ވިޔަފާރި

ޓީޓީއެމްގެ ބައްދަލުވުންތަކުގެ އަގު އެއް ބިލިއަން ޑޮލަރު!

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ބައިވެރި 100 އަށްވުރެ ގިނަ އެޖެންޓުން ރިސޯޓުތަކާއެކު ހެދި، މީޓިން ތަކުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ ޓީޓީއެމް އިންތިޒާމުކުރި ކުންފުނިން ބުނީ އާޓްގެލަރީގައި މިއަދު ޓުއާ އޮޕަރޭޓަރުންނާއި ރިސޯޓުތަކުން ގިނަ މީޓިންތަކެއް ހަދާފައިވާއިރު، މި ބައްދަލުވުންތަކުގެ އަގު އެއް ބިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށެވެ.

ޓީޓީއެމްގައި ގާތްގަނޑަކަށް 3،000 މީޓިން ބާއްވާފައިވެ އެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ބައެއް ޓުއާ އޮޕަރޭޓަރުން ވަނީ ޓީޓީއެމްގައި ބައިވެރިވެ ރާއްޖޭގެ ގިނަ ރިސޯޓުތަކާއެކު ބައްދަލުވުންތައް ބާއްވާފަ އެވެ. މިގޮތުން ރާއްޖޭގެ ބޮޑެތި ރިސޯޓުތައް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑާއި ޝެލްބްލޭކް ރަންދެލި ރިސޯޓުގެ އިތުރުން ބޮޑެތި ބްރޭންޑުތައް ބައިވެރިވެފައިވެ އެވެ.

މިފެއާގައި 100 އަށްވުރެ ރިސޯޓު/ ހޮޓާތަކާއި 150 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވެ އެވެ.

ޓީޓއެމް ފެއާ ބާއްވަނީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމަށެވެ.