ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެންބަރު މަހު ފަށަން ނިންމައިފި އެވެ.
މޯލްޑިވްސް ރޯޑް ޑެވޮލަޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ކުރިއަށް ގެންދާ އެ މަސައްކަތުގައި ފޮނަދޫގެ ނުވަ މަގެއްގައި ތާރު އަޅާނެ އެވެ. އެއީ 4.7 ކިލޯމީޓަރުގެ މަގެވެ.
އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ. މިހާރު ކުރިއަށް ދަނީ ފޮނަދޫ ބޮޑު މަގުގައި ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތެވެ.
ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާނެ އެވެ. މުޅި ޕްރޮޖެކްޓްގެ އަގު 47 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފޮނަދޫ މަގުތައް ހެދުމުގެ މަސައްކަތް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ މަގުތައް ހެދުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން ކަމަށް އެމްއާރްޑީސީން ބުނެ އެވެ.