ފިނިޕޭޖް

އައްޒައަށް އެންމެ ހާއްސައީ ހެދުންތައް، ލޯގަނޑަކީ ޖުމާ

މިހާރު ފިލްމީ ދާއިރާގައި އެންމެ އުހުގައި ފިޔަޖަހަނީ މަރިޔަމް އައްޒަ އެވެ. އެކްޓް ކުރުމުގެ ހުނަރާއި ހެދުން އެޅުމުގައިވެސް އެންމެ ކުރީގައި އުޅޭ އެއް ތަރިއަކީ އައްޒަ އެވެ. އައްޒަގެ އެންމެ ހާއްސަ ކަމަކީވެސް އެއީ އެވެ. އަބަދުވެސް ވަރަށް ރީތިކޮށް ހުންނަން މަސައްކަތް ކުރާ ތަރިއަކަށް އައްޒަ ވާނެ އެވެ.

މޭކަޕްކޮށް ރީތި ވެގެން ނޫނީ ގެއިން ބޭރަށްވެސް ނުނުކުމެވެ އެވެ. ރީތިކޮށް ހެދުން އެޅުމަށް ސަމާލުކަން ދެ އެވެ. އެންމެ ހާއްސަކޮށް ހަފްލާއަށް ކަހަލަ ތަނަކަށް ދާން ވެއްޖެނަމަ އެވެ. އެ ހަފްލާއެއްގައި އެންމެ ރީތި ހެދުމެއް ލައިގެން ހުންނަ ތަރިއަކީ ހަމަގައިމުވެސް އައްޒަ އެވެ. ގިނަ މީހުންނަށް އައްޒަ ކަމުދަނީވެސް އެހެންވެ އެވެ.

"އައްޒަ އަބަދުވެސް ބަލަނީ ސިމްޕަލް އަދި ސްޕެޝަލް ފީލްް ވާ ކަހަލަ ހެދުމެއް އިވެންޓުތަކުގައި،" އައްޒަ ބުންޏެވެ.

އެކަމަކު އެއީ އައްޒަ ދާ ހުރިހާ އިވެންޓެއްގައެއް ނޫނެވެ. އައްޒައަށް ހާއްސަ އިވެންޓުތަކުގަ އެވެ. އައްޒަގެ ފިލްމެއްގެ ލޯންޗިން ނުވަތަ ރިލީޒިން ކަހަލަ އިވެންޓުތަކުގަ އެވެ. އައްޒައަށް ހާއްސަކުރާ އިވެންޓުތަކުގައި ހެދުމުންވެސް ހާއްސަކަން އިހުސާސް ކުރެވެން ވާނެއް ނޫން ހެއްޔެވެ؟

އައިސް ޓީވީން ގެނެސްދިން އަޒޯނާ ޝޯގެ ހޯސްޓްގެ ގޮތުގައި އައްޒަ ފެނިގެން ދިޔައިރުވެސް އައްޒަ ފެނުނީ ވަރަށް ރީތިކޮށް ނަލަހެދިލައިގެންނެވެ. ރީތި ހެދުންތަކެއް އައްޒަ ވަނީ ދައްކާލާފަ އެވެ.

އައްޒަގެ އެ ރީތި ހެދުންތައް ފަރުމާކުުރުމުގައި ހަރަކާތްތެރިވަނީ ކޮން ބައެއް ކަން އެނގޭ ހެއްޔެވެ؟ ކުރީގެ ފިރިމީހާ އަދި ދަރިފުުޅުގެ ބައްޕަ އިސްމާއިލް ޖުމައިހް، ހުސެން ހާޒިމް (ސޭންޑީ)، ރަޒީނާ ތައުފީގް އެވެ. ބައެއް ފަހަރު ޖާދުﷲ އިސްމާއީލްގެ ރީތި މަސައްކަތްވެސް ފެނިގެންދެ އެވެ.

މިިއން ކޮންމެ ފެހުން ތެރިއެއް އައްޒަގެ ހެދުން ފެހި ނަމަވެސް ފައިނަލް ކުރާނީ ޖުމާ އެވެ. އައްޒަގެ އެންމެ ހާއްސަ ސްޓައިލިސްޓަކީ އެއީ އެވެ.

"އައްޒަ ގޮސް ބުނަނީ މިވެނި ކަހަލަ އިވެންޓަކަށް ދާންށޭ. ބުނީމަ އެންމެންވެސް ދޭނެ ވަރަށް ގިނަ ހިޔާލު، އެމީހުންނަށް ވަރަށް ރަނގަޅަށް އައްޒަ އެނގޭ، އައްޒަ އާ ގުޅޭނެ ގޮތްތަކާއި އައްޒައަށް ކަމުދާނެ ކަހަލ ހެދުންތައް، އެކަމަކު އައްޒަ ފައިނަލް ކުރާނީ ޖުމާ އާ ވާހަކަ ދައްކާފަ،"

އާންމުކޮށް އޮންނަ އިވެންޓްތަކަށް ސިމްޕަލްކޮށް ހެދުން އެޅިނަމަވެސް ފިލްމް އެވޯޑްތައް ފަދަ ބޮޑެތި ރަސްމިއްޔާތުތަކަށް އައްޒަ ބޭނުންވަނީ ތަފާތު އަދި ގްރޭންޑް ހެދުމެއް އަޅާށެވެ. އައްޒައަށް އެންމެ ހާއްސަ އެކައްޗަކީ ބޭނުންކުރާ ހެދުންތަކެވެ.

ހެދުމާ ގުޅޭގޮތަށް އައްޒަގެ މޭކަޕް އާންމުކޮށް ކުރަނީ ސްޓައިލޯ ސެލޫން ނުވަތަ ޖުމާ އެވެ. އައްޒަގެ ހެދުންތަކުން ފެށިގެން ތުންފަތުގައި ޖައްސާލާ ކުލަވެސް ފައިނަލް ކުރާނީ ޖުމާ އެވެ. ޖުމާ އަކީ ހަމައެކަނި އައްޒަގެ ދަރިފުޅުގެ ބައްޕައެއް ނޫނެވެ. އައްޒަގެ ސްޓައިލިސްޓް އަދި މޫނު ބަލާ ލޯގަނޑުވެސްމެ އެވެ.

މިއިން ހެދުމަކަށް މިހާތަނަށް އައްޒައަށް މާބޮޑު ހަރަދެއް ކުރަން ޖެހިފައެއް ނެތެވެ. އެންމެންވެސް އޭނާއަށް ހެދުން ފަހައިދެނީ ހަދިޔާއެއްގެ ގޮތުގައި އަދި ވަރަށް ލޯބިން ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ.