ވިޔަފާރި

ކުންމިން ފެއާގެ ކާމިޔާބީ: ދިވެހި ކާށިތެޔޮ ޗައިނާއަށް!

  • ސަރުކާރުގެ ބޮޑު ސަޕޯޓެއް ލިބުނު
  • އާ ބައެއް، ޗައިނާގެ މާކެޓަށް
  • އިތުރަށް ވިޔަފާރި ފުޅާ ވެގެންދާނެ

ދިވެހި ޒުވާނުން މޮޅެވެ. ދިވެހިން ހުނަރުވެރި އެވެ. ނަމަވެސް މި ހުނަރު ރާއްޖޭގެ ހަފޮޅުން ބޭރުކުރާނެ ގޮތެއް ކުރިން ނުދެއްކެ އެވެ. ނަމަވެސް މިދިޔަ އަހަރާއި މި އަހަރު ޗައިނާގައި ބޭއްވި ކުންމިން ފެއާގައި ސަރުކާރުގެ އެހީތެރިކަމާއެކު މި ފުރުސަތު ފުޅާކޮށް ދިނުމުގެ ނަތީޖާއަކީ މިއީ އެވެ. ދިވެހި ކުންފުންޏަކުން މިވަނީ ކާމިޔާބުކަމާއެކު ޗައިނާގައި ވިޔަފާރި ފަށާފަ އެވެ. މުޅިން އަލަށް އުފަންވި ޒުވާނުން ހިމެނޭ "އަލްޓިމޭޓް މޯލްޑިވްސް" އިން ދިވެހި ކާށިތެލާއި ދިވެހި އަލަށް ޗައިނާގައި ތައާރަފުކޮށްފި އެވެ. އަދި ދިވެހިކާށި ތެޔޮ ޗައިނާ ކޮސްކޮށްލައިފި އެވެ.

"ކުރިން އެއް ގޮތަކަށް ވެސް ހީވެސް ނުކުރަން އެތަނުގައި [ޗައިނާ] ގަ މިވަރުގެ ފުރުސަތެއް އޮތް ކަމަށް. އެކަމަކު ޗައިނާއަށް ގޮސް ޕްރޮޑަކްޓްތައް ދައްކާލުމުން ވަރަށް ގިނަ ދޮރުތަކެއް ހުޅުވިއްޖެ. އަޅުގަނޑުމެން ގެންދިޔަ އެއްޗިހީގެ ތެރެއިން ބައެއް ތަކެއްޗަށް މިވަނީ ރަނގަޅު ޑީލްތަކެއް ލިބި. ފޮނުވަން ވެސް ފެށިފައި،" ޗައިނާއާއެކު ވިޔަފާރީ ގުޅުން އުފެއްދި ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ ހެޑް މަމްދޫހު ސުޖާއު ވިދާޅުވި އެވެ.

އަލަށް ވިޔަފާރި ފެށި ޒުވާނުން

މި ކުންފުނިން މި އަހަރުގެ ޗައިނާ، ކުންމިން ފެއާ އަށް ދިޔައީ ދަޅުމަހާއި ދިވެހި އަލަ އަދި ކާށިތެޔޮ ހިފައިގެންނެވެ. މި ހުރިހާ ތަކެއްޗެއް ވެސް ގެންގޮސްފައިވަނީ އެ ކުންފުނީގެ އަމިއްލަ ލޭބަލްގައި އަމިއްލަ ޕްރޮޑަކްޓުގެ ގޮތުގަ އެވެ.

"ސަރުކާރުން ވެސް އަދި ގިނަ ބަޔަކު މި ދަނީ އާ މީހުން މަސައްކަތުގެ ތެެރެ އަށް ނެރެން މަސައްކަތް ކުރަމުން. އެ މަސައްކަތުގެ ދަށުން އަޅުގަނޑުމެން ވެސް ޕްރޮޑަކްޓް ތަކެއް ހަދައި ޗައިނާ އަށް ދިޔައީ،" މަންދޫހު ވިދާޅުވި އެވެ.

ކުންމިން ފެއާ އަށް ދިޔައިރު ގެންދިޔަ އެންމެ ހާއްސަ އެއް ޕްރޮޑަކްޓަކީ ތާޒާ ކާށި ތެލެވެ. ތެޔޮ ފުޅީގައި ފެންވަރު ރަނގަޅުކޮށް ބަންދުކޮށްގެން ގޮސް ވަނީ ޗައިނާ މީހުން ކޮސްކޮށްލާފަ އެވެ. މިގޮތުން ކާށިތެޔޮ އަލްޓިމޭޓް މޯލްޑިވްސް އިން ގެންދިޔަ ކާށިތެލަކީ ބޮލާއި ގައިގައި ލާށް އަދި ކެއްކުމަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ.

"މީހަމަ 100 ޕަސެންޓް ތާޒާ ތެޔޮ. އަޅުގަނޑުމެންނަށް ވަރަށް ސަޕޯޓު ލިބުނު. ޗައިނާގެ ޑިސްރިބިއުޓަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ޗައިނާއަށް ދިޔައީ ވެސް 6،000 ފުޅި ހިފައިގެން. ކުންމިން ފެއާގައި މި ހުރިހާ ފުޅިތަކެއް ވެސް ވިކި ހުސްވި،" މަންދޫހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާށިތެޔޮ ކުންމިންގައި މަގުބޫލުވި އެއް ސަބަބަކީ އެތަނުގެ މޫސުން ކަމަށެވެ.

"މި ތެޔޮ ޒުވާނުންނަށް ވެސް ކަމުދިޔަ. މިއަށްވުރެ މެދު އުމުރާއި އުމުން ދުވަސްވީ މީހުންގެ މެދުގައި އެންމެ މަގުބޫލުވީ ވަރަށް ގިނަ މީހުން މިއަށް ޝައުގުވެރިވި،" މަންދޫހު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ ބޮޑު ސަޕޯޓެއް!

މިދިޔަ އަހަރުގެ ޗައިނާ ކުންމިން ފެއާއަށް ދިޔައިރު ދިވެހި ސަރުކާރުގެ ހަރަދުގައި ގިނަ ކުންފުނިތަކެއް ބައިވެރި ކުރި އެވެ. މިދިޔަ އަހަރު ރާއްޖެއަކީ މިފެއާގެ ކަންޓްރީ އޮފް އޮނާ އެވެ. ގިނަ ކުންފުނިތަކުން ބައިވެރިވީ އެހެންވެ އެވެ. ނަމަވެސް މި އަހަރު ބައިވެރިވީ މަދު ކުންފުނިތަކެވެ. ނަމަވެސް މި އަހަރު ވެސް ސަރުކާރުން ވަނީ ބޮޑު ސަޕޯޓެއް ކުންފުނިތަކަށް ދީފަ އެވެ.

މަންދޫހު ވިދާޅުވީ ޗައިނާ އަށް ދިއުމުގައި އިކޮނޮމިކް މިނިސްޓަރީން ބޮޑު ސަޕޯޓެއް ލިބުނު ކަމަށެވެ.

"ޗައިނާގައި ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. ސަރުކާރުގެ އިތުރުން ޗައިނާގައި ކިޔަވަން ތިބޭ ދިވެހި ކުދިން ވަރަށް ބޮޑު އެހީތެރިކަމެއް ދިން. ޗައިނާގަ އެންމެ ބޮޑު ދައްޗަކީ ލޭންގުއޭޖު. އެތަނުގައި އުޅޭ ދިވެހި ކުދިންގެ އެހީތެރިކަން ނުލިބުނުނަމަ ވަރަށް ދަތިވާނެ،" މަންދޫހު ވިދާޅުވި އެވެ.

މި ސަޕޯޓާއެކު ކުންމިންގެ ބޮޑެތި ސުޕަމާޓު ތަކުގައި ދިވެހި ކާށިތެޔޮ ބަހައްޓަން މިހާރު ވަނީ ނިންމާފަ އެވެ.

ނާށި ދެލި ވެސް ޗައިނާއިން ބޭނުންވޭ!

ކުންމިން ފެއާގައި ވިޔަފާރިތަކާއެކު ގުޅުން ބަދަހި ކުރުން ވެގެން ދިޔައީ، އިތުރު ގުޅުންތައް ބަދަހިވުމެވެ. މިގޮތުން މި ކުންފުންޏަށް މިހާރު މިވަނީ ނާށި ދެލި ޗައިނާ އަށް ސަޕްލައި ކުރަން ވެސް ޑީލެއް ލިބިފަ އެވެ.

މަންދޫހު ވިދާޅުވީ ޗައިނާގެ ކުންފުންޏަކުން ގުޅައި ނާށިދެލި ބޭނުންވާ ކަމަށް ވެސް ބުނެ، އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ޗައިނާ އިން ބޭނުންވަނީ ވަރަށް ބޮޑު ޝިޕްމަންޓެއް. ނަމަވެސް އަޅުގަނޑު ބުނީ އެވަރެއް ނުފޮނުވޭނެއޭ. ދެން އެކޮޅުން ބުނެފައި އޮތީ ފޮނުވޭނެ އެންމެ ގިނައިން ފޮނުވަން. އެހެންވެ އިތުރު އެހެން ވިޔަފާރިއެއްވެސް މިވަނީ ހުޅުވިފަ. އެ މަސައްކަތް މި ކުރަނީ،" މަންދޫހު ވިދާޅުވި އެވެ.

މި ފަދަ ފުރުސަތު ތަކުގެ ބޭނުން ހިފަންވީ!

މަންދޫހު ވިދާޅުވީ މިގޮތަށް ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންވެސް ކުރިން ހިއެއް ނުކުރަން މިވަރުގެ ފުރުސަތެއް ޗައިނާގައި އޮތް ކަމަށް. އެކަމަކު ވަރަށް ބޮޑު ފުރުސަތުތަކެއް ދިވެހިންނަށް އެބައޮތް. އެހެންވެ އަޅުގަނޑު ބުނެލަން ބޭނުންވަނީ ކިތަންމެ ކުޑަކޮށް އެއްޗެއް އުފެދިއަސް އެ ހިފައިގެން ފެއާތަކަށް ދާށޭ. ހާއްސަކޮށް ލިބޭ ފުރުސަތު ތަކުގެ ބޭނުންކުރާށޭ. އޭރުން އިތުރު ދޮރުތަކެއް ހުޅުވޭނެއޭ."