޫން ބަޔަކު އެކަމެއްގެ ތެރެއަށް ވަދެއްޖެ ނަމަ ނުކުންނާނެ ނުރަނގަޅު ނަތީޖާ އައިސްފައިވާތީ އެވެ. ކައްޓާއަށް ލައިގެން މަސް ކިރުވާ މީހަކު ޓީވީ ޗެނަލެއް ހިންގަން ދިމާކޮށްފިއްޔާ ވާނީ ކިހިނެއް ޔެވެ؟ އަދި ޓީވީ ހިނގާ މީހަކު މަސް ކިރުވާން ދިމާކޮށްފީވިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މުޅި އެތި ހަރާބުވާނީ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އައި ބަދަލަކާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ކަންކަން ވަރުގަދަ ވެދާނެ ކަމަށް ހީ ކުރެވުނެވެ. އެ ދުވަސްވަރު ރައީސް އޮފީހުގެ މީޑީއާގެ އޮފިޝަލަކު އަޅުގަނޑަށް ގުޅުއްވައި އެއްސެވި އެވެ. ރައީސް އޮފީހުގެ މީޑީއާގެ ވައިބާ ގްރޫޕެއް ހެދުން ކިހިނެއް ވާނެ ހެއްޔެވެ؟ އަޅުގަނޑަށް ދެންނެވުނީ ތިޔައީ އެންމެ ރަނގަޅު ކަމެކޭ އެވެ. އަސްތާ އެ ގްރޫޕެއް އުފެދި ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި ހީވީ ވިލުތެރޭން އޮއިތެރެއަށް ލަނޑާ ދަމާލިހެނެވެ. ނޫސްވެރިންގަނޑު އެ ގްރޫޕްގެ ތެރެއަށް ދެމިގަތެވެ. ދެން އެ އެހަރަ އަންނަނީ ސުވާލުތަކެވެ. ބައިވަރެވެ!
ރައީސް އޮފީހުގެ ތަރުޖަމާނުގެ ޖަވާބަކީ ކޮބައިތޯ އެވެ؟ ނޫސްވެރިން ފޯނުކޮށް ސުވާލު ކުރީމާ ވެސް ދެއްވާ ޖަވާބެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްވެ ދެއްވާން ބޭނުންވާ މައުލޫމާތެއް އެ ވަގުތެއް ޖެހުނީމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާނެ އޭ" އެވެ. މީ ކޮންކަހަލަ އިސްޕޯކްސް ޕާސެނެއް ހެއްޔެވެ؟ މިނޫނަސް އިސްޕޯކްސް ޕާސަނުން އުޅުއްވާފައި ވަޑައިގެންފި އެވެ. މިފަދަ ކަމަކާ އަދިއެއް ދިމައެއް ނުވެއެވެ. އެ އިސްޕޯކްސް ޕާސަން ނެތަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްވެ ދޭން ޖެހޭ އެއްޗެއްވިއްޔާ އައީ އަބަދުވެސް ދެމުންނެވެ. އެ މަގާމެއް އުފައްދާފައި އެއޮތީ ކަމަކު އެވެ.
ރައީސް އޮފީހުގެ އެ ވައިބަރު ގްރޫޕްވީ ހުޅަނގު ވިނައަށެވެ. ހުުޅަނގު ވިނައަކީ، ހުޅަނގުގައި ރަށުގެ ހޭޅިން އަތިރިމައްޗަށް ހެދިގަންނަ ބޯ ވިނަގަނޑެކެވެ. މޫސުން ބަދަލުވުމާއެކު ބޮލެއް ތަލަވާހެން ހާވިއާ ވެލާފައި ހީނަރުވެ މަރުވެގެން ހިނގައިދާނެ އެވެ. ދެން ވިނަތަކުގެ ކަށި ތޮނަތައް ވާނީ ހިނގާ މީހުނަށް ނުފުރުއްޕާނަކަށެވެ. މި ގްރޫޕް ވެފައި އޮންނަނީ އެހެނޭ ބުނެފިއްޔާ އަޅުގަނޑަށް ވުރެ ނުބައި މީހަކު ހުންނާނެ ހެއްޔެވެ؟
ރައީސުލް ޖުމްހޫރިއްޔާގައި އޮފީހުގައި އިންޓަނޭޝަނަލް ސްޕޯކްސް ޕާސެނެއް ވެސް ހުންނަވަ އެވެ. އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެކެވެ. އިލްމުވެރި ކަމާއި މައުރިފާވެރި ކަމާމެދަކު ޝައްކެއް ނުކުރަމެވެ. އޭނާ އެ މަގާމަށް ވަޑައިގަތީ ޑިސެމްބަރު 20، 2015 ގަ އެވެ. ލައްކަ ދުވަސް ވެއްޖެ ނޫން ހެއްޔެވެ؟ ސަރުކާރު ދިފާއު ކުރެއްވުމުގައި އޭނާ ކުރެއްވީ ކޮން ކަމެއް ހެއްޔެވެ؟ ރިޓްވީޓް ކުރެއްވުން ހެއްޔެވެ؟
ކަމަކަށް ރައްދެއް ދެއްވައިގެން އެހެންނާ ބޭރު ނޫހަކަށް އިންޓަވިއުއެއް ދެއްވައިގެން ރާއްޖޭގެ އިދިކޮޅު ފަރާތްތައް ތެޅިގަތްތަނެއް ނުފެނެ އެވެ. އިދިކޮޅުން ދެއްކި ވާހަކައެއްގެ އަސްލު ހިއްޕަވައިގެން ބޭރަށް ވަޑައިގެން ކަމެއް ކުރެއްވިތަނެއް އަޅުގަނޑެއް ނުދެކެމެވެ. އާދެ، އަޅުގަނޑަކަށް އަޑެއް ނީވެ އެވެ.
އެކަމަކު މަގާމަށް ވަޑައިގެން ކުރެއްވި ޓުވީޓެއް އެނގިވަޑައިގަންނަވާތޯ އެވެ؟ މިއަކީ ސިޔާސީ ބޭފުޅެއް ނޫނީމެވެ. -- ސީރިއަސްލީ! -- ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އޮނިގަނޑުގައި އެއީ ސިޔާސީ މަގާމަކަށް ފަހަރުގައި ނުވެ ހިނގައިދާނެ އެވެ. އެކަމަކު އެ އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އެއީ ސިޔާސީ މީހަކަށް ނުވަންޏާ އެ މަގާމުގެ އުރަ ދިއްކޮށްލާއިރަށް އެ އުރައިގައި ހިއްޕެވީ ކީއްކުރަން ހެއްޔެވެ؟ ރާއްޖޭގެ ކަންކަން ސާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ "ވޮޝިންޓަން ޕޯސްޓް" ގައި އޮޕް އެޑް ލިޔުއްވި އިރު އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ކުރެއްވި އެފަދަ މަސައްކަތެއް ނުފެނުމުން އެއީ "އަންނަނީ ހިންޏޭ" ބުނަން މާ ރަނގަޅު ކަމެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އޮތް އިރު ގިނަ ވަޒީރުން ކޮބައި ހެއްޔެވެ؟ ޑރ. މުހައްމަދު ޝައިނީ "ގަޓް" ވެވަޑައިގެންނެވިއަސް، ޑރ. މުހައްމަދު މުއިއްޒު، އެކިޔާ ގޮތެއް ވިޔަސް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާ ނޫން ހެއްޔެވެ؟
އެގޮތަށް ހަތަރު ފަސް އެމްޕީއަކު ވެސް އުޅުއްވާތީ ފެނެ އެވެ. ސަރުކާރެއްގެ ދިފާއުގައި ކުރަން ޖެހޭ ސީދާ މަސައްކަތް ނުކުރެއްވުނަސް އެ ބޭފުޅުންގެ ފަހަތުން މިނިސްޓަރު ތޯރިގާއި މިނިސްޓަރު ނާޒިމް ވެސް ދުވެވޭތޯ އުޅުއްވަ އެވެ.
އެކަމަކު އޭޖީ މުހައްމަދު އަނިލް ކޮބައިތޯ އެވެ؟ ޖެންޑާ މިިނިސްޓަރު ކޮބައިތޯ އެވެ؟ ޒުވާނުންގެ މިނިސްޓަރު ކޮބައިތޯ އެވެ؟ ފިނޭންސް މިނިސްޓަރު ކޮބައި ހެއްޔެވެ؟ ސަރުކާރު ދިފާއުކޮށްދޭން ނައިބު ރައީސް ކޮށް ދެއްވަނީ ކޮންކަމެއް ހެއްޔެވެ؟ އެޑިއުކޭޝަން މިސްޓަރު ކޮބައި ހެއްޔެވެ؟ ޑރ. މުހައްމަދު އާސިމް ކޮބައިތޯ އެވެ؟ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ކޮބައި ހެއްޔެވެ؟ ޓޫރިޒަމާއި އިސްލާމިކް މިނިސްޓަރު ކޮބައި ހެއްޔެވެ؟
ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިދިއަ ދެތިން ހަފުތާއަކީ ފާހަގަ ކޮށްލެވޭނެ ދުވަސްތައްކަން ރޭކާ ލާނީ ހިސާބަކަށް ގައުމީ ތާރީހު ވެސް ބަލައިލައިގެން އުޅުއްވާނަމަ އެވެ. އަޅުގަނޑު ބަލައިލި އިރު ސަރުރުކާރު ދިފާއު ކުރަން އެއިން ބޭފުޅަކު ކުރެއްވި މާ ބޮޑު ކަމެއް ނުފެނެ އެވެ. ބައެއް ބޭފުޅުންގެ ފޭސްބުކު ބައްލަވާލައްވާށެވެ. ފެންނަނީ "ފީލިން ހެޕީ" އާއި "ފީލިން އީވްނިން ޓީ" މިޒާތުން ލިޔެލުމާއި އާދަމް ނަސީރުގެ ކޮންމެވެސް އިޝްގީ ޅެމަކަށް ލައިކް ޖަހާލުން ފަދަ ކަންކަން ކުރައްވާފައި ހުންނާތީ އެވެ. މިއިން ބޭފުޅަކަށް މި ރާއްޖެއަށް ކަމެއް ވެގެން އުޅޭހެން ހަރާން، ހީވެސް ނުވެއެވެ.
އަނެއްކާ މިހުރިހާ ކަމެއް މިހާރު ދިމާވެގެން އުޅެނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދާ ގުޅިގެނެވެ. މަސީހު އޭނާގެ ދިފާއުގައި ވާހަކަފުޅެއް ދެއްކެވިއްޔާ އަޅެ ފަހެ ވާނީ ކީއްހެއްޔެވެ؟ އިދިކޮޅު މީހުން މަސީހު ޖަހައިގަނެގެން ގެންދާން އުޅެނީއެއް ނޫންވިއްޔާ އެވެ.
ދެން ތިބީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުުޅުންނެވެ. ސަރުކާރު ދިފާއުކޮށްދޭން އެ މީހުން ކުރީ ކީއް ހެއްޔެވެ؟ ގިނަ ކޯޑިނޭޓަރުން ކުރައްވާ ކަންކަމުން ސަރުކާރަށް ލިބެނީ ގެއްލުމެވެ. ވަނީ ބަދުނާމެވެ. ކޯޑިނޭޓަރު ކަމޭ އެކިޔާ މަގާމާ ބައެއް އަބުރުވެރި ބޭފުޅުން ހަވާލުވާތީ ވެސް އަޅުގަނޑު ހުންނަނީ ހައިރާންވެފަ އެވެ.
މިދާދުވަހު "ހިނިއަންނީ" އޭ ކިޔައިގެން އެގަތް ގަނޑެއް ބަލައިބަލާށެވެ. އަންގާރަ ދުވަހު އެއްވެލާފައި އެ ހޭވި ހަޑިއެއް ބަލައިބަލާށެވެ. އަޅުގަނޑަކަށް ނޭނގެ އެވެ. ނުވެސް އެނގޭނެ އެވެ. އެކަމަކު ސިޔާސީ މީހުން ސިޔާސީ މަސައްކަތް ކުރާ ގޮތް ދަސް ކުރާން އެބަޖެހެ އެވެ. އޯގަނައިޒްކޮށް ކަންކަން އެމްޑީޕީން ކުރާ ގޮތުން މިސާލު ހޯދައިގެން ދަސްކުރާން ޖެހެ އެވެ. މޮޅަން ކަން ކުރާ މީހަކު އެކަމެއް ކުރާ ގޮތެއް ބަލައި އެގޮތެއް އެޕްލައި ކުރެވޭތޯ ބެލުމަކީ އެންމެން ކުރާ ކަމެކެވެ. އެއްވެސް ކަމެއް ނުކޮށް، ކުރާން ނުވެސް އުޅެ، ހުރިހާ ކަމެއް ބޮއްސުންލައި ކޮށިއަރައިގެން ދިޔާމައި ރައީސް ނުކުންނަވާ އެކަންކަން ވަށައިޖެއްސޭތޯ މަސައްކަތްޕުޅު ކުރެއްވުމުން ދެން އަތް ޖެއްސެވިއަކަސް އެއަށް އިހުލާސްތެރިކަމޭ ކިޔާނީ ކާކު ހެއްޔެވެ؟ އެއް ކަލަ ދިހަ މެންބަރުންނާއި އިދިކޮޅުގައި ދެން ތިބި މީހުން އެކަންޏެއްނޫނެވެ. އެކަކު ވެސް ނުކިޔާނެ އެވެ.