މިއުޒިކް

ޖައިޝާ ބިދަބިންގެ ބޭންޑް އެޕެލެން އާ ގުޅިއްޖެ

މިއީ އެންމެ ފުރަތަމަ ލަވަ ކިޔަން ލަދުން އުޅުނު އައިޝަތު ޖައިޝާ އެވެ. ލަދު ކަނޑާލާފައި މޯލްޑިވިއަން އައިޑޮލް އަށް އަރައި އެންމެންގެ ހިތްތަކަށް ވެރިވެގަތީ އެވެ. އެފަހުން ބިދަބިން ބޮޑުބެރު ގްރޫޕްގެ ޕޮޕް ބޭންޑް "އެޕެލެން" އާ އެކު ދެތިން ޝޯއެއްގައި ޕާފޯމް ކުރި އެވެ.

އެ ޝޯތަކުގައި އެ ބޭންޑާއެކު ލައިން އަޕެއްގެ ގޮތުގައި ޖައި ލަވަ ކީ ނަމަވެސް މިހާރު އެއީ އެ ބޭންޑްގެ މެންބަރެކެވެ. ރަސްމީކޮށް ބޭންޑާ ގުޅުނީ މި މަހު ހައެއްގަ އެވެ.

ބޭންޑާއެކު ޝޯއަކަށް މިހާރު ޖައި އަންނަނީ ތައްޔާރު ވަމުންނެވެ. ޖައިއާ އެކު އެ ބޭންޑުގައި އައިޑޮލް އިން ވިދާލި މުހައްމަދު ރީހާންވެސް އެ ބޭންޑުގައި ލަވަ ކިޔާނެ އެވެ.

ޖައި މިހާރު އަންނަނީ އޭނާގެ އަމިއްލަ ސޯލޯ ދެ ލަވައެއްގެ މަސައްކަތް ކުރަމުންނެެވެ. ޖައި އަމިއްލައަށް ލިރިކްސް އަދި މެލޮޑީ އުފައްދާ ދެ ލަވަ އެވެ. މިހާރު ކުރިއަށް ދަނީ މިއުޒިކް އެރޭންޖް ކުރުމުގެ މަސައްކަތެވެ. ޖައި ބުނީ ދެ މަސް ދުވަހުގެ ތެރޭގައި ލަވަތައް ރިލީޒް ކުރާނެ ކަމަށެވެ. އެލަވަތައް ނެރެން ހަމަޖެހިފައި އޯޑިއޯ ލަވަތަކެއްގެ ގޮތުގަ އެވެ.

ދިވެހި މިއުޒިކް އިންޑްސްޓްރީގައި އުޅޭ ލަވަ ކިޔުންތެރިންގެ ތެރެއިން ޖައިޝާ އެންމެ އިންސްޕަޔާވަނީ އައިޑޮލްގެ ޖަޖު އިސްމާއީލް އައްފާންގެ ލަވަތަކުންނެވެ. ޖައިޝާގެ އެންމެ ބޮޑު އެއް ހުވަފެނަކީވެސް އައްފާން އާ އެކު ލަވައެއް ކިޔާލުމެވެ. މަރިޔަމް އުނޫޝާ، ރާފިޔަތު ރަމީޒާ، އަންދަލާ ހަލީމް މިއީ ހުސް އެކުގައި މަސައްކަތް ކޮށްލަން ޖައިޝާ ބޭނުންވެ އެވެ.

މުސްތަގްބަލުގައި ޖައި ފެންނާނީ ލޯޔަރެއް އަދި އާޓިސްޓެއްގެ ގޮތުގަ އެވެ. ޖައިޝާ އަންނަނީ އައިޔޫއެމްގައި ލޯ ކިޔަވަމުންނެވެ. މިއީ ކޯހުގެ ތިން ވަނަ އަހަރެވެ.