އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އޮތީ ރާއްޖެ ތަރައްގިވިޔަ ނުދިނުމާއެކު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ރާއްޖެއަށް އަންނަ ތަރައްގީ ހުއްޓުވުމުގެ ނުސާފު ނިޔަތް ކަމަށާއި އެކަން އެގޮތަށް ވެގެން ނުދާނެ ކަމަށް އިކްނޮމިކް މިނިސްޓްރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މައުމޫނުގެ 30 އަހަރަކީ "ލެއިން ތަތްތެޅިފައިވާ އަނިޔާވެރި 30 އަހަރު ކަމަށް" ސިފަކުރި ފަރާތްތަކަށް މިއަދު ރައީސް މައުމޫނުގެ ސިޔާސީ އެހީތެރިކަން ލިބުމާއެކު "ލޭގެ ވެރިކަން" އެއީ ތާހިރުވެރި ކަމަކަށް ބަދަލުވެ "ޑިކްޓޭޓާ" އެއްގެ ގޮތުގައި ސިފަ ކުރި އެ ރައީސަކީ ދުނިޔޭގައި ހުންނެވީ އެންމެ ވަރުގަދަ ޑިމޮކްރެޓިކް ލީޑަރަށް ބަދަލު ކޮށްފައ ވުމަކީ ވިސްނާ މީހުންނަށް އިބްރަތެއް ކަމަށާއި އެއިން ދައްކައިދެނީ އިދިކޮޅު ފަރާތްތަކަކީ ރާއްޖެއަށް ތަރައްގީ އައުމަށް އެފަރާތްތަކުން ނޭދުމާއި އެކަން ކަމަށް ހުރަސް އަޅައި ހުއްޓުވައިލަން މަސައްކަތް ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ މަހުޖަނަކު މުޅި ދައުލަތް ހިސޯރުކޮށްފައިވާ ކަމަށް ސިފަ ކުރި ބަޔަކު މިއަދު އެ މަހުޖަނުގެ ވަރެއް ނެތިގެން އުޅުމަކީ ރާއްޖޭގެ ރައްޔިތުންނަށް ނޭނގޭ ވަރުގެ ފުން ކަމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގޮނޑި ގެއްލޭ މައްސަލާގައި ސުޕްރީމް ކޯޓުން އައި ހުކުމާ ގުޅިގެން އެ ކޯޓަށް ފާޑު ކިޔާއިރު އެ ނޫން ގޮތަކަށް އެ ހުކުމް އައިނަމަ އެއީ ދުނިޔޭގައިވާ އެންމެ އިންސާފުވެރި ސުޕްރީމް ކޯޓުގެ ގޮތުގައި ވެސް ސިފަ ކުރާނެ ކަމަށެވެ.
"އެހެންވީމާ އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ރާއްޖެ ތަރައްގީވިޔަ ނުދީ ހަލާކުކޮށްލުން، ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި ރާއްޖެއަށް އަންނަ ތަރައްގީ ހުއްޓުވާލުން، މިއަދު ރައީސް މައުމޫން އެންމެ މޮޅު ލީޑަރަށް ރަން 30 އަހަރުގެ ބާނީއަށް އެމީހުން ބަދަލުކޮށްފައިވާއިރު މިއަދު ނޫނީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފިނަމަ އިތުބާރު ވެސް އޮންނާނެ، މަޖިލީހުގެ ރައީސް ކަމަށް އެވަރުގެ ކުފޫ ހަމަވާ، އަދި އެއަަށްވުރެ ފުރިހަމައަށް މޮޅަށް އެ މަސައްކަތް ކޮށްދެވޭނެ ބޭފުޅަކު ވެސް ނުހުންނާނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު ރައީސް އަބްދުﷲ ޔާމީނަށް ވެސް ރައީސް ނަޝީދު ހެއްދެވި ފަދަ "ޑީލް" ތައް ހައްދަވައި ޝޯޓްކަޓް ބޭނުން ކުރައްވައިގެން ކުރިޔަށް ވަޑައިގެންނެވެން އެބައޮތް ކަމަށާއި އެކަމަކު ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އެ ސަގާފަތް ރާއްޖެއިން ނައްތާލާ ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިޔާ ރާއްޖޭގެ އިގްތިސޯދުވެސް އޮތީ ހަމަމަގުގައި، ސިޔާސީ ގޮންޖެހުންތަކާއި ޖެއްސުން ކުރުންތައް ވެސް ހުއްޓުވާނެ، ސާފު ރީތި ކޮށް ހިންގާ ސިޔާސީ މަސައްކަތްތަކަށް ޖާގަ ހޯއްދަވައި ދެއްވާނެ ރައީސް،" ސައީދު ވިދާޅުވި އެވެ.