ހަބަރު

މުދަލު ޒަކާތުގެ ނިސޯބު ދަށްކޮށްފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ދަށްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބަކީ 4،944.45ރ ( ހަތަރުހާސް ނުވަ ސަތޭކަ ސާޅީސް ހަތަރު ރުފިޔާ / ސާޅީސް ފަސްލާރި) ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،777.45 (ފަސް ހާސް ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ / ސާލީސް ފަސް ލާރި) އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 11 މިލިއަން ރުފިޔާ ވަނީ ބަހާފަ އެވެ. އެއީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި 12،335 މީހުންނަށް ބޮލަކަށް 900 ރުފިޔާ އެވެ.

މުދަލު ޒަކާތް މިހާރު ބަލައިގަންނަނީ މީރާ އިންނެވެ. އެ ފައިސާ ޖަމާކުރާނީ ދައުލަތުން އެކަމަށްޓަކައި ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށެވެ. ޒަކާތް ބެހުމުގައި ހަރަކާތްތެރިވާނީ އިސްލާމިކް މިނިސްޓްރީންނެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.